އަނެއްކާވެސް ސަރުކާރުން 1.1 ބިލިއަން ރުފިޔާ ޗާޕުކޮށްފި

ދަޢުލަތް ދަރަނިވެރިވެ ސަރުކާރުގެ ޚަރަދުތައް ފޫބައްދަން އަނެއްކާވެސް ފައިސާ ޗާޕުކޮށްފިއެވެ.
މަރުކަޒީ ބެންކުން އާންމުކޮށްފައިވާ ހިސާބުތަކުން ދައްކާގޮތުގައި ފާއިތުވި އޭޕްރީލް މަހު ސަރުކާރުން ވަނީ 1.1 ބިލިއަން ރުފިޔާ ޗާޕުކޮށްފައެވެ.
ރައީސް އިބްރާހިމްގެ ސަރުކާރުގެ ޚަރަދުތައް ފޫބައްދަން ދޭތެރެ ދޭތެރެއިން ފައިސާ ޗާޕުކުރަމުން އަންނަ އިރު ރާއްޖޭގެ ބާޒާރުގައި ތަކެތީގެ އަގު ވަނީ އިންތިހާއަށް އުފުލިފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މިއީ ރާއްޖޭގެ ތާރީޚްގައިވެސް ތަރައްޤީގެ މަޝްރޫޢުތައް އެންމެ މަދުން ހިންގާ އެހެންނަމަވެސް އެންމެ ގިނައިން ފައިސާ ޗާޕުކުރި ސަރުކާރެވެ.
ފާއިތުވި އަހަރުވެސް މުޅި ޖުމްލަ 4 ބިލިއަން ދިވެހި ރުފިޔާ ޗާޕުކޮށްފައިވާކަން އެމްއެމްއޭއިން އާންމުކޮށްފައިވާ ހިސާބުތަކުން ވަނީ ހާމަވެފައެވެ. މީގެ އިތުރުން ކޮވިޑުގެ އިޤުތިޞާދީ ދަތިކަމުގެ ސަބަބުންކަމަށް ބުނެ 2020 ވަނަ އަހަރާއި 2021 ވަނަ އަހަރުގައިވެސް ސަރުކާރުން ވަނީ ފައިސާ ޗާޕުކޮށްފައެވެ.
ދުނިޔޭގެ އިންފުލޭޝަން މަތިވަމުންދާ ވަގުތެއްގައި ހައްދެއްނެތި ފައިސާ ޗާޕުކޮށް އިޤުތިޞާދަށް ނެރުމުގެ ސަބަބުން ރައްޔިތުން ތަހައްމަލުކުރަންޖެހޭ ބުރަ ބޮޑުވާނެކަމެއް ކަމުގައި ކަމާއިގުޅޭ މާހިރުން ވިދާޅުވެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ރާއްޖޭގެ އިޤްތިސާދު ތެރޭގައި ދައުރުވާ ފައިސާ އިތުރުވުމުގެ ސަބަބުން ޑޮލަރު ކަޅު ބާޒާރެއް އުފެދި މިހާރު ޑޮލަރު ލިބެނީ 17.10 ރުފިޔާއަށެވެ.
ދިވެހި ދަޢުލަތް ދަރަނިވެރިވެދާނެ ކަމުގެ ބިރު އޮތްކަމަށާއި ޚަރަދުތައް ކުޑަކުރުމަށް ވޯލްޑް ބޭންކުން އަންގާފައިވަނިކޮށް އިންތިޚާބުތަކާއި ދިމާކޮށް ރައީސް އިބްރާހީމްގެ ސަރުކާރުން ދަނީ ގިނަ އަދަދެއްގެ ސިޔާސީ މަޤާމްތައް އުފައްދަމުންނެވެ.
ރައީސް އިބްރާހިމްގެ ސަރުކާރުން ޚަރަދުތައް ފޫބައްދަން ގެންގުޅޭ ”ބެސްޓް ޕޮލިސީ“ އަކީ ބޭރު ޤައުމުތަކުން އިންތިހާއަށް ލޯނުތައް ނެގުމާއި، ރައްޔިތުން ޖޫރިމަނާ ކުރުމާއި ޓެކްސް ނަގާ ބާވަތްތައް އިތުރުކުރުމާއި ފައިސާ ޗާޕުކުރުމެވެ.