ޚަބަރުސިޔާސީ

އަލަމްގީރާއެކު އެއްޖިންސުން ގުޅުން ހިންގި ފުލުސް މީހާ މާފުށީ ޖަލުގެ ވީއައިޕީ ކޮޓަރިއަކަށް ބަދަލުކޮށްފި

އެމްޑީ އަލަމްގީރާއެކު އެއްޖިންސުން ގުޅުން ހިންގިކަމުގެ ކުށް ސާބިތުވި މީހުންގެތެރޭގައި ހިމެނޭ ފުލުހެއް ކަމުގައިވާ އަބްދުއްރަހުމާން ރަފީއު (ދޮންދިގު) ޖަލުގައި ހުރި އޭސީ ކޮޓަރިއަކަށް ބަދަލުކޮށްފިއެވެ.

މި އަހަރު ސެޕްޓެންބަރު މަހުގައި އަބްދުއްރަހުމާނު ރަފީއު ވަނީ އެއްޖިންސުން ގުޅުން ހިންގި މައްސަލާގައި 1 އަހަރާއި 1 މަހުގެ މުއްދަތަކަށް ޖަލަށް ލާން ހުކުމްކޮށްފައެވެ. މި ހުކުމް ތަންފީޒުކުރުމަށްޓަކައި އޭނާ ގެންދިޔައީ މާފުށި ޖަލުގެ ޔުނިޓު 2 ގެ އެންމެ އާދައިގެ ގޮޅިއަކަށެވެ.

އެކަމަކު މައުލޫމާތު ލިބޭގޮތުގައި، މާފުށީ ޖަލުގެ ޔުނިޓު 10 އެއްގެ ވީއައިޕީ ކޮޓަރިއަކަށް އަބްދުއްރަހުމާނު ރަފީއު ބަދަލުކުރުމަށް ސަރުކާރުން ބުނެގެން މިހާރު އޭނާވަނީ އެތަނަށް ބަދަލުކޮށްފައެވެ. ވީއައިޕީ ކޮޓަރިތަކަކީ އަރާމުގައި ހުރެވޭ ގޮތަށް އޭސީކޮށް އެނދު ބަހައްޓާފައި ހުންނަ ތަނެކެވެ. އެންމެ ވިންގެއް ފިޔަވައި ޔުނިޓު 10 ގައި ހުންނަ ހުރިހާ ވިންގުތަކަކީވެސް ވީއައިޕީ ވިންގުތަކެކެވެ. ވީއައިޕީ ވިންގުގައި ހުންނަ ކޮޓަރިތަކުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ވެސް ވަނީ ޖަލު ހުކުމް ތަންފީޒުކުރައްވާފައެވެ. ޔުނިޓު 10 ގައި ހުންނަ ވީއައިޕީ ނޫން ވިންގުގައި މިވަގުތު ޖަލު ހުކުމް ތަންފީޒުކުރަމުންދަނީ 6 މެއި ހަމަލާއާ ގުޅިގެން ހައްޔަރުކުރި މީހުންނެވެ.

އަބްދުއްރަހުމާނު ރަފީއުގެ އަދަބު ބޮޑުވެގެން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ވަނީ އޭނާގެ މައްސަލަ އިސްތިއުނާފު ކޮށްފައެވެ. އަދި އޭނާގެ އަދަބު 7 މަހާއި 7 ދުވަހަށް ކުޑަކޮށްދިނުމަށް ޕީޖީ އޮފީހުން އެދިފައިވެއެވެ. މިފަދައިން އެއްޖިންސުން ގުޅުން ހިންގި މީހުންގެ އަދަބު ބޮޑުވެގެން، އެ އަދަބު ލުއިކުރަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން މަސައްކަތްކުރާއިރު، އެއް ޖިންސުން ގުޅުންހިންގި ކަމަށް ތުހުމަތުވާ މީހުންގެ މައްޗަށް ޕީޖީ އިން ދައުވާކޮށްފައިވަނީވެސް ލުއި އަދަބު ލިބޭގޮތަށްކަން ފާހަގަކުރެވެއެވެ.

އެއްޖިންސުން ގުޅުން ހިންގުން އެއީ ކުށެއްގެ ގޮތުގައި، ޖިންސީ ކުށުގެ ގާނޫނުގައި އޮވެއެވެ. އަދި އެ ގާނޫނުގައިވާ ގޮތުން ރުހުމުގައި އެކަކު އަނެކަކު ޖިންސީ ގުޅުން ހިންގައިފިކަމުގައިވާނަމަ، އަދަބަކީ 5-7 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ކަމަށް ބުނެފައިވެއެވެ. ނަމަވެސް އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި ހައްޔަރުކުރެވުނު މީހުންގެ މައްޗަށް ދައުލަތުން ދައުވާ ކުރީ ގާނޫނުލްއުގޫބާތުގެ ދަށުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button