ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި ސިޔާސީ މީހުން ތިބުމަށް ތާއީދުކޮށް އެމްޑީޕީގެ މެންބަރުން ރައްޔިތުންގެ މަޖިލީހުގައި ބަހުސްކޮށްފިއެވެ.
ޖޭއެސްސީގައި މިހާރު ތިއްބެވި ސިޔާސީ ބޭފުޅުން ނުހިމަނައި އެ ކޮމިޝަން އެކުލެވިގެންވާ ގޮތް ބަދަލުކުރުމަށް މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު (ޓޮމް) ގާނޫނުއަސާސީ އަށް ހުށަހެޅި އިސްލާހުގެ ބަހުސްގައި ވާހަކަފުޅު ދައްކަވަމުން ކަނޑިތީމު ދާއިރާގެ މެންބަރު އަބްދުﷲ ޝަހީމް ވިދާޅުވީ ޖޭއެސްސީގައި ސިޔާސީ މީހުން ތިބުމަށް ވުރެ އޭނާ ކަންބޮޑުވަނީ އެ ކޮމިޝަންގައި ފަނޑިޔާރުންނާއި ގާނޫނީ ވަކީލުން ތިބޭތީ ކަމަށެވެ. އަދި މަޖިލީހުގައި ހިމެނޭ ކޮންމެ ސިޔާސީ ޕާޓީއަކުން އެއް މެންބަރަކު އެ ކޮމިޝަންގައި ހުންނަން ޖެހޭ ކަމަށް ޝަހީމް ވިދާޅުވި އެވެ.
މި ބަހުސްގައި ވާހަކަފުޅު ދައްކަވަމުން މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވީ ޖޭއެސްސީން ސިޔާސީ މީހުން ބޭރުކުރުމަކީ ފަނޑިޔާރުން ޖަވާބުދާރީ ކުރުވުމަށް އެޅޭނެ އެންމެ ރަނގަޅު ފިޔަވަޅު ކަމަށް ގަބޫލު ކުރުމަކީ ތަސައްވުރު ނުފުދޭ ޅަ ވިސްނުމެއް ކަމަށް ސައުތު އެފްރިކާގެ ކުރީގެ އުއްތަމަ ފަނޑިޔާރު ކްރީގްލާގެ ދިރާސާއެއްގައި ވިދާޅުވެފައިވާ ކަމަށެވެ.
މިކަމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން އެ ކޮމިޝަންގައި އިންނަވާ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ޖޭއެސްސީ ގައި ސިޔާސީ ބާރުވެރިކަން ފޯރުވަން ޖެހޭ ވަރަށް ފޯރުވަން ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު އެ ކޮމިޝަންގައި އިންނަވަން ޖެހޭ ކަމުގައެވެ.
ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރުމާއި އެ ކޮމިޝަންގައި ތިބި ސިޔާސީ މީހުން ބޭރުކުރުމަކީ އެމްޑީޕީގެ އިސް ބޭފުޅުން މީގެ ކުރިން ވަރަށް ގަދައަށް ވަކާލާތު ކުރަމުންް އައި ކަމެކެވެ.