ޑިމޮކްރެޓްސްގެ ރިޔާސީ ޕްރައިމަރީ އަންނަ ހުކުރު ދުވަހުގެ 14:00 އިން 18:00 އަށް ކުރިޔަށް ގެންދަން ނިންމާފައިވާއިރު، އެޕާޓީގެ ރިޔާސީ ޓިކެޓަށް ހަމައެކަނި ކުރިމަތިލެއްވި ކެންޑިޑޭޓު ދެން އިތުރަށް ބަދަލުވާނެ ހާލަތެއް ނާންނާނެކަމުގައި އެޕާޓީގެ ވަގުތީ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.
މިއަދު ހަވީރު ޑިމޮކްރެޓްސް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ”ބޮންތި“ ނޫހުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ހަސަން ލަތީފް ވިދާޅުވީ، އެޕާޓީގެ ރިޔާސީ ކެނޑިޑޭޓް އިލްޔާސް ލަބީބު ހޯއްދަވަން ޖެހިވަޑައިގަންނަވާނީ 10 އިން ސައްތަ ވޯޓު ކަމުގައެވެ.
ޑިމޮކްރެޓްސްގެ ދަފްތަރުގައި 4500 އަށްވުރެ ގިނަ މެމްބަރުން އެބަތިބިކަމަށާއި، އެއީ އުނދަގޫ އަދަދެއް ނޫންކަން ހަސަން ފާހަގަކުރެއްވި އެވެ.
”އެދުވަހު ވޯޓުލާއިރުވެސް ޕާޓީއަށް ވަދެވޭނެ. ރީ ރަޖިސްޓަރީގެ މަސައްކަތްތައްވެސް ކުރިޔަށް ދާނެ. ވޯޓުގެ ނަތީޖާ ނެރޭނީ ވޯޓު ފޮށިތައް ބަންދުކުރާއިރު، ޖުމްލަ މެންބަރުންގެ މެދުގައި.“ ހަސަން ލަތީފް ވިދާޅުވިއެވެ.
އޭނާ ފާހަގަކުރެއްވިގޮތުގައި 20 މެންބަރުންނަށްވުރެ ގިނަ ތަންތަނުގައި ވޯޓު ފޮށި ބަހައްޓާނެއެވެ. އަދި އެ ރަށްރަށުގައި އޮންލައިންކޮށްވެސް ވޯޓުލެވޭނެއެވެ. އެކަމަކު އެކަކަށް ދެ ފަހަރާ ވޯޓު ނުލެވޭގޮތަށް ނިޒާމް އެކަށައަޅާނެއެވެ. އަދި ދުނިޔޭގެ ކޮންމެ ތަނެއްގައި ހުއްޓަސް ޕާޓީގެ މެންބަރުންނަށް އޮންލައިންކޮށް ވޯޓު ލެވޭނެއެވެ.
ހަސަން ވިދާޅުވިގޮތުގައި އެޕާޓީގެ މައި މެނިފެސްޓޯ ނެރުމުގެ ކުރިން ރަށްރަށުގައި މިހާރު ލޯންޗު ކުރަމުންދާ މިނީ މެނިފެސްޓޯ 52 ރަށެއްގައި ވަނީ ލޯންޗް ކޮށްފައެވެ.
”މާދަން އިތުރު 56 ރަށެއްގައި މިނީ މެނިފެސްޓޯ ލޯންޗުކުރުން އޮންނާނެ. ޖުމްލަ ގޮތެއްގައި މިދަންނާވާލީ ޑިމޮކްރެޓްސްގެ އިންޓަރިމް ދެވަނަ ކައުންސިލް ބައްދަލުވުމުގައި މިއަދު މެންބަރުންގެ މެދުގައި އިއްތިފާގު ވެވުނު ކަންތައްތައް.“ ހަސަން ލަތީފް ވިދާޅުވިއެވެ.
ޑިމޮކްރެޓްސްގެ ކުރިމަގާ ގުޅޭގޮތުން ހަސަން ވިދާޅުވީ އެޕާޓީ އުފައްދަން ޖެހުނީވެސް ވައްކަމާ ފަސާދަ ހައްދުފަހަނައަޅައި ދިއުމުން ކަމުގައެވެ. އަދި ދައުލަތުން ގެއްލިފައިވާ ފައިސާ ހޯދުމަކީ އެޕާޓީއިން އެންމެ ބޮޑު އިސްކަމެއް ދީގެން ކުރާނެ މަސައްކަތް ކަމުގައި ހަސަން ވިދާޅުވިއެވެ.