
އިދިކޮޅު ކޯލިޝަނުން މިރޭ ކާނިވާ ސަރަޙައްދުގައި ބޭއްވުމަށް ހަމަޖެހިފައިވާ ދިވެހީންގެ ޖަގަހަ ހުޅުވުމުގެ ޖަލްސާ އާދަޔާ ޚިލާފަށް ފެތުރެމުންދާ ހޮޑުގެ ރޯގާއާއި ގުޅިގެން ކުޑަކުދިންނާއި ޢާންމުގެ ސިއްޙީ ރައްކާތެރިކަމަށްޓަކައި އެހެން ތާރީޚަކަށް ފަސްކޮށްފިއެވެ.
ޖަގަހަ ހުޅުވުމުގެ ޖަލްސާ ބާއްވާނެ ތާރީޚެއް ވީއެންމެ އަވަހަކަށް އިޢުލާނު ކުރާނެ ކަމަށްވެސް އިދިކޮޅު ކޯލިޝަނުން ވަނީ ބުނެފައެވެ.
އެ ކޯލިޝަނުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ އާދަޔާ ޚިލާފު ބާރުމިނެއްގައި ކުޑަކުދިންގެ މެދުގައި ފެތުރެމުންދާ ހޮޑުގެ ރޯގާއަށް ޚާއްސަ ސަމާލުކަމެއް ދިނުމަށާއި އެކުދިންގެ ރައްކާތެރިކަމަށް އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުމަށް ސަރުކާރަށް ގޮވާލާކަމަށެވެ.
އާދަޔާ ޚިލާފު ބާރުމިނެއްގައި ހޮޑުލުމުގެ ރޯގާއެއް ކުޑަކުދިންގެ މެދުގައި ފެތުރެމުންދާއިރު، ކުޑަކުދިން ޢާންމުކޮށް އެއްވާ ޒާތުގައި ކަންކަން ސަރުކާރުން ކުރަމުން ގެންދިއުމަކީ ޒިންމާދާރުކަން ކުޑަކަމެއްގެ ގޮތުގައި އިދިކޮޅުން ވަނީ ސިފަކޮށްފައެވެ.
ސަރުކާރުން ކުރަމުން ގެންދާ ކަންތައްތަކެއްކަމުގައި ޤަބޫލު ކުރާ މިނިވަން ދުވަހުގެ ކުޅިވަރުތަކާއި، ފްލޯޓަށް ތައްޔާރުވެފައިވީނަމަވެސް، ފެތުރެމުންދާ ރޯގާއަށް ލުޔެއް ލިބެންދެން ދުވަސްކޮޅަކު މަޑުކޮށްލުމަކީ ދިވެހި ރައްޔިތުންނާއި ކުޑަ ކުދީންގެ ރައްކާތެރިކަމަށް ކޮންމެހެން އަޅަންޖެހޭ ފިޔަވަޅެއް ކަމުގައި ދަންނަވަން.“ އިދިކޮޅުގެ ބަޔާނުގައި ވެއެވެ.
މި ހަރަކާތް ފަހުގެ ތާރީހަކަށް ފަސްކުރަން ހަމަޖެހިފައިވާއިރު، ޑިމޮކްރެޓްސްގެ ޕްރައިމަރީ ވޯޓުލުން މިއަދު ދަނީ ކުރިއަށެވެ.