ޚަބަރު

ޚުޠުބާގައި ނަސޭޙަތްތެރިވީ ތިމާގެ އަޚާއާއި މެދު އިތުބާރު ނުހިފޭ ވާހަކަ ނުފެތުރުމަށް!

ތިމާގެ އަޚާއާއި މެދު އިތުބާރު ނުހިފޭ ވާހަކަ ފެތުރުމާއި، ތިމާގެ އަތާއި ދުލުން އެ އަޚާއަށް އަނިޔާ ކުރުމަކީ ދީނުގައި މަނާ ކަމެއް ކަމަށާޢި، ވުމާއި އެ ހުރިހާ ކަމަކުންވެސް ދުރުހެލިވެ ތިބުމަށް މިއަދުގެ ހުކުރު ޚުޠުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ.

އަދި ތިމާގެ އަމިއްލަ ނަފްސަށް ލިބެންއެދޭ ރަނގަޅު ކަންތައްތައް ތިމާގެ އަޚާއަށް ލިބުމަށް އެދުމަށްވެސް މިއަދުގެ ހުކުރު ޚުޠުބާގައި ވަނީ ނަސޭޙަތްތެރިވެފައިވެއެވެ.

”އިސްލާމީ އަޚްވަންތަކަމާއި އެއްބައިވަންތަކަން“ މަޢުޟޫއަށް އަލިއަޅުވާލައި މިއަދުގެ ޚުޠުބާގައި ބުނ،ީ އިސްލާމް ދީނަކީ އުޚުވަތްތެރިކަމުގެ ދީން ކަމަށެވެ. އަދި އެއްވެސް މީހެއްގެ މައްޗަށް އަނިޔާވެރިވެ އެމީހަކަށް ގެއްލުން ދިނުމަކީ ދީން ހުއްދަ ކުރާ ކަމެއް ނޫން ކަމަށްވެސް ޚުޠުބާގައި ބުނެފައިވެއެވެ.

ޚުޠުބާގައި އިތުރަށް ބުނީ މުސްލިމުންގެ މެދުގައި އެއްބައިވަންތަކަމާއި، އަޚުވަންތަކަން ދެމެހެއްޓުމަށް އިސްލާމް ދިން ވަރަށް ބޮޑަށް ބާރު އަޅާ ކަމަށާ، އަދި އެކަމަށް ހުރަސް އަޅާ ކޮންމެ ކަމެއް މި ދީނުގައި މަނާ ކުރައްވާފައިވާ ކަމަށެވެ. އެގޮތުން އެކަކު އަނެކަކަށް މަލާމާތް ކުރުމާއި ފުރައްސާރަ ކުރުމާއި، ހަޑިހުތުރު ބަހުން މުއާމަލާތް ކުރުން އިސްލާމް ދީނުގައި މަނާ ކުރައްވާފައިވާ ކަމަށް ޚުޠުބާގައި ބުނެފައިވެއެވެ.

އިސްލާމީ އުންމަތް ބައިބައިވެ، މުޝްރިކުންގެ ކުރިމަތީގައި މުސްލިމުންގެ ބާރު ނެތިގެން ދިޔައީ މުސްލިމުންގެ ހިތުގައި އޮތް އީމާންތެރިކަމާއި، މުސްލިމުންގެ މެދުގައި އޮތް އަޚުވަންތަކަން ގެއްލުމުން ކަމަށް

އިސްލާމީ ތާރީޚުގެ ފަތްފުށްތަކަށް ނަޒަރު ހިންގާލަމުން ޚުޠުބާ ގައި ބުނީ، އިސްލާމީ އުއްމަތުގެ ކުރީކޮޅު މުސްލިމުންނަށް ނަސްރަކަށްފަހު ނަސްރެއް ލިބެމުންއައީ، އެބައިމީހުންގެ ހިތުގައި އޮތް އީމާންކަމާއި، އެބައިމީހުންގެ މެދުގައި އޮތް އަޚުވަންތަކަމާއި، އެއްބައިވަންތަ ކަމުގެ ސަބަބުން ކަމަށެވެ.

”އެއަށްފަހު، އިސްލާމީ އުންމަތް ރޫޅި، ބައިބައި ވެގެން ދިޔައީ، މި ދެންނެވި ކަންތައްތައް މުސްލިމުންގެ މެދުން ފިލައި ދިއުމުންނެވެ. އަދި ހަމަ އެހެންމެ، ކޯރެއްގައި ދެމޭ ކުނިތަކެއް ފަދައިން ޣައިރު މުސްލިމުންގެ ކުރިމަތީގައި ބާރެއް ނެތް ބައެއްގެ ގޮތުގައި އެބައިމީހުން ވީވެސް ހަމަ މިދެންނެވި ސަބަބުތަކާ ހުރެއެވެ.“

މުސްލިމުންނާއި މެދު މުޖުތަމަޢު ގައި ފެތުރެމުންދާ ޚަބަރުތައް އެއްވެސް ތެދު ދޮގެއް ބެލުމެއްނެތި ޤަބޫލު ކުރުމަކީ ނޭނގިތިބެ އަނެކާއަށް ގެއްލުމެއް ދެވޭނެ ކަމެއް ކަމަށާ، އެގޮތަށް އެކަން ވެއްޖެ ނަމަ، އެކަމާއި މެދު އެމީހަކު ހިތާމަ ކުރާނެ ކަމަށްވެސް ޚުޠުބާގައި ބުންޏެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button