އިންޑިއާ ސިފައިންގެ ސަބަބުން ލިބޭ ގެއްލުންތައް ”ތިއްތި“ ކުރަން އުޅެނީ މަޖުބޫރު ވެގެން ކަމުގައި ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް ހުސެއިން ވަހީދު ވިދާޅުވެއްޖެއެވެ.
ހުސެއިން ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ ބޭރުގެ އަސްކަރިއްޔާގެ ސަބަބުން ލިބޭ ގެއްލުންތައް ފުރަތަމަ ކޮޅު ތިއްތިކުރަން އުޅުމަކީ ބަޔަކު މަޖުބޫރީ ހާލަތަށް ބަދަލުވީމަ އަނގައިން ނިކުންނަ ބަސްތަކެއް ކަމުގައެވެ.
އޭނާ ވިދާޅުވޮގޮތުގައި ދުނިޔޭގެ ގިނަ ގައުމުތަކުން ގަބޫލުކުރާ ގޮތުން އެހެން ގައުމުތަކުގެ އަސްކަރިއްޔާތައް ގައުމުތަކުގައި ވަޒަންވެރި ކުރުވުމުން ލިބޭ ފައިދާ އަށް ވުރެ ވާ ގެއްލުން ބޮޑެވެ.
”ދިވެހިރާއްޖެ އިސްތިސްނާ އެއް ނުވާނެ. ދޮން ދުނބުރި ދޮން އަނބަކަށް ހަދަން އުޅުމަކީ އަމިއްލަ ނަފުސަށް އޮޅުވާލަން ކުރާ މަސައްކަތެއް. ދިވެހިރާއްޖެ އަށް ފާގަތި މުސްތަގުބަލެއް އޮތީ ދިވެހިރާއްޖެ އަކީ ދިވެހިންގެ ތަނެއްކަން ހިތުގެ އަޑިން ބަލައިގަނެ ގަބޫލު ކޮށްގެން.“ ހުސެއިން ވިދާޅުވިއެވެ.
ބޭރުގެ އަސްކަރިއްޔާ ރާއްޖޭގައި ތިބެގެން ވާނެ ގެއްލުމެއްނެތް ކަމަށް ބުނާބުނުމަކީ ކޮސްގޮވުންކަން ފާހަގަކުރައްވައި ހުސެއިން ވިދާޅުވީ ބޭރުގެ އަސްކަރިއްޔާ ވަޒަންވެރިވުމާއި ވަޒަންވެރި ކުރުވުމާއި ދެކޮޅަށް ބަސް ބުނުމަކީ ގައުމީ ވާޖިބެއް ކަމަށާއި ކޮންމެހެންވެސް ކުރަން ޖެހޭ ކަމެއް ކަމުގައެވެ.
ކުރީގެ ސީޕީ ހުސެއިން މިފަދައިން ވިދާޅުވީ އިންޑިއާ އައުޓް ކެމްޕެއިނާ ގުޅިގެން ރާއްޖެއަށް ލިބޭ ގެއްލުން ދިރާސާ ކުރުމަށް އިއްޔެ ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން ބޭއްވި ބައްދަލުވުމުގައި، އިންޑިއާ ސިފައިން ރާއްޖޭގައި ތިބެގެން ވާނެ ގެއްލުމެއް ނެތް ކަމަށް ޕޮލިސް ކޮމިޝަނަރ މުހައްމަދު ހަމީދު އިއްޔެ ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވުމާ ގުޅިގެންނެވެ. ހަމީދު ވިދާޅުވީ އިންޑިއާ އައުޓް ހަރަކާތުގެ ސަބަބުން ދާހިލީ ސަލާމަތަށް ނުރަނގަޅު އަސަރު ކުރާ ކަމުގައެވެ.