ޚަބަރު

ބެެލެނިވެރިން ދޫ ނުދިނުމުން އަރަބިއްޔާ ސްކޫލް އަޅަން ބާ ޖަމާލުއްދީންގެ ބިން ދެނީ

ބެެލެނިވެރިން ދޫ ނުދިނުމުން އަރަބިއްޔާ ސްކޫލް އަޅަން ބާ ޖަމާލުއްދީންގެ ބިން ދޭން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ނިންމަވައިފިއެވެ.

އަރަބިއްޔާގައި ކިޔަވަމުން އަންނަ 700 އެއްހާ ދަރިވަރުންނަށް ސްކޫލުގެ އިމާރާތް ބޭނުން ނުކުރެވޭ ވަރަށް ރެނދުލާފައިވާތީ އިއްޒުންދީން ސްކޫލަށް ދަރިވަރުން ބަދަލު ކުރުމަށް އެޑިއުކޭޝަނުން ނިންނި ނިންމުމާ ދެކޮލަށް ސަބަބު ބަޔާންކޮށް އަރަބިއްޔާގެ ޕީޓީއޭ އިން އެކަމަށް ހައްލެއް ހޯދުމަށް މަސައްކަތް ކުރާތާ ދުވަސްކޮޅެއް ވެއްޖެއެވެ.

މިކަމާ ގުޅިގެން ރައީސް ސޯލިހަށް ފޮނުވި 2 ސިޓީގެ ޖަވާބު ނުލިބި ލަސްވުމާގުޅިގެން ބެލެނިވެރިން ވަނީ ހަޅުތާލުވެސް ކޮށްފައެވެ.

އެންމެފަހުން ޕީޓީއޭގެ މެންބަރުންނާއި ރައީސް ސޯލިހު ބައްދަލު ކުރައްވައި ބާ ޖަމާލުއްދީންގެ ބިން އަރަބިއްޔާގެ ދަރިވަރުންނަށް ދިނުމަށް ވަނީ ނިންމާފައެވެ.

އަރަބިއްޔާ ސްކޫލުގެ ދަރިވަރުން ވަގުތީގޮތުން އިއްޒުއްދީން ސްކޫލަށް ބަދަލު ކުރަން އެޑިއުކޭޝަން މިނިސްޓްރ އިން ނިންމި ނިންމުގެ ސަބަބުން ކުދިންގެ އިސްލާމީ މަންހަޖުގެ ތައުލީމު ފުނޑުފުނޑުވެގެން ދާނެ ކަމަށް ބެލެނިވެރިން މީގެ ކުރިން ވަނީ ބުނެފައެވެ.

އަރަބިއްޔާގެ ޕީޓީއޭ އިން ކުރިން ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ ނިންމުމުގެ ސަބަބުން އެ ސްކޫލުގެ ދަރިވަރުންގެ ކިޔެވުމުގެ ހައްގަށް ހުރަސް އެޅިގެންދާނެ ކަމުގައެވެ. އެ ނިންމުން ބަލައިނުގަންނާނެ ކަމަށާއި އަދި އެ ނިންމުމާ އެއްގޮތަށް އަމަލު ނުކުރާނެ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

ބެލެނިވެރިން ބުނިގޮތުގައި އެޑިއުކޭޝަނުން އެފަދަ ނިންމުމެއް ނިންމީ އެއްވެސް މަޝްވަރާއެއް ނުކޮށެވެ. އެކަމަކު އޭގެ ކުރިން އެފަދަ ނިންމުމެއް ނިންމުމުގެ ކުރިން ބެލެނިވެރިންނާ މަޝްވަރާ ކުރައްވާނެ ކަމަށް މިނިސްޓަރ ވިދާޅުވެފައިވާ ކަމަށް ބެލެނިވެރިން ބުންޏެވެ.

އިއްޒުއްދީން ސްކޫލަށް ދަރިވަރުން ވަގުތީގޮތުން ބަދަލުކޮށްފިނަމަ، ހުރި ގޮންޖެހުންތަށް ބަޔާންކޮށް ރަނގަޅު ހައްލެއް ހޯދުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އަާއި ބައްދަލު ކުރުމަށް ރައީސް އޮފީހަށް ދެފަހަރެއްގެ މަތިން ފޮނުވި ސިޓީއަށް އެއްވެސް ޖަވާބެއް ނުދޭކަން ބެލެނިވެރިން ވަނީ ފާހަގަކޮށްފައެވެ.

އަރަބިއްޔާ ސްކޫލުގެ ބެލެނިވެރިން ބޭނުންވަނީ ވަގުތީ ގޮތުން ނަމަވެސް އެހެން ބިމެއްގައި ނުވަތަ ވަކިން ދަރިވަރުންނަށް ކިޔަވައިދެވޭނެ އިންތިޒާމެއް ސަރުކާރުން ހަމަޖައްސައި ދޭށެވެ. އަށް އަހަރު ކުރިން ބޭނުންކުރަން ފެށި އަރަބިއްޔާގެ އާ އިމާރާތުގައި ވަނީ ވަރަށް ބޮޑަށް ރެނދުލާފައެވެ. އެކަމުގެ ސަބަބުން ބެލެނިވެރިން ދަނީ ދަރިވަރުން ސްކޫލަށް ފޮނުވަން ފަސްޖެހުމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button