ޚަބަރު

ހުޅުމާލެ ފޭސް 2 ގައި އިމާރާތްކުރި ކާމިލްދީދީ ޕްރައިމަރީ ސްކޫލް ހުޅުވައިފި

ހުޅުމާލެ ފޭސް 2 ގައި އިމާރާތްކުރި ކާމިލް ދީދީ ޕްރައިމަރީ ސްކޫލް ހުޅުވައިފިއެވެ.

ކާމިލްދީދީ ޕްރައިމަރީ ސްކޫލް ހުޅުވުމުގެގޮތުން މިއަދު ހާއްސަ ރަސްމިއްޔާތެއް ބާއްވާފައިވެއެވެ.

އެރަސްމިޔާތުގައި ނައިބު ރައީސް ފައިޞަލް ނަސީމް، އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އަދި ސަރުކާރުގެ އިސްވެރިން ބައިވެރިވިއެވެ.

މި ސުކޫލް ހުޅުވުމުގެ ގޮތުން ނައިބު ފައިޞަލް ނަސީމް ވިދާޅުވީ ދައްރިސުންނާއި ބެލެނިވެރިންނާއި ސަރުކާރުގެ ޒިންމާއެއްވެސް އެބައޮތް ކަމަށާއި، ޤައުމަށް ހެޔޮލަފާ ޖީލެއް ލިބެން އޮތީ، އެ ހުރިހާ ފަރާތްތަކަކުންވެސް އެފަރާތްތަކުގެ މަސްޢޫލިއްޔަތު ފުރިހަމައަށް އަދާކޮށްގެން ކަމަށެވެ. އަދި އެކަކު އެކަނި ކުރާ މަސައްކަތުން ބައެއް ކަންކަމަކީ ކާމިޔާބު ނުކުރެވޭނެ ކަންކަން ކަމަށާއި، ކާމިޔާބީއާ ހަމައަށް ދެވޭނީ އެންމެން އެކުގައި ގުޅިގެން ކުރާ މަސައްކަތުން ކަމުގައިވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ސްކޫލް ހުޅުވުމުގެ ރަސްމިޔާތުގައި ވާހަކަ ދައްކަވަމުން ވިދާޅުވީ ދުރުގައި ހުރި ސްކޫލަކަށް ދަރިވަރުން ގެންދިއުމުގެ ބަދަލުގައި ހިނގާލާފައި މަދު މިނިޓް ކޮޅަކުން ދަރިވަރުން މިހާރު ސްކޫލަށް ގެންދެވޭނެ ކަމުގައެވެ.

”ދަރިފުޅު ބަހަށް ލާފައި އެކަނި ފޮނުވާލަން ފަސްޖެހޭ ބެލެނިވެރިންނަށް ގޭ ބެލްކަނީގައި ހުރެ ދަރިފުޅު ސްކޫލަށް ވަންނަ މަންޒަރު ބަލާލެވޭނެ.“ މިނިސްޓަރ އައިޝަތު ވިދާޅުވިއެވެ.

މިނިސްޓަރު އައިޝަތު އިތުރަށް ވިދާޅުވިގޮތުގައި މި ދިރާސީ އަހަރުގައި ހުޅުމާލެ ފޭސް 2 ގައި އިތުރު ދެ ސްކޫލެއް ހުޅުވިގެން ދާނެއެވެ.

ކާމިލްދީދީ ޕްރައިމަރީ ސްކޫލް އަޅާފައިވަނީ، ހުޅުމާލެ ފޭސް 2 ގެ ހިޔާ ޓަވަރުތައް ކައިރީގައެވެ. މިސްކޫލަކީ، ފައުންޑޭޝަން ލެވެލްއިންފެށިގެން، ގުރޭޑް 6 އާއި ހަމައަށް ކިޔަވައިދޭ ސްކޫލެކެވެ. މިސްކޫލުގައި 824 ދަރިވަރުން ތަޢުލީމް ހާޞިލްކުރާއިރު، މުދައްރިސުންނާއިއެކު ޖުމުލަ 65 މުވައްޒަފުން މިވަގުތު މިސްކޫލުގައި އެބަތިއްބެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button