ޚަބަރުސިޔާސީ

ޑިމޮކްރެޓްސްގެ ރިޔާސީ ޓިކެޓް އިލްޔާސަށް ކަށަވަރުވެއްޖެ

ދަ ޑިމޮކްރެޓްސްގެ ރިޔާސީ ޓިކެޓް ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބަށް ކަށަވަރުވެއްޖެއެވެ.

ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް ކަށަވަރުކުރުމަށްޓަކައި އެޕާޓީގެ އަސާސީ ގަވާއިދުގައި ވާގޮތުގެ މަތިން ޕްރައިމަރީ ވޯޓުލުން ވަރަށް ފޯރިއާކު ރާއްޖެއާއި، ރާއްޖެއިން ބޭރުގެ އެކި ކަންކޮޅުތަކުގައި މިއަދު ކުރިއަށްދިޔައިރު، އިލްޔާސަކީ ހަމައެކަނި ވާދަކުރެއްވި ކެންޑިޑޭޓެވެ.

މިއަދު މެންދުރުފަހު 14:30 އިން ހަވީރު 18:00 އަށް ކުރިއަށް ގެންދިޔަ ޕްރައިމަރީގައި ޖުމްލަ 3،203 މީހުން ވޯޓު ލާފައިވާކަމަށް މައުލޫމާތު ލިބިފައިވެއެވެ. އެއީ ފެންނަ ކަމަށް ވޯޓުލީ 3،041 މީހުނާއި، ނުފެންނަ ކަމަށް ވޯޓުލީ 153 މީހުނެވެ. އެއީ94 އިން ސައްތަ މީހުންގެ ތާއީދެވެ. އިލްޔާސް ހޯއްދަވަން ޖެހެނީ10 އިން ސައްތަ މެންބަރުންގެ ތާއީދެވެ. އެޕާޓީގެ މެޖޯރިޓީ ވޯޓު އިލްޔާސް ހޯއްދެވިއިރު، ޕާޓީގެ ދަފްތަރުގައި ތިބީ 4100 މެންބރުންނެވެ. މި އިންތިހާބުގައި ގިނަ އަދަދެއްގެ ބަޔަކު ވަނީ އޮންލައިންކޮށްވެސް ވޯޓުލާފައެވެ. އަދި ދެފަހަރު އެކަކަށް ވޯޓު ނުލެވޭގޮތަށް ވޯޓިން ނިޒާމް ހަރުދަނާކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.

އަންނަ ސެޕްޓެމްބަރު 9، ގައި އޮންނަ ރިޔާސީ އިންތިހާބުގައި ޑިމޮކްރެޓްސްއިން ވާދަކުރަން ނިންމާފައިވާއިރު، އެޕާޓީގެ ބާނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުވެސް ހުންނެވީ އިލްޔާސަށް ތާއީދުކުރައްވައިގެންނެވެ.

One Comment

Leave a Reply

Your email address will not be published. Required fields are marked *

Back to top button