ޚަބަރުސިޔާސީ

ބައި-އިލެކްޝަނުގައި ވޯޓުދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓް އީސީން އާންމުކޮށްފި

މާލެ ސިޓީ ކައުންސިލްގެ މޭޔަރާއި އެ ކައުންސިލުން ހުސްވެފައިވާ ގޮނޑިތަކަށް ކައުންސިލަރުން އައްޔަންކުރަން ބާއްވާ ބައި-އިލެކްޝަނުގައި ވޯޓުދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ފައިނަލް ލިސްޓް އިލެކްޝަންސް ކޮމިޝަން (އީސީ) އިން އާންމުކޮށްފިއެވެ.
މާލެ ސިޓީ ކައުންސިލްގެ މޭޔަރާއި، މާފަންނު ދެކުނު ދާއިރާއަށާއި، މެދުހެންވޭރު ދާއިރާއަށާއި، ހެންވޭރު ދެކުނު ދާއިރާ  އަންހެނުންނަށް ޚާއްސަކޮށްފައިވާ ގޮނޑިއަށް މެންބަރުން އިންތިޚާބުކުރުމަށް ބާއްވާ ބައި-އިލެކްޝަން އޮންނާނީ މި މަހުގެ 13 ވާ ހޮނިހިރު ދުވަހުއެވެ.
މި އިންތިޚާބުގެ ވަގުތީ ވޯޓު ލިސްޓަށް ހުށަހެޅުނު ޝަކުވާތައް ބެލުމަށްފަހު އީސީއިން ވަނީ ފައިނަލް ލިސްޓު އެ ކޮމިޝަނުގެ ވެބްސައިޓުގައާއި ދިވެހި ސަރުކާރުގެ ގެޒެޓުގައި އާންމުކޮށްފައެވެ.
އީސީން އާންމުކުރި މައުލޫމާތުގައި ބައިލައްކައަށްވުރެ ގިނަ މީހުންނަށް ވޯޓުދިނުމުގެ ހައްގު ލިބިފައިވާ މި އިންތިޚާބުގައި ވޯޓުލުމަށް މާލެއާއި، ހުޅުމާލެއާއި، ވިލިމާލޭގައި ޖުމްލަ 55 ވޯޓު ފޮށި ބަހައްޓާނެއެވެ.

 

މި އިންތިޚާބުގެ ކެންޑިޑޭޓުންގެ ތެރޭގައި ހިމެނެނީ

  • ކެންޑިޑޭޓް ނަންބަރު 1 – ޝުޢައިބް ޢަލީ (އަމިއްލަ ގޮތުން)
  • ކެންޑިޑޭޓް ނަންބަރު 2 – ޙުސައިން ވަޙީދު (އަމިއްލަ ގޮތުން)
  • ކެންޑިޑޭޓް ނަންބަރު 3 – ޢާއިޝަތު އާޒިމާ ޝަކޫރު (ޕީޕީއެމް-ޕީއެންސީ)
  • ކެންޑިޑޭޓް ނަންބަރު 4 – އާދަމް އާޒިމް (އެމްޑީޕީ)
  • ކެންޑިޑޭޓް ނަންބަރު 5 – މުޙައްމަދު ސައިފް ފާތިޙް (ދަ ޑިމޮކްރެޓްސް)
މާލޭގެ މޭޔަރުކަމުގެ މަގާމު ހުސްވީ މީގެކުރިން އެ މަގާމުގައި ހުންނެވި، މިހާރުގެ ރައީސް ޑރ.މުޙައްމަދު މުޢިއްޒު ރައީސްކަމަށް ހަވާލުވެވަޑައިގަތުމަށް އެ މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button