ޚަބަރުސިޔާސީ

އިންޑިއާ އައުޓް ކެމްޕެއިން ހަރަކާތް ހުއްޓުވަން ރައީސް ނަޝީދު ފުލުހުންނަށް އަމުރު ކޮށްފި

އިންޑިއާ އައުޓް ކެމްޕެއިން ހަރަކާތް ހުއްޓުވަން ރައްޔިތުންގެ މަޖިލީހުގެ ރައީސް, ރައީސް މުހައްމަދު ނަޝީދު ފުލުހުންނަށް އަމުރު ކުރައްވައިފިއެވެ.

ރައީސް ނަޝީދު އިސް ނަންގަވައިގެން އެމްޑީޕީ އިން ބާއްވާ މާލެ ސިޓީ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް އިންޑިއާ އައުޓް ޝިއާރު ބޭނުންކުރައްވައިގެން ނިކުމެވަޑައި ނުގަނެވޭނެ ކަމުގައެވެ.

މި ބައްދަލުވުމުގައި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް، އިދިކޮޅުގެ އިންޑިއާ އައުޓް ކެމްޕެއިން ހަރަކާތް ހުއްޓުވަން ސަރުކާރަށް ގޮވާލަން ގަރާރެއް ހުށަހެޅުއްވިއެވެ. އަދި އެ ގަރާރަށް ތާއީދު ކުރައްވަމުން ނަޝީދު ވިދާޅުވީ އެއްވެސް މީހަކަށް އިންޑިއާ އައުޓް ނުގޮވޭނެ ކަމުގައެވެ.

”އެއީ ތަހުޒީބީ ޑިމޮކްރަސީތަކުގެ އުސޫލުތަކާ ހިލާފު ކަމެއް. ރައީސް ޔާމީނަށް އެ ގޮތަށް އިންޑިއާ އައުޓް ޖައްސަވައިގެން ނުހިންގެވޭނެ. އެއީ ދިވެހި ފުލުހުން ނިކުމެ ހުއްޓުވަން ޖެހޭ ކަމެއް“ ނަޝީދު ވިދާޅުވިއެވެ.

އިންޑިއާ އައުޓް ކެމްޕެއިން ހަރަކާތަށް ރައީސް ޔާމީން ބުރާސްފަތި ދުވަހު ފ.ނިލަންދޫ އަށް ވަޑައިގަންނަވާގޮތަށް ވަނީ ހަމަޖެހިފައެވެ.

ޔާމީން މިނިވަންވެވަޑައިގަތުމަށް ފަހު އިންޑިއާ އައުޓް ކެމްޕެއިން ހަރަކާތް ފެއްޓެވީ ކ.އަތޮޅުންނެވެ، އެގޮތުން އެމަނިކުފާނު ވަނީ ކ.ގުރައިދޫ އަދި ތުލުސްދޫއަށް ވަޑައިގެންފައެވެ.

އިންޑިއާ އައުޓް ކެމްޕެއިނަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި އިންޑިއާ ސިފައިންނާއި ޖާސޫސޫން ބޭރުކުރުމަށް ގޮވާލައި އިދިކޮޅުން ކުރިޔަށް ގެންދާ ކެމްޕެއިނެކެވެ. މި ހަރަކާތަށް ގިނަ އަދަދެއްގެ ބައެއްގެ ތާއީދު އަންނަނީ ލިބެމުންނެވެ.

މި ހަރަކާތާއި ގުޅިގެން ކޯލިޝަން ސަރުކާރުގެ އިސްވެރިން އަންނަނީ ޔާމީނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ. އެކަމަކު އިދިކޮޅުން ބުނާގޮތުގައި މި ހަރަކާތަށް ކުޑަ ނަމަވެސް ދުލެއް ނުދޭނެއެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button