ޚަބަރު

ޝެއިޚް ނިޝާން ބަންދު ކުރުމުން ރައީސް ސޯލިހު އާއި އިމްރާން ގޯސް ނުވެ އިޔާޒަށް ގޯސްވީ ނަޝީދު އާއި ފުލުހުންނާއި ޕީޖީ

ޝެއިޚް އާދަމް ނިޝާން ބަންދުކުރުމުން ފިގުހީ އިލްމުވެރިޔާ ޑރ.މުހައްމަދު އިޔާޒު އަބްދުއްލަތީފަށް ފުލުހުންނާއި ޕްރޮސެކިއުޓަރ ޖެނެރަލް އެކަނި ގޯސްވެއްޖެއެވެ.

އިޔާޒު ކުރެއްވި ޓުވީޓެއްގައި ވަނީ ޝެއިޚް ނިޝާން ދެއްކެވި ވާހަކައެއްގެ ސަބަބުން ބަޔަކު މީހުން މަރާމާރީ ހިންގިކަމަށް ބުނެ، ޝެއިޚްގެ ބޮލުގައި ޒިންމާ އަޅުވައި، އެކަމުގެ މަސްއޫލިއްޔަތު ޝެއިޚް އުފުއްލަން ޖެއްސުމަކީ އިންސާފުތޯ ސުވާލު އުފައްދަވާފައެވެ.

”ހަމަޔާއި އިންސާފަކީ އެކިމީހުންނަށް އެކިގޮތަށް އޮންނަ އެއްޗެއްތޯ.“ އިޔާޒު ވިދާޅުވިއެވެ.

އޭނާގެ ޓުވީޓު އަމާޒު ކުރެއްވީ ފުލުހުންނާއި ޕީޖީއަށެވެ. ސަބަބކީ އެ ދެ މުއައްސަސާ ޓެގްކުރައްވާފައިވާތީއެވެ.

‎އިޔާޒުގެ މި ޓުވީޓުގެ ކުރިން އޭނާގެ ބަހުގެ ހަމަލާތައް އަމާޒު ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަށެވެ. އެގޮތުން ރައީސް ނަޝީދު 7 ފެބުރުއަރީ 2012 ގައި ވެރިކަމުން އިސްތިއުފާ ދެއްވުމަށްފަހު ޖެހިގެން އައި ދުވަހު އެމްޑީޕީއަށް ނިސްބަތްވާ ބަޔަކު ދައުލަތުގެ އެކި ތަންތަނުގައި ހުޅު ޖެހި ހާދިސާއަށް އިޝާރާތް ކުރައްވައި އިޔާޒު ވިދާޅުވީ އެކަމުގައި ރައީސް ނަޝީދު ޒިންމާ ނަންގަވަން ނުޖެހިފައި މުންކަރާތެއް ހުއްޓުވަން  ޝެއިޚް ނިޝާން ދެއްކެވި ވާހަކައެއްގެ ސަބަބުން އަދަބު ލިބުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމުގައެވެ.

ޖޫން 21 ގައި ގަލޮޅު ދަނޑުގައި ސަރުކާރާއި އިންޑިއާއިން ބޭއްވި ޔޯގާ ހަރަކާތް ހުއްޓުވުމަށް ހިނގި ހަމަނުޖެހުމާއި ގުޅިގެން ޝެއިޚް ނިޝާން ބަންދު ކުރި ކުރުމާއި ރައީސް ނަޝީދު އާއި އިޔާޒު ގުޅުވި އިރު, ނަޝީދަކީ މަޖިލީހުގެ ރައީސެވެ. އަދި ދައުލަތުގެ އެންމެ އިސްވެރިޔާއަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. އަދި ތިންބާރު ވަކިވެފައިވާ ނިޒާމެއްގައި ޝެއިޚް ނިޝާންގެ މައްސަލަ ހައްލު ކޮށްދެވުމަށް ގާނޫނީ އިމުގެ ތެރެއިން މަސައްކަތް ކޮށްދެވޭނީ ރައީސް ސޯލިހަށެވެ.

ހާއްސަކޮށް ޔޯގާ ހަމަނުޖެހުމާގުޅިގެން ފުލުހުން މައިގަނޑުގޮތެއްގައި އަމަލު ކުރަމުން އަންނަނީ ސީދާ ރައީސް ސޯލިހު އެކުލަވާލި ކޮމެޓީއެއްގެ ނިންމުމަށެވެ. އެ ކޮމެޓީގައި ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު އިންނަވައެވެ. އަދި އިޔާޒު ނިސްބަތްވާ އަދާލަތު ޕާޓީގެ ރައީސް ކަމުގައިވާ ހޯމް މިނިސްޓަރު އިމްރާންވެސް އެކޮމެޓީގައި އިންނަވައެވެ.

އެހެންކަމުން ޝެއިޚް ނިޝާންގެ މައްސަލައިގައި ރައީސް ސޯލިހު ޒިންމާ ނަންގަވަން ނުޖެހިފައި ރައީސް ނަޝީދު ޒިންމާ ނަންގަވަންޖެހޭނެ ގާނޫނީ ހަމައެއް ނެތެވެ. އަދި އިޔާޒަށް ރައީސް ސޯލިހާއި އިމްރާން ގޯސް ނުވެ ނަޝީދު ގޯސްވުމުގެ ސަބަބަކީ އިޔާޒު ރައީސް ސޯލިހަށް ކެނޑިނޭޅި ސަނާކިޔަމުން ގެންދިއުންކަމަށް ބުނުމުގެ ޖާގަ އެބައޮތެވެ.

One Comment

  1. މުސްކުޅި ބަހެއްގަ އޮވޭ ރުހުމުގެ ލޮލަކަށް އައިބެއް ނުފެންނާނެޔޭ އިޔާޒް ބުނާގޮތުން ސާލިހަކީ މާތް މީހެއް . އެހެންވީމަ އޭނާ އެފަދަ ކަމެއްގަ ޓެގް ނުކުރާނެތާ. އަހަރެމެން ދަންނަ މާތް މީހުނަކީ ފަރުޟު ނަމާދުތަކާ ސުންނަތް ނަމާދުތައް ކޮށް ސުންނަތް ރޯދަހިފާ ފަގީރުންނަށް އެހީތެރިކަން ފޯރުވާ ޢަދުލް އިންސާބަށް ލޯބިކުރާ މީހުން. މިފަދަ އެއްވެސް ސިފައެއް ނެތް އިޔާޒުގެ މާތްމީހާގެ ކިބަޔަކު.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button