ޚަބަރު

އެޑިއުކޭޝަންގެ ނިންމުގެ ސަބަބުން ކުދިންގެ އިސްލާމީ މަންހަޖުގެ ތައުލީމު ވާނީ ފުނޑުފުނޑު: އަރަބިއްޔާގެ ޕީޓީއޭ

އަރަބިއްޔާ ސްކޫލުގެ ދަރިވަރުން ވަގުތީގޮތުން އިއްޒުއްދީން ސްކޫލަށް ބަދަލު ކުރަން އެޑިއުކޭޝަން މިނިސްޓްރ އިން ނިންމި ނިންމުގެ ސަބަބުން ކުދިންގެ އިސްލާމީ މަންހަޖުގެ ތައުލީމު ފުނޑުފުނޑުވެގެން ދާނެ ކަމަށް ބެލެނިވެރިން ބުނެފިއެވެ.

އަރަބިއްޔާގެ ޕީޓީއޭ އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ ނިންމުމގެ ސަބަބުން އެ ސްކޫލުގެ ދަރިވަރުންގެ ކިޔެވުމުގެ ހައްގަށް ހުރަސް އެޅިގެންދާނެ ކަމުގައެވެ. އެ ނިންމުން ބަލައިނުގަންނާނެ ކަމަށާއި އަދި އެ ނިންމުމާ އެއްގޮތަށް އަމަލު ނުކުރާނެ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

”އެފަދަ އަނިޔާވެރި ބޭއިންސާފު ނިންމެވުމަކަށް ކިޔަމަންވެ އަޅުގަނޑުމެންގެ ޅަދަރީންގެ އަރަބި އިސްލާމީ ތައުލީމު ފަނާވެ ދިއުމަށް ޖާގަ ދެވެން ނެތެ.“ ޕީޓީއޭގެ ބަޔާނުގައިވެއެވެ.

ބެލެނިވެރިން ބުނިގޮތުގައި އެޑިއުކޭޝަނުން އެފަދަ ނިންމުމެއް ނިންމީ އެއްވެސް މަޝްވަރާއެއް ނުކޮށެވެ. އެކަމަކު އޭގެ ކުރިން އެފަދަ ނިންމުމެއް ނިންމުމުގެ ކުރިން ބެލެނިވެރިންނާ މަޝްވަރާ ކުރައްވާނެ ކަމަށް މިނިސްޓަރ ވިދާޅުވެފައިވާ ކަމަށް ބެލެނިވެރިން ބުންޏެވެ.

”ބެލެނިވެރިންގެ މެދުގައި މަޝްވަރާ ކުރައްވާނެ ކަމަށް ވިދާޅުވުމަށްފަހު ދިމާ އިދިކޮޅަށް އެޑިއުކޭޝަން މިނިސްޓްރީ އިން އަމަލު ކުރައްވާފައިވާކަމީ، މިނިސްޓަރު ދައްކަވާ ވާހަކަފުޅުތަކުގެ ތެދުވެރިކަމާއި އަމާނާތްތެރިކަމެއް ނެތްކަން ވަރަށް ރަނގަޅަށް އަޅުގަނޑުމެންނަށް ސާފުވެގެން ދިޔަ ކަމެއް.“ ބެލެނިވެރިން ބުނެފައިވެއެވެ.

އިއްޒުއްދީން ސްކޫލަށް ދަރިވަރުން ވަގުތީގޮތުން ބަދަލުކޮށްފިނަމަ، ހުރި ގޮންޖެހުންތަށް ބަޔާންކޮށް ރަނގަޅު ހައްލެއް ހޯދުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އަާއި ބައްދަލު ކުރުމަށް ރައީސް އޮފީހަށް ދެފަހަރެއްގެ މަތިން ފޮނުވި ސިޓީއަށް އެއްވެސް ޖަވާބެއް ނުދޭކަން ބެލެނިވެރިން ވަނީ ފާހަގަކޮށްފައެވެ.

”ދެން ފެނުނީ އަރަބިއްޔާގެ ދަރިވަރުންނާއި އިއްޒުންދީންގެ ސްކޫލުގެ ދަރިވަރުން އެއް އިމާރާތެއްގައި އެއްވަގުތެއްގައި ކިޔަވާގޮތަށް އެޑިއުކޭޝަނުން ނިންމެވި ކަމުގެ ބަޔާން އާންމު ކުރެއްވި ތަނެވެ.“ ބެލެނިވެރިން ބުނެފައިވެއެވެ.

އަރަބިއްޔާ ސްކޫލުގެ ބެލެނިވެރިން ބޭނުންވަނީ ވަގުތީ ގޮތުން ނަމަވެސް އެހެން ބިމެއްގައި ނުވަތަ ވަކިން ދަރިވަރުންނަށް ކިޔަވައިދެވޭނެ އިންތިޒާމެއް ސަރުކާރުން ހަމަޖައްސައި ދޭށެވެ. އަށް އަހަރު ކުރިން ބޭނުންކުރަން ފެށި އަރަބިއްޔާގެ އާ އިމާރާތުގައި ވަނީ ވަރަށް ބޮޑަށް ރެނދުލާފައެވެ. އެކަމުގެ ސަބަބުން ބެލެނިވެރިން ދަނީ ދަރިވަރުން ސްކޫލަށް ފޮނުވަން ފަސްޖެހުމުންނެވެ.

މިނިސްޓްރީން ރޭ ނެރުނު ބަޔާނުގައި ވާގޮތުން އަރަބިއްޔާ ސްކޫލުގެ ދަރިވަރުން ވަގުތީ ގޮތުން އިއްޒުއްދީން ސްކޫލަށް ބަދަލުކުރުމާއި، ހުޅުމާލޭގައި މިހާރު އިމާރާތްކުރަމުން އަންނަ ސްކޫލުތަކުގެ ތެރެއިން އެއް ސްކޫލް އަރަބި މީޑިއަމަށް ހާއްސަކުރުމާއި، އަރަބިއްޔާ ސްކޫލުގެ އިމާރާތަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކުރާނެއެވެ.

އިއްޒުއްދީން ސްކޫލް މިހާރު ހިންގަމުން އަންނަނީ ކުރީގެ އެމްއީއެސް އަދި ފަހުން މަންދު ކޮލެޖްވެސް ހިންގި އިމާރާތުގަ އެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button