
މާލޭ ސިޓީ ކައުންސިލްގެ މަޝްރޫއުތައް ހުއްޓުވަން ސަރުކާރުން މަސައްކަތްކުރާ ކަމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ތުހުމަތުކުރައްވައިފި އެވެ.
މާލޭ ސިޓީ ކައުންސިލުން ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން މުއިއްޒު ވިދާޅުވީ ސަރުކާރުގެ އެެކި އިދާރާތަކުން އެދޭ ހުރިހާ ކަމެއްގައި އެ ކައުންސިލުން ފުރިހަމަ އެއްބާރުލުން ދިނަސް، ކައުންސިލްގެ ކަންކަމުގައި ސަރުކާރުގެ ފަރާތުން އެއްވެސް އެހީތެރިކަމެއް ނުލިބި، އެކި ގޮތްގޮތުން ހުރަސްތައް ކުރިމަތިކުރަމުންދާ ކަމަށެވެ.
އެކަމަށް ހެކި ދައްކަވަމުން މޭޔާރ މުއިއްޒު ވިދާޅުވީ މާލޭގެ މަގުތައް ހަދަން އާރްޑީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ ޕްރޮޖެކްޓަށް ބޭނުންވާ ފައިސާ ހަމަނުޖެހިގެން މީގެ ތިން މަސް ކުރިން އޮތީ މަސައްކަތް ހުއްޓިފަ ކަމަށެވެ. އަދި އެ ފައިސާ ނުދީ ސަރުކާރުން ހިފަހައްޓާފައި ވަނީ ގަސްތުގައި ކަމުގައި މޭޔާރ ތުހުމަތު ކުރައްވާފައިވެއެވެ.
”މިދިޔަ ކައުންސިލްގެ ފެށުނު މަޝްރޫއެއް. އެކަމަކު މި ކައުންސިލް އައީމަ ކުޑަ ތަންކޮޅެއް ކުރިއަށް ދިޔައީ. އަޅުގަނޑުމެންނަށް ހެދުނީ އެންމެ މަގެއް. ހަދާފައި މިހާރު ތިން މަސް މި ވީ، ބަޖެޓް ހިފަހައްޓާފައި އޮންނަތާ،“ މޭޔަރު ވިދާޅުވި އެވެ.
މުއިއްޒު އިތުރަށް ވިދާޅުވީ ޕާކިން އަށް ކައުންސިލުން ބިން ވިއްކަން އުޅޭ ކަމަށް ބުނެ ދައްކާ ވާހަކަތަކަކީ އެއްވެސް އަސްލެއް ނެތް ވާހަކަތަކެއް ކަމަށާއި މާލެއިން 1،000 ޕާކިން ޖާގަ ދެނީ ދެ ގޮތަކަށް ކަމަށެވެ. އެއީ މަހު ފީ ނަގާ ގޮތަށް ކުއްޔަށް ދޭ ޕާކިން ޖާގަތަކަކާއި ދިގު މުއްދަތަކަށް ފައިސާ ދައްކާ ގޮތަށް ދޫކުރާ ޕާކިން ޖާގަތަކެކެވެ.