ޚަބަރުސިޔާސީ

އަންހެން ފުލުހުން ލައްވައި ހައްޔަރު ކުރަން އިސްކަންދޭކަމަށް ބުނެ ފުލުހުން އޮޅުވާލައިފި

އެއްވުންތައް ރޫޅާލުމުގައި އަންހެން ފުލުހުން ލައްވައި އަންހެނުން ހައްޔަރު ކުރަން އިސްކަންދޭކަމަށް ބުނެ ފުލުހުން ދޮގުހަދައި، އޮޅުވާލައިފިއެވެ.

މާލޭގައި ބާއްވަމުންދާ އެއްވުންތަކުގައި ފުލުހުން ބާރުގެ ބޭނުންކޮށް، މީހުން ހައްޔަރު ކުރުމުގައި އަމަކު ކުރަމުންދާ ގޮތާމެދު ދެކެވޭ ވާހަތަކުގެ ރައްދުގައި ފުލުހުން ނެރުނު ނޫސްބަޔާނެއްގައި ބުނީ އަންހެނުން ހައްޔަރު ކުރުމުގައި އަންހެން ފުލުހުން ހަރަކާތްތެރިވުމަށް އެ މުއައްސަސާއިން އިސްކަންދޭ ކަމުގައެވެ.

އެކަމަކު މާލޭގައި ކުރިޔަށް ގެންދާ ސުލްހަވެރި ސިޔާސީ ހަރަކާތްތައް ނުވަތަ ހިނގާލުންތަކުގައި ފިރިހެން ފުލުހުން އަންނަނީ ބެލުމެއް ނެތި އަންހެނުން ގައިގަ އަތްލައި، ދުރަށް ޖައްސަމުންނެވެ. ހާއްސަކޮށް ހައްޔަރު ކުރުމުގައި އަންހެން ފުލުހުންނަށްވުރެ ބޮޑަށް އިސް ދައުރެއް އަދާ ކުރަނީ ފިރިހެން ފުލުހުންނެވެ.

އެގޮތުން ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލައި އިދިކޮޅުން ”އިންޑިއާ އައުޓް‘ ގެ ނަމުގައި ކުރިޔަށް ގެންދާ ހަރަކާތުގެ ތެރެއިން އަންހެނުން ހައްޔަރު ކުރުމުގައިވެސް އިސްކޮށް ހަރަކާތްތެރިވަނީ ފިރިހެން ފުލުހުންނެވެ.

 

އެއްވުންތަކާ މުޒާހަރާތަކުގައި އަންހެން ފުލުހުންގެ ދައުރު ފެނުނަސް ނުވަތަ އަންހެން ފުލުހުންނަށް ކޮންޓްރޯލް ކުރެވޭ ފަދަ ހާލަތްތަކުގައިވެސް ފިރިހެން ފުލުހުން އަންހެނުން ހައްޔަރު ކުރަމުންދާކަން ފާހަގަކޮށްލެވެއެވެ.

ފުލުހުންގެ ބަޔާނުގައިވާގޮތުން ފުލުހުން އަމަލު ކުރަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނާއި އަދި އެހެނިހެން ގާނޫނުތަކާވެސް އެއްގޮތަށެވެ. އެއްވުމުގެ ތެރެއިން މީހުން ހައްޔަރު ކުރަނީ ގާނޫނުތަކުގައި ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ކަމަށްވެސް ބުނެފައިވެއެވެ. އެހެން ނަމަވެސް ހާލަތާ ނުބައްދަލު ބާރު ފުލުހުން ބޭނުންކުރާލެއް މަދެއް ނޫނެވެ.

ސަރުކާރުތައް ބަދަލުވިއެއް ކަމަކު މި މައްސަލައަކީ މީގެ ކުރިންވެސް އާންމުންގެ މެދުގައި އޮތް ކަންބޮޑުވުމެކެވެ. އެގޮތުން އެމްޑީޕީ އިދިކޮޅުގައި އޮތް އިރުވެސް ފުލުހުންގެ ފަރާތުން މި އަމަލު އައީ ތަކުރާރުވަމުންނެވެ. ވަކިން ހާއްސަކޮށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެރިކަމުން އިސްތިއުފާ ދެއްވި ދުވަހާ ޖެހިގެން އައި ދުވަސް ކަމަށްވާ 8 ފެބުރުއަރީ 2012 ގައި ފުލުހުންގެ ފަރާތުން ބޮޑެތި އަނިޔާތަކެއް އާންމުންނަށް ވަނީ ލިބިފައެވެ. އެދުވަހަކީވެސް ހާލަތާ ނުބައްދަލު ބާރު ފުލުހުން ބޭނުންކުރި ދުވަހެކެވެ.

https://twitter.com/DeNaseer/status/975098750019383296?s=20

އޭގެ ފަހުން މިއަދާ ހަމައަށްވެސް ފުލުހުންގެ އެތަކެއް މައްސަލަތަކެއް ހުށަހެޅި ބައެއް ފުލުހުން ސަސްޕެންޑު ކޮށްފައިވެއެވެ. އޭގެ ތެރޭގައި މަސްތުވާތަކެތި ރެއިޑް ކުރުމުގައި ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށް ތަޅާ އަނިޔާ ކުރުމާއި، އާންމު ހާލަތްތަކުގައި އެއްވެ އުޅޭ މީހުން މަޑުކޮށްލައިގެން ތިބެނިކޮށް އެމީހުންގެ ތެރެއަށް ވަދެ ޓާގެޓްކޮށްފަ ވަކި މީހެއްގެ ލޮލަށް ޕެޕާ ސްޕްރޭ ޖެހުމުގެ މައްސަލަވެސް ވަކި މަދެއް ނޫނެވެ.

އެހެންކަމުން އަންހެނުން ހައްޔަރު ކުރުމުގައި އަންހެން ފުލުހުންނަށް އިސްކަންދޭ ވާހަކައާއި، ހާލަތާ އެކަށީގެންވާ ބާރުގެ ބޭނުން ކުރާކަމަށް ބުނެ ފުލުހުން ދައްކާ ވާހަކަ ދެކޮޅެއް ނުޖެހެއެވެ.

ބަޔާނުގައި ފާހަގަކޮށްފައިވާ އަނެއް ކަމަކީ ”އިންޑިއާ އައުޓް“ އެއްވުންތަކުގައި އާންމު ދަތުރުފަތުރަށް ދަތިކޮށް، ބަސް ހުއްޓުވައި ގާނޫނާ ހިލާފް އަމަލު ކުރަން ހިތްވަރުދީ އެކަމަށް ގޮވާލަމުންދާ ފަރާތްތަކުގެ މައްސަލަ ތަހުގީގު ކުރާ ވާހަކައެވެ. މީގެ އިތުރުން ހައްޔަރު ކުރެވޭ ބައެއް މީހުންނަކީ ފުލުހުންގެ ވާޖިބަށް ހުރަސްއަޅައި މަގުމަތީގެ އަމަން ނަގާލާ ބައެއްކަމަށްވެސް ފުލުހުން ތަކުރާރުކޮށް ބުނެއެވެ. އެކަމަކު އެފަދަ ފަރާތްތައް ހައްޔަރު ކުރުމަށްފަހު ދޫކޮށްލުމުން ފުލުހުން ދައްކާ ވާހަކައިގެ އޮއްޓަރެއް ނެތެވެ. ނޫނީ އެ މައްސަލަ ބެލޭނެ ހެއްކެއް ނެތީއެވެ. ނުވަތަ މީހުން ހައްޔަރު ކުރުމަކީ އެއްވުންތައް މައިތިރި ކުރުމަށް ފުލުހުން ބޭނުން ކުރާ އުކުޅަކަށް އެކަން ވަނީއެވެ. ހައްޔަރު ކުރެވޭ ބައެއް މީހުންގެ ފޯމުން އެނގޭގޮތުގައި އެމީހުންނަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ފުލުހުން ފާހަގަކޮށްފައިވެސް ވެއެވެ.

ފުލުހުން މި ބަޔާން ނެރުމާގުޅިގެން ގިނަ ބައެއްގެ ފާޑުކިއުން އެ މުއައްސަސާއަށް ވަނީ އަމާޒުވެފައެވެ.

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button