”އިންޑިއާ އައުޓްގެ“ ސިލްސިލާ ހަރަކާތްތައް ހުއްޓުވަން ކިތަންމެ މަސައްކަތެއް ކުރިޔަސް އެކަން ނުހުއްޓާނެކަމަށް ޕީޕީއެމްގެ އެކްޝަން ޑިޕާޓުމަންޓުގެ ޗެއަރ އަދި ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއިލް ވިދާޅުވެއްޖެއެވެ.
އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާ ދެކޮޅަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ކުރިޔަށް ގެންދާ ”އިންޑިއާ އައުޓް“ އިހުތިޖާޖުގައި 29 މީހުން ފުލުހުން ވަނީ މިއަދު ހައްޔަރު ކޮށްފައެވެ.
މިކަމާގުޅިގެން ޕީޕީއެމުން ދާދި ދެންމެއަކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މުހައްމަދު އިސްމާއިލް ވިދާޅުވީ މޭމަތީގައި ”އިންޑިއާ އައުޓް“ ޖަހައިގެން ނިކުތުމަކީ ހުރުތުރުކަމެއް ކަމަށް މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމަކުން ޖެހިލުން ނުވާކަމުގައެވެ.
”މޫނުގަ، ހަންގަޑުގަ، މުޅި ގައިގަވެސް ވެސް އިންޑިއާ އައުޓް ޖަހާނަން. ޖަހައިގެންވެސް ނިކުމެ އިންޑިއާގެ މިލިޓަރީ ސިފައިން މިތަނުގައި ތިބުމާ ދެކޮޅަށް އިހުތިޖާޖު ކުރާނަން.“ މުހައްމަދު ވިދާޅުވިއެވެ.
މިއަދުގެ އިންޑިއާ އައުޓް ހަރަކާތުގައި ފުލުހުން ވަނީ ހާލަތާ ނުބައްދަލު ބާރުގެ ބޭނުން ކޮށްފައެވެ. މިކަަމާ ގުޅިގެން މި ނޫސްވެރިންގެ ބައްދަލުވުމުގައި އިދިކޮޅުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ ފިރިހެން ފުލުހުން އަންހެނުންގެ ގަޔަށް އަތްލައި ހައްޔަރު ކުރުން ތަކުރާރުވަމުން އަންނަ ކަމުގައެވެ.
”އަންހެން ބޭފުޅުން ހައްޔަރު ކުރަނީ ވަރަށް އަނިޔާވެރިކޮށް، އެބޭފުޅުންގެ އިއްޒަތަށްވެސް ހުތުރުވާފަދަ އަމަލުތަކެއް ފުލުހުން ދިޔައީ ކުރަމުން. މިއީ ފުލުހުންގެ ފަރާތުން ފެންނަން ޖެހޭ މަންޒަރެއް ނޫން.“ ހީނާ ވިދާޅުވިއެވެ.
ހީނާ ވިދާޅުވިގޮތުގައި މި ހަރަކާތް ހުއްޓުވުމަށް ފުލުހުން ނިކުތުމުން ސަރުކާރު ގޮތް ހުސްވެފައިވާ މިންވަރު ހާމަވެއެވެ.
މިއަދު ހައްޔަރު ކުރި 29 މީހުން ތިބީ އަތޮޅުވެހީގައެވެ. އެ ފަރާތްތަކަށް ގާނޫނީ އެހީތެރިކަން ފޯރުކޯށްދީފައިވާކަމަށް ހީނާ ވަނީ ވިދާޅުވެފައެވެ.