ޚަބަރުސިޔާސީ

ރައީސް ޔާމީން ކެންޑިޑޭސީ ފޯމުގައި ސޮއިކުރައްވައިފި، ހުށަހެޅުން މިހަފަތްގާއި!

އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް އަދި ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމު ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ކަރެކްޝަންސް މެދުވެރިކޮށް ކެންޑިޑޭސީ ފޯމުގައި ސޮއިކުރައްވައި ޕީޕީއެމް އޮފީހަށް އެލިޔެކިޔުންތައް ފޮނުއްވައިފިއެވެ.

މިކަން އެޕާޓީގެ ތަރުޖަމާނު ހީނާ ވަލީދު ވަނީ ނޫސްވެރިންނާ ހިއްސާކުރައްވާފައެވެ.

އެނގިފައިވާގޮތުގައި އެލިޔެކިޔުންތަކުގެ ތެރޭގައި ކުށުގެ ރިކޯޑު ސާފުކުރާ ފޯމުވެސް ހިމެނެއެވެ. އަދި މި ހަފްތާގެ ތެރޭގައި ކުށުގެ ރިކޯޑު ސާފު ކުރުމަށްފަހު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާނެ ކަމަށް މައުލޫމާތު ލިބެއެވެ. މިކަން ކަށަވަރުކުރުމަށްޓަކައި އެޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަދި ޔާމީންގެ އިންތިހާބީ އެޖެންޓު މުހައްމަދު ތޮލާލު އާއި ގުޅޭތޯ ”ބޮންތި“ ނޫހުން ވާނީ މަސައްކަތް ކޮށްފައެވެ.

11 އަހަރުގެ ޖަލު ހުކުމެއްގައި މިވަގުތު މާފުށީ ޖަލުގައި ތަންފީޒު ކުރައްވަމުން އަންނަ ރައީސް ޔާމީންގެ އެ މައްސަލައިގެ އިސްތިއުނާފުގެ އަޑުއެހުންތަކެއް ހައި ކޯޓުގައި ކުރިޔަށް ގޮސްފައިވކާއިރު، ބެލެވޭ ގޮތުގައި ދެން އޮންނާނީ ހުކުމް ކުރާ މަޖިލިސް ހިމެނޭ ގޮތަށް ދެ އަޑުއެހުމެވެ. އަދި އިންތިހާބަށް 47 ދުވަސް ވެފައިވާއިރު، އެމަނިކުފާނު އެ ހުކުމުން ސަލާމަތްވެވަޑައިގެންފި ކަމަށްވާނަމަ، ފަަސޭހަފުޅުކަމާއެކު އިންތިހާބުގައި ވާދަކުރެއްވުމަށް އެއްވެސް ގާނޫނީ ހުރަހެއް ނެތްކަމަށް ވަކީލުން ވިދާޅުވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button