ޚަބަރުސިޔާސީ

ޒުވާނުންގެ ”އިންޑިއާ އައުޓް“ ސައިކަލު ބުރު ހުއްޓުވަން ފުލުހުން ނިކުމެއްޖެ

އިންޑިއާ ސިފައިން ރާއްޖެއިން ބޭރުކުރުމަށް ގޮވާލާ ޒުވާނުން މިއަދު ބާއްވަން އުޅޭ ސައިކަލު ބުރު ހުއްޓުވުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

އިދިކޮޅު ޕީޕީއެމް/ޕީއެންސީ އިން އިސްނަގައިގެން ކުރިޔަށް ގެންދަން ނިންމާފައިވާ މި ހަރަކާތް ހުއްޓުވުމަށް 50 އަށްވުރެ ގިނަ އެސްއޯ ފުލުހުން ވަނީ ނެރެފައެވެ. މީގެ އިތުރުން ސިފައިންވެސް ތައްޔާރީ ހާލަތަށް ގެނެސްފައިވާ ކަމުގެ މައުލޫމާތު ”ބޮންތި“ އަށް ވަނީ ލިބިފައެވެ.

ފުލުހުން ނެރުނު ނޫސްބަޔާނެއްގައި ބުނިގޮތުގައި ޒުވާނުންގެ ސައިކަލު ބުރު ހުއްޓުވަން ނިންމީ އެ ހަރަކާތުގެ ތެރެއިން ހަމަނުޖެހުން ހިންގަން މަސައްކަތް ކުރަން އުޅޭ ކަމުގެ މައުލޫމާތު ލިބިގެންނެވެ. އެކަމަކު އެއީ ކިހިނެތް ލިބުނު މައުލޫމާތެއް ކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ.

މިކަމާގުޅިގެން އިދިކޮޅު ކޯލިޝަންގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ އެފަދަ އެއްވެސް ހަމަނުޖެހުމެއް ހިންގަން އިދިކޮޅުން ރާވާފައިނުވާނެ ކަމުގައެވެ.

”ސަރުކާރު އޮތީ ވަރަށް ބޮޑަށް އިންޑިއާގެ ދަށުވެފަ. އިންޑިއާ އިން ދޭ އިރުޝާދުތަކާ އެއްގޮތަށް ސަރުކާރުން މަސައްކަތް ކުރަނީ އިންޑިއާ އައުޓް ހުއްޓުވަން.“ ހީނާ ވިދާޅުވިއެވެ.

އިންޑިއާ އައުޓް ގެ ނަމުގައި އިދިކޮޅުން މީގެ ކުރިން ގެންދިޔަ ހަރަކާތްތަކުގައި ހަމަ ނުޖެހުން ހިންގާތޯ ނުވަތަ ނުހިންގާތޯ ފުލުހުން ނުބަލައެވެ. އެކަމަކު ފުލުހުން ތިބެނީ ތައްޔާރީ ހާލަތުގައެވެ. އަދި މިއަދު ކުއްލިގޮތަކަށް މި ހަރަކާތް ހުއްޓުވަލުމުން ބައެއް ނޫސްވެރިންވެސް ވަނީ ފުލުހުންގެ މީޑިއާ އާއި ސުވާލު ކުރަމުންނެވެ.

އެގޮތުން އިންޑިއާ އެމްބަސީ އިން އަންގައިގެން ކުރާ ކަމެއްތޯ އާއި ފުލުހުންގެ މުއައްސަސާއަށް ސިޔާސީ ނުފޫޒު ފޯރަނީތޯ ބައެއް ނޫސްވެރިން ވަނީ ސުވާލު ކޮށްފައެވެ.

މިއަދުގެ ވަގުތެއްގައި ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު އިންޑިއާ އެމްބަސީއަށް ވަޑައިގެންނވިތޯވެސް ނޫސްވެެރިއަކު ވަނީ ސުވާލު ކޮށްފައެވެ. އެކަމަކު އޭގެން އެއްވެސް ސުވާލަކަށް ފުލުހުން ޖަވާބެއް ނުދެއެވެ.

ފުލުހުން ވަނީ ޒުވާނުންގެ ސައިކަލް ބުރު ފަށަން ނިންމާފައިވާ ޕީޕީއެމް އޮފީސް ސަރަހައްދު ވަށައިގެން ބެރިކޭޑު ޖަހާ ބަންދުކޮށްފައެވެ.

 

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button