ޚަބަރު

ނިޝާން އިއްޒުންދީން އިއްޒަތުގެ ވެރިޔާ އުމަރު ޒާހިރު އަވަހާރަވެއްޖެ

ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރެއްވި ނިޝާން އިޒުއްދީން އިއްޒަތުގެ ވެރިޔާ އުމަރު ޒާހިރު ކޯވިޑް-19 އަށް ފައްސިވެ، ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މިއަދުގެ ވަގުތެއްގައި އަވަހާރަ ވެއްޖެއެވެ.

އެމަނިކުފާނު ފަރުވާ ހޯއްދަވަމުން ގެންދެވީ ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގި ފިލާއިންނެވެ.

އުރުރުފުޅުން 85 އަހަރުގެ އުމަރު ޒާހިރު ވަނީ މީގެ ދެ ހަފްތާއެއްހާ ދުވަސް ކުރިން ފުވައްމުލައް ސިޓީއަށް ވަޑައިގެންފައެވެ. އެއީ އެމަނިކުފާނުގެ އަމިއްލަފުޅު ހަރަދުގައި އެ ސިޓީގައި ބިނާ ކުރި މިސްކިތް ހުޅުވައިދެެއްވުމަށެވެ.

އުމަރު ޒާހިރު ދައުލަތަށް ހިދުމަތް ކުރައްވަން ފެއްޓެވީ 1950 ގެ އަހަރުތަކުގައެވެ. އެމަނިކުފާނަކީ ރާއްޖޭގެ ފުރަތަމަ ސްޕޯޓްސް މިނިސްޓަރެވެ. ރާއްޖެއަށް މިނިވަންކަން ހޯދައިދިނުމަށް 1960 ގެ އަހަރުތަކުގެ ތެރޭގަައި އުމަރު ޒާހިރު ކުރެއްވި މަސައްކަތްޕުޅުތައް ފާހަގަކޮށްލެވެއެވެ. މަޖީދިއްޔާ ސްކޫލުގެ ހެޑްމާސްޓަރު ކަމުގެ އިތުރުން އެމަނިކުފާނު ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި ހޯމް މިނިސްޓަރު ކަމުގެ މަގާމާއި މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް ޕަބްލިކް ވާކްސްކަމާއި، ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ސީނިއާ މިނިސްޓަރުކަން ވެސް ކުރައްވާފައެވެ. ނިޝާން އިއްޒުއްދީންގެ އިއްޒަތްތެރި ވެރިކަމުގެ ލަގަބު ލިބިވަޑައިގެންނެވީ 2008 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ދިހަ ވަނަ ދުވަހުގައެވެ.

މާލޭގެ އެއްގަމު ތޮށްޓާއި ކަނޑުތޮށީގެ މަޝްރޫއު ހިންގުމުގެ މޭސްތެރިއެއްގެ ގޮތުގައި ހުންނެވީ އުމަރު ޒާހިރެވެ. އަދި ހުޅުމާލެއާއި، ތިލަފުށީގެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ވެސް އެމަނިކުފާނުގެ އެހީތެރިކަން ދައުލަތަށް ލިބުނެވެ.

1953 އިން ފެށިގެން 2008 ވަނަ އަހަރާ ހަމައަށް ސަރުކާރުގެ އެކި ފަންތީގެ 26 މަގާމެއް ފުރުއްވި އުމަރު ޒާހިރު އެންމެ ފަހުން ހުންނެވީ ރައީސް އޮފީހުގެ ސީނިއާ މިނިސްޓަރުގެ މަގާމުގައެވެ.

މާލެ ސިޓީ ކައުންސިލުގެ މި ދައުރަށް 6 މަސް ދުވަސް ވުމުގެ މުނާސަބަތުގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުގައިވެސް ވަޑައިގެންނެވީ އުމަރު ޒާހިރެވެ. އެ ޖަލްސާ ހާއްސަ ކޮށްފައިވަނީވެސް އެމަނިކުފާނަށެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button