
އިންޑިއާ އައުޓް ކެމްޕެއިން ހަރަކާތަށް އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ފ.ނިލަންދޫއަށް ވަޑައިގަންނަވަން ނިންމަވައިފިއެވެ.
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޯލިޝަންގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ ރައީސް ޔާމީން ނިލަންދޫ އަށް ވަޑައިގަންނަވާނީ ބުރާސްފަތި ދުވަހު ކަމުގައެވެ.
ހީނާ ވިދާޅުވިގޮތުގައި ބުރާސްފަތި ދުވަހު ހަވީރު ނިލަންދޫގައި ބާއްވާ އިންޑިއާ އައުޓް ހަރަކާތުގައި ޔާމީން ބައިވެރިވެވަޑައިގަންނާވަނެއެވެ.
”އަދި ހަމަ އެހެންމެ އެރޭ ރޭގަނޑު ނިލަންދޫގަ ޖަލްސާއެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ. މި ދަތުރުފުޅުގައި ކައިރީ ރަށްރަށުން ނިލަންދޫއަށް ދާ ރައްޔިތުންނާ ރައީސް ޔާމީން ބައްދަލު ކުރައްވާނެ.“ ހީނާ ވިދާޅުވިއެވެ.
އެ އަތޮޅުގެ އެހެން ރަށްރަށުގެ ކައުންސިލް މެންބަރުންނާއި ޕީޕީއެމްގެ ސްޓިއަރިން ކޮމެޓީގެ މެންބަރުންގެ އިތުރުން އިސްރަށްވެހިންނާއި ރައްޔިތުންނާ ރައީސް ޔާމީން ބައްދަލު ކުރައްވާނެކަން ހީނާ ފާހަގަކުރެއްވިއެވެ.
ރައީސް ޔާމިން މިނިވަންވެވަޑައިގަތުމަށް ފަހު އެންމެ އިސް ކަމެއްގެ ގޮތުގައި ކުރިޔަށް ގެންދަވަނީ އިންޑިއާ އައުޓް ހަރަކާތްތައް ކަން ފާހަގަކުރައްވައި ހީނާ ވިދާޅުވީ އިންޑިއާ އައުޓް ޕެޓިޝަނުގައި ސޮއި ކުރުމުގެ މަސައްކަތްވެސް ކުރިޔަށް ދާނެ ކަމުގައެވެ.
ޔާމީން މިނިވަންވެވަޑައިގަތުމަށް ފަހު އިންޑިއާ އައުޓް ކެމްޕެއިން ހަރަކާތް ފެއްޓެވީ ކ.އަތޮޅުންނެވެ، އެގޮތުން އެމަނިކުފާނު ވަނީ ކ.ގުރައިދޫ އަދި ތުލުސްދޫއަށް ވަޑައިގެންފައެވެ.
އިންޑިއާ އައުޓް ކެމްޕެއިނަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި އިންޑިއާ ސިފައިންނާއި ޖާސޫސޫން ބޭރުކުރުމަށް ގޮވާލައި އިދިކޮޅުން ކުރިޔަށް ގެންދާ ކެމްޕެއިނެކެވެ. މި ހަރަކާތަށް ގިނަ އަދަދެއްގެ ބައެއްގެ ތާއީދު އަންނަނީ ލިބެމުންނެވެ.
މި ހަރަކާތާއި ގުޅިގެން ކޯލިޝަން ސަރުކާރުގެ އިސްވެރިން އަންނަނީ ޔާމީނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ. އެކަމަކު އިދިކޮޅުން ބުނާގޮތުގައި މި ހަރަކާތަށް ކުޑަ ނަމަވެސް ދުލެއް ނުދޭނެއެވެ.