ޚަބަރު

ރާއްޖޭގެ ރިޒާވް ބޮޑުތަނުން ދަށަށް ހިނގައްޖެ

ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވް ބޮޑުތަނުން ދަށަށް ހިނގައްޖެއެވެ. 

މަރުކަޒީ ބޭންކުން މިދިޔަ ޖުލައި މަހުގެ ތަފާސްހިސާބުތައް އާންމު ކުރިއިރު، މިއަހަރުގެ ޖުލައި މަހާ ހަމައަށް ރާއްޖޭގެ ރިޒާވްގައި ހުރީ 728.18 މިލިއަން ޑޮލަރެވެ.

މިއީ ކޯވިޑް-19 ގެ ހާލަތަށް ފަހު ފާއިތުވެ ދިޔަ ދޮޅު އަހަރުގެ ތެރޭގައި ރިޒާވް އެންމެ ބޮޑަށް ދަށަށް ދިޔަ ފަހަރެވެ. ކޯވިޑުން އަރައިގަނެވޭނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން އަންދާޒާ ކުރީ މިދިޔަ އަހަރުގެ ނިޔަލަށަށެވެ. އެގޮތުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ދައުލަތުގެ ބޭރު ފައިސާގެ ރިޒާވުގައި 1.2 ބިލިއަން ޑޮލަރު ހުއްޓެވެ. އެކަމަކު އެފަހުން މިއަދާ ހަމައަށް ބަލާއިރު 472 މިލިއަން ޑޮލަރު ރިޒާވުން ވަނީ މަދުވެފައެވެ. ކޯވިޑް 19 ގެ ދުވަސްވަރު ރިޒާވު އެންމެ ބޮޑަށް ދަށަށް ދިޔައިރު، ހުރީ 569.83 މިލިއަން ޑޮލަރެވެ. 

މިފަހަކަށް އައިސް މަރުކަޒީ ބޭންކުން އާންމު ކުރަނީ ޖުމްލަ ރިޒާވްގެ މިންވަރެވެ. އަދި ބޭނުންކުރެވެނީ ކިހާ މިންވަރެއްގެ ފައިސާއެއް ކަމާއި، ބްރޭކްޑައުން ކޮށް ތަފްސީލެއް ހާމައެއް ނުކުރެއެވެ. 

ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވް ދަށަށް ދިއުމާއި ބަޖެޓް ސަޕޯޓަށް ދަރަނި އިންތިހާއަށް ނެގުމުގެ ސަބަބުން އިގްތިސާދަށް އޮތް ނުރައްކާ އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން މިދިޔަ ޖުލައި ފަހުކޮޅު ވަނީ ހާމަކޮށްފައެވެ. އެކަމަކު ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވަނީ ރާއްޖެ ބަނގުރޫޓު ވުމާ ދިމާލަށް ދަތުރު ނުކުރާނެ ކަމުގައެވެ. 

އަމީރު ޖޫން މަހު ވިދާޅުވެފައިވާގޮތުން މިހާރު ދައުލަތުގެ ރިޒާވުގައި ހުރީ ކުރިޔަށް އޮތް 4 މަސް ދުވަހުގެ އަސާސީ ތަކެތި ގަންނާނެ ފައިސާ އެވެ.  

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button