ޚަބަރު

ލިވާތު ކުރާ ވީޑިއޯއިން ފެންނަނީ މެންބަރު ސަލީމް ނޫންކަން ސާފުކޮށް އެނގޭ: ފުލުހުން

ފިރިހެނަކާއެކު ލިވާތު ކުރާ ވީޑިއޯއިން ފެންނަނީ ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ އެމްޑީޕީގެ މެންބަރު އަދި ރާއްޖެ ޓީވީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސަލީމް (ސައްލެ) ނޫން ކަމަށް ފުލުހުން ބުނެފިއެވެ.

މިކަން ހާމަވެފައިވަނީ ފުލުހުން ސަލީމަށް ފޮނުވި ޖަވާބު ސިޓީއެއްގައެވެ. އެ ސިޓީގެ ކޮޕީއެއް ”ބޮންތި“ އަށް ވަނީ ލިބިފައެވެ.

ސިޓީގައިވާގޮތުން ވީޑިއޯއިން ފެންނަ ފަރާތަކީ މެންބަރު ސަލީމް ކަމުގައި ބެލެވޭނެ އެއްވެސް އަސާސެއް ނެތްކަން އެ މައްސަލަ ތަހުގީގު ކުރުމުން އެނގިފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.

ލިވާތު ކުރާ ވީޑީއޯއިން ފެންނަނީ މެންބަރު ސަލީމް ކަމަށް އޮންލައިން ނޫހެއް ކަމަށްވާ ”ދިޔަރެސް“ ނޫހުން ޖޫން 25 ވަނަ ދުވަހު ރިޕޯޓު ކުރުމާ ގުޅިގެން ސަލީމް ވަނީ އެ މައްސަލަ ފުލުހަށް ހުށަހަޅުއްވާފައެވެ. އަދި ގެއްލުމުގެ ބަދަލުގެ ގޮތުގައި ދިޔަރެސް ނޫހާ ދެކޮޅަށް 10 މިލިއަންއަށްވުރެ ގިނަ ރުފިޔާ ހޯދަން ސިވިލް ކޯޓަށް ސަލީމް ވަނީ ޖޫން 30 ގައި މައްސަލައެއްވެސް ހުށަހަޅުއްވާފައެވެ.

އެކަމާއި ގުޅިގެން މެމްބަރު ސަލީމްގެ ފަރާތުން މީގެ ކުރިން ނެރެފައިވާ ބަޔާނެއްގައި ބުނީ ދުވަހު ދިޔަރެސް ނޫހުގައި ޝާއިއުކޮށްފައިވާ ހަބަރަކީ އޭނާއާ ގުޅުވައި ގަސްދުގައި ދޮގު މައުލޫމާތު ފަތުރައި، ގެއްލުން ދިނުމުގެ މަގުސަދުގައި ޝާއިއުކޮށްފައިވާ ލިޔުމެއް ކަމުގައެވެ.

މެންބަރު ސަލީމަށް ކުރެވުނު ބޮޑު ތުހުމަތާ ގުޅިގެން އެބޭފުޅާގެ ބަހެއް ލިބޭތޯ “ބޮންތި” އިން ވަނީ ސަލީމްގެ ފޯނަށް މީގެ ކުރިން ގުޅާފައެވެ. ވަޓްސްއެޕް އަދި ޓެލެގްރާމުން ގުޅުމުންވެސް ޖަވާބެއް ނުދެއްވައެވެ، އަދި “ބޮންތި” އިން ކުރި މެސެޖަށް ވެސް ސަލީމް ޖަވާބު ދެއްވާފައެއް ނުވެއެވެ. ސަލީމް ޖަވާބު ނުދެއްވިޔަސް ފުލުހުން އެބޭފުޅާއަށް ފޮނުވި ސިޓީއިން އެނގޭގޮތުގައި އެއީ ސަލީމްގެ އެއްވެސް ބައިވެރިވުމެއް އޮތް ކަމެއް ކަމެއް ނުބެލެވެއެވެ.

އެކަމަކު ފުލުހުން އެކަން ދެނެގަތުމުގައި އަމަލުކޮށްފައިވާ ގޮތް ސިޓީގައި ބަޔާންކޮށްފައެއް ނުވެއެވެ.

 

One Comment

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button