
ރާއްޖެ އެކި ގައުމުތަކާއެކު ގާއިމުކޮށްފައިވާ ގުޅުންތަކަށް ނޭދެވޭ އަސަރު ފޯރާ ގޮތަށް ހިންގާ އަމަލުތަކަކީ ޖިނާއީ ކުށަކަށް ހަދަން ޑްރާފްޓް ކޮށްފައިވާ ބިލަށް މޯލްޑިވްސް ނޭޝަނަލް ޕާޓީ ( އެމްއެންޕީ ) އިން ތާއީދު ނުކުރާ ކަމުގައި އެޕާޓީގެ ރައީސް ކާނަލް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
އެމްއެންޕީ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނާޒިމް ވިދާޅުވީ ގާނޫނު އަސާސީގެ 27 ވަނަ މާއްދާއިން ލިބިދޭ ހިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ އިހްތިރާމްކުރަން ޖެހޭ ކަމަށެވެ. އަދި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނާއި ހިލާފަށް މަޖިލީހަށް ބިލެއް ހުށަހަޅައި ފާސްކުރެވިދާނެ ކަމަށް ގަބޫލްނުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ނާޒިމް އިތުރަށް ވިދާޅުވީ އިންޑިއާ އައުޓް ފަދަ ހަރަކާތްތައް ކުރިއަށް ދަނީ ސަރުކާރުގެ ދެފުށްފެންނަ ސިޔާސަތެއް ނެތުމުން ކަމަށެވެ.