ޚަބަރު

335 ސައިކަލު ޕާކު ކުރެވޭ ބޮޑު ޕާކިން ޒޯނެއް ހުޅުވަނީ

އަމީނީ މަގުގައި 335 ސައިކަލު ޕާކު ކުރެވޭ ބޮޑު ޕާކިން ޒޯނެއް ހަދައި މިހަފުތާ ތެރޭގައި އެ ތަން ހުޅުވުމަށް ނިންމާފައިވާ ކަމުގައި މާލޭގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.  

މުއިއްޒު ވިދާޅުވީ އަމީނީ މަގުން މާފަންނު ސްޓޭޑިއަމް ސަރަހައްދުގެ ބައެއްގައި ހަދަމުން އަންނަ ޕާކިން ޒޯނަކީ މާލޭގައި މިނީ ބަހުގެ ހިދުމަތް ފެށުމަށް އަމީނީ މަގުގެ ޕާކިން ނަގާތީ ސަރުކާރުން ހަމަޖައްސައިދިން ބިމެއްގައި ހަދާ ޕާކިން ޒޯނެއް ކަމުގައެވެ. އެގޮތުން ސްޓޭޑިއަމްގައި ކުޅިވަރު ކުޅެމުން އައި ސަރަހައްދުން ބައެއް ނަގައިގެން އެ މަސައްކަތް ކުރިޔަށް ގެންދިޔަކަން މުއިއްޒު ފާހަގަކުރެއްވިއެވެ.. 

”މި ޕާކިން ޒޯނު ކައިރިން ކާރު ޕާކު ކުރުމަށް ޖާގައެއް ކަނޑައަޅާނަން. އެކަން ކުރިޔަށް އެބަދޭ. ސީދާ ކިތައް ކާރު ޕާކު ކުރެވޭނެ ކަން އަދި ދަންނަވަން ދަތި.“ މުއިއްޒު ވިދާޅުވިއެވެ. 

މޭޔަރު ފާހަގަކުރެއްވިގޮތުގައި އަމީނީ މަގު ޕާކިން ޒޯނުގެ އިތުރުން މަޖީދީ މަގުގެ ދެތިން ސަރަހައްދަކުން ވެސް ޕާކިން ޒޯނު ހެދުމަށް ސިޓީ ކައުންސިލުން ވަނީ ނިންމާފައެވެ. އަަދި އެކަން ކުރުމަށް ބިން ބިން ހަމަޖެހުނުހާ އަވަހަކަށް މަސައްކަތް ފަށާނެކަމަށް މުއިއްޒު ވިދާޅުވިއެވެ. 

މިނީ ބަހުގެ ހިދުމަތް ފެށުމަށް މަޖީދީ މަގުގައި އެއްކޮށް ޕާކުކުރުން މިހާރު ވަނީ މަނާކޮށްފަ އެވެ. ފަރީދީ މަގާއި އޯކިޑް މަގާއި އަމީނީ މަގުގައި ވެސް އެއްކޮށް ޕާކުކުރުން މަނާކުރުމުގެ ސަބަބުން ބައެއް އާންމުން އަންނަނީ ޕާކިންގެ ދަތިކަމުގެ ޝަކުވާ ކުރަމުންނެވެ. 

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button