ޚަބަރުސިޔާސީ

ރަނގަޅު ތައުލީމީ ޖީލެއް ބިނާކުރެވޭނީ އެންމެން ޒިންމާ އަދާކޮށްގެން: ފައިޞަލް

ގައުމަށް ބޭނުންވާފަދަ ރަނގަޅު ތަޢުލީމީ ޖީލެއް ބިނާކުރެވޭނީ، ހުރިހާ ފަރާތްތަކަކުންވެސް އެފަރާތްތަކާއި ހަވާލުވެފައިވާ ޒިންމާއާ މަސްޢޫލިއްޔަތު ފުރިހަމައަށް އަދާކޮށްގެން ކަމުގައި ނައިބު ރައީސް ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ހުޅުމާލެ ފޭސް 2 ގައި ހުޅުވި ފުރަތަމަ ސްކޫލް، ކާމިލްދީދީ ޕްރައިމަރީ ސްކޫލް ހުޅުއްވައި ދެއްވުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.

ކާމިލް ދީދީ ޕްރައިމަރީ ސްކޫލް ހުޅުއްވައިދެއްވައި، ފައިޞަލް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ބެލެނިވެރިން ދަރިވަރުން ސްކޫލަށް ފޮނުވަނީ ވަރަށް ފޮނިއުއްމީދަކާއި ޔަޤީންކަމަކާއިއެކުގައި ކަމަށާއި، އެކުދިންނާއި މެދު ޤައުމުވެސް ފޮނި އުންމީދުތަކެއް ކުރާ ކަމަށެވެ.

ފައިޞަލްގެ ވާހަކަފުޅުގައި ވިދާޅުވީ، މުދައްރިސުންނާއި ބެލެނިވެރިންނާއި ސަރުކާރުގެ ޒިންމާއެއްވެސް އެބައޮތް ކަމަށާއި، ޤައުމަށް ހެޔޮލަފާ ޖީލެއް ލިބެން އޮތީ، އެ ހުރިހާ ފަރާތްތަކަކުންވެސް އެފަރާތްތަކުގެ މަސްޢޫލިއްޔަތު ފުރިހަމައަށް އަދާކޮށްގެން ކަމަށެވެ. އަދި އެކަކު އެކަނި ކުރާ މަސައްކަތުން ބައެއް ކަންކަމަކީ ކާމިޔާބު ނުކުރެވޭނެ ކަންކަން ކަމަށާއި، ކާމިޔާބީއާ ހަމައަށް ދެވޭނީ އެންމެން އެކުގައި ގުޅިގެން ކުރާ މަސައްކަތުން ކަމުގައިވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

މީގެ އިތުރުން ފައިޞަލްގެ ވާހަކަފުޅުގައި ވަނީ، ސްކޫލު ނިސްބަތްވާ، އަހުމަދު ކާމިލްދީދީގެ ޙަޔާތްޕުޅުގެ މައްޗަށްވެސް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވާފައެވެ. މިގޮތުން އެމަނިކުފާނަކީ ތަޢުލީމީ ދާއިރާއަށާއި ދިވެހި އަދަބިއްޔާތަށް ގިނަ ގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެއްކަން ނައިބު ރައީސް ފައިޞަލް ފާހަގަކުރެއްވިއެވެ.

ކާމިލް ދީދީ ޕްރައިމަރީ ސްކޫލް އަޅާފައިވަނީ، ހުޅުމާލެ ފޭސް 2 ގެ ހިޔާ ޓަވަރުތައް ކައިރީގައެވެ. މިސްކޫލަކީ، ފައުންޑޭޝަން ލެވެލްއިންފެށިގެން، ގުރޭޑް 6 އާއި ހަމައަށް ކިޔަވައިދޭ ސްކޫލެކެވެ. މިސްކޫލުގައި 824 ދަރިވަރުން ތަޢުލީމް ހާޞިލްކުރާއިރު، މުދައްރިސުންނާއިއެކު ޖުމުލަ 65 މުވައްޒަފުން މިވަގުތު މިސްކޫލުގައި އެބަތިއްބެވެ.

ކާމިލްދީދީ ޕްރައިމަރީ ސްކޫލް ނިސްބަތްވަނީ، ދިވެހިރާއްޖޭގެ ފުރަތަމަ ޤާނޫނު އަސާސީގެ ދަށުން ވަޒީރުލްމަޢާރިފްގެ މަޤާމަށް އައްޔަނުކުރެއްވި އަލްއުސްތާޛު އަޙްމަދު ކާމިލް ދީދީއަށެވެ. އެމަނިކުފާނަކީ ދިވެހި އަދަބިއްޔާތުގައިވެސް ފާހަގަކޮށްލެވޭ ޝަޚުސިއްޔަތެކެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button