ޚަބަރު

އާމިން ދައްތައަށް ވަޒީފާ ދޭން އެންގުމުން އެކަމަށް އަމަލެއް ނުކުރި!

އައްޑޫ ސިޓީ ހިތަދޫ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި މިދިޔަ މާރޗް 25 ވަނަ ދުވަހު ހައްޔަރު ކުރި ޝަރަފުއްދީން ސްކޫލްގެ މަސައްކަތު މީހެއްގެ މަގާމުގައި ހުރި އާމިންދައްތަ ވަޒީފާއިން ސަސްޕެންޑު ކުރީ ގޯސްކޮށް ކަމަށް ނިންމައި ވަޒީފާއަށް ނެރެ، އެ މުއްދަތުގައި ދޭންޖެހޭ މުސާރަ އާއި އިނާޔަތް ދިނުމަށް ސިވިލް ސާވިސް ކޮމިޝަނުން އެންގުމުން ވެސް އެ ޝަރަފުއްދީން ސްކޫލުން އެ އެންގުމަށް އަމަލެއް ނުކުރިއެވެ.

ފްރޭމްކޮށް، ނުހައްގުން އެތަކެއް އަނިޔާތަކެއް ދިން އާމިން ދައްތަ ހައްޔަރުން ދޫކޮށްލީ 23 ދުވަސް ފަހުން މާރޗް 21 ވީ ބުރާސްފަތި ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައެވެ.

އާމިންދައްތަގެ މައްސަލާގައި ސިވިލް ސާވިސް ކޮމިޝަނުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީއަށް ފޮނުވި ސިޓީގައި ވަނީ އޮގަސްޓް 21 ވަނަ ދުވަހުން ފެށިގެން އާމިންދައްތަ ސަސްޕެންޑްކޮށް ފައި އޮއް އޮތުން އުވާލާ، އާމިންދައްތަ އަލުން ވަޒީފާ އަށް ނެރުމަށާއި އަދި ސަސްޕެންޑްކުރި ދުވަހުން ފެށިގެން ލިބެން ޖެހޭ މުސާރަ އާއި އިނާޔަތް ހަމަޖައްސައި އެކަން ސިވިލް ސާވިސް ކޮމިޝަނަށް އޮގަސްޓް 21 ވަނަ ދުވަހުގެ 14:00 ގެ ކުރިން އަންގަން ވާނެކަމަށެވެ.

މިގޮތަށް އެކޮމިޝަނުން، އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީއަށް އެންގިކަމުގައި ވިޔަސް މިކަމަށް އަމަލުކޮށްފައެއް ނުވެއެވެ. އެ އެންގުމާ އެގޮތަށް އެޑިއުކޭޝަން މިނިސްޓްރީ އާއި ޝަރަފުއްދީން ސްކޫލުން ވެސް އަމަލުނުކުރާ ކަމަށް ބުނެ އާމިންދައްތަ އާއިލާ އާއި އާމިންދައްތަގެ ދިފާއުގައި މަސައްކަތްކުރަމުން ދިޔަ ޓީމުން އަނެއްކާ ވެސް އިންސާފު ހޯދުމުގެ މަސައްކަތް ވަނީ ފަށާފައެވެ.

އާމިންދައްތަގެ މައްޗަށް ކުރެވުނު ތުހުމަތާ ގުޅިގެން އޭނަގެ ދިފާއުގައި ނުކުތް އިސްކޮށް ހުރި ހުސައިން ރަޝީދު (ހުސައިން މެޓްރިކްސް) ގެ ފޭސްބުކް ޕޯސްޓެއްގައި ބުނީ އާމިންދައްތަ އަށް އިންސާފުހޯދުމަށް މަގުމައްޗަށް ނުކުންނަން ޖެހިއްޖެ ނަމަ އެކަން ވެސް ކުރަން ތައްޔާރަށް ތިބި ކަމަށެވެ.

އައްޑޫ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސަތްކަތްކުރާ ކޮމިޓީ އަށް ނިސްބަތްކޮށް ހުސައިން ވަނީ ފާޑުވެސް ކިޔާފައެވެ.

”ކޮބައިތޯ ތިބޭފުޅުންގެ ޒިންމާއަކީ ހަމަ އެކަނި ބިއުޓީ ކޯސްތައް ބޭވުންތޯ ނުވަތަ ސަރުކާރުގެ ވެރިން ވަޑައިގަތީމަ ކަރުގަ މާފަތި އެޅުވުންތޯ؟ ކަނބަލުންގެ ހައްގުގައި ވަކާލާތު ނުކުރެވޭނަމަ ތިމަގާމުގައި ތިބުމަކީ ލަދުވެތިކަމެއް ކަމަށް.“ ހުސައިން ބުންޏެވެ.

ހުސައިން އިތުރަށް ބުނީ އާމިންދައްތަ އަށް މިސަރުކާރުން ދެމުން ގެންދާ އަނިޔާ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.

އާމިންދައްތަ ހައްޔަރު ކުރުމާއެކު ހިތަދޫ އާންމުން ވަނީ އޭނާ ދޫކޮށްލުމަށާއި، އަސްލު ތުހުމަތު ކުރެވޭ މީހާ ހައްޔަރު ކުރުމަށް ގޮވާލާފައެވެ. އާމިންދައްތަ ފްރޭމްކޮށްފައިވަނީ ކުއްޖާ ބެލެހެއްޓުމުގެ ޒިންމާގައި ތިބި ބައެއް ކަމަށާއި، އެގޮތަށް ކަންތައް ކުރީ ކުއްޖާގެ ކާފަގެ ފަރާތުން ލިބުނު ޖިންސީ އަނިޔާތައް ފޮރުވުމަށް ކަމަށްވެސް އާންމުން ބުނެފައިވެއެވެ.

އެ މައްސަލައިގައި އާންމުން ތުހުމަތު ކުރަނީ ހިތަދޫ ވެމްކޯގެ އިސް ވެރިއެއް ކަމަށްވާ އެމްޑީޕީގެ އެކްޓިވިސްޓު އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އާއި އަރިސް ގުޅުމެއް އޮންނަ ޝާފިއު ޖަމީލުގެ ބައްޕައަށެވެ. ޝާފިއު ޖަމީލާއި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމަކީ ދެބޭންގެ ދެ ދަރިއެވެ. އެހެންކަމުން އާންމުން ތުހުމަތު ކުރަނީ މި މައްސަލަ އޮއްބާލާފައިވަނީ ސިޔާސީ ނުފޫޒު ބޭނުންކޮށްގެން ކަމުގައެވެ.

މި މައްސަލައިގައި އާމިން ދައްތަ ހައްޔަރު ކުރި ދުވަހު “ބޮންތި” އިން ވަނީ ފުލުހުންނާ ވަރަށް ގިނަ ސުވާލު ކޮށްފައެވެ. އޭގެ ތެރޭގައި އަސްލު ޖިންސީ ގޯނާ ކުރިކަމަށް އާންމުން ތުހުމަތު ކުރާ ފަރާތާ އެއްވެސް ސުވާލެއް ކުރިތޯ އާއި އެފަރާތަކީ މީގެ ކުރިންވެސް އަންހެނުންނަށް ޖިންސީ ފުރައްސާރަ ކޮށްފައިވާކަމުގެ ތާރީހެއް އޮތް މީހަކަން އެ ރަށުގެ އާންމުން ބުނާއިރު، އޭނާ އާއި ސުވާލު ނުކުރަނީ ކީއްވެތޯ “ބޮންތި” އިން ކުރި ސުވާލަށް ފުލުހުން މިއަދާ ހަމައަށްވެސް ޖަވާބެއް ނުދެއެވެ.

އާމިން ދައްތައަށް ގާނޫނީ އެހީތެރިކަން ލިބިފައިވާއިރު، އޭނާ އަށް މިހާރު ބޭނުންވަނީ އާންމުންނާއި ހެޔޮ އެދޭ ފަރާތްތަކުގެ އެހީތެރިކަމާއެކު އިންސާފެވެ. ލިބުނު ބަދުނާމަށް އިންސާފެވެ. އެވަރުގެ ބޮޑު އިލްޒާމެއް އަޅުވައި ފްރޭމް ކުރި މީހުންނަށް ހައްގު އަދަބެވެ. ގޮޅީގައި ގިނަ ދުވަސް ހޭދަ ކުރަން ޖެހުމުގެ ސަބަބުން ސިއްހީ ގޮތުންނާއި ނަފްސާނީގޮތުން ލިބުނު ގެއްލުމުގެ ބަދަލެވެ. އަދި ވަކިން ހާއްސަކޮށް ޖިންސީ ގޯނާގެ ޝިކާރައަކަށްވި ކުޑަ ކުއްޖާއަށް އިންސާފެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button