ރިޕޯޓް

ފްރޭމްކޮށް، 23 ދުވަސް ގޮޅީގައި ހޭދަކުރަން ޖެހުނު އާމިން ދައްތަގެ ހިތްދަތި ވާހަކަ

އައްޑޫ ސިޓީ ހިތަދޫ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި މިދިޔަ މަހުގެ 25 ވަނަ ދުވަހު ހައްޔަރު ކުރި ޝަރަފުއްދީން ސްކޫލްގެ މަސައްކަތު މީހެއްގެ މަގާމުގައި ހުރި އާމިންދައްތަ ދޫކޮށްލީ 23 ދުވަސް ފަހުން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައެވެ.

އާމިންދައްތަ ހައްޔަރު ކުރުމާއެކު ހިތަދޫ އާންމުން ވަނީ އޭނާ ދޫކޮށްލުމަށާއި، އަސްލު ތުހުމަތު ކުރެވޭ މީހާ ހައްޔަރު ކުރުމަށް ގޮވާލާފައެވެ. އާމިންދައްތަ ފްރޭމްކޮށްފައިވަނީ ކުއްޖާ ބެލެހެއްޓުމުގެ ޒިންމާގައި ތިބި ބައެއް ކަމަށާއި، އެގޮތަށް ކަންތައް ކުރީ ކުއްޖާގެ ކާފަގެ ފަރާތުން ލިބުނު ޖިންސީ އަނިޔާތައް ފޮރުވުމަށް ކަމަށްވެސް އާންމުން ބުނެފައިވެއެވެ.

އެ މައްސަލައިގައި އާންމުން ތުހުމަތު ކުރަނީ ހިތަދޫ ވެމްކޯގެ އިސް ވެރިއެއް ކަމަށްވާ އެމްޑީޕީގެ އެކްޓިވިސްޓު އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އާއި އަރިސް ގުޅުމެއް އޮންނަ ޝާފިއު ޖަމީލުގެ ބައްޕައަށެވެ. ޝާފިއު ޖަމީލާއި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމަކީ ދެބޭންގެ ދެ ދަރިއެވެ. އެހެންކަމުން އާންމުން ތުހުމަތު ކުރަނީ މި މައްސަލަ އޮއްބާލާފައިވަނީ ސިޔާސީ ނުފޫޒު ބޭނުންކޮށްގެން ކަމުގައެވެ.

23 ދުވަސް ގޮޅީގައި އޮތުމަށްފަހު އެކްސްޕެރެސް ނިއުސް އެމްވީއަށް އާމިންދައްތަ ދިން އިންޓަވިއުގައި ވަނީ ކަން ހިނގައި ދިޔަ ގޮތް ކިޔައިދީފައެވެ. ޝަރަފުއްދީން ސްކޫލުގައި 27 އަށްވުރެ ގިނަ އަހަރުވަންދެން މަސައްކަތް ކުރަމުން އައި އާމިންދައްތަ ބުނީ ކުއްޖާ ފާހާނާއަށް ގެންގޮސްދޭން ޓީޗަރު އެދުމުން ފާހާނާއަށް ގެންދިޔަކަމުގައެވެ.

”ކުއްޖާގެ މޫނުމަތިން ނުތަނަވަސްކަން އިހުސާސްކުރެވުނު. ފާހާނާއަށް ކުއްޖާ ވެއްދުމަށްފަހު އަހަރެން ހުރީ ބޭރުގަ. މުސްލިމް ޝަވަރު ހުންނާނެ. ކުދިންނަށް އަމިއްލައަށް ތާހިރުވާން އެނގޭނެ. ކުއްޖާ ފާހާނާއިން ނިކުތުމުން ގެންގޮސްދިނީ ކުލާހަށް.“ އާމިންދައްތަ ބުންޏެވެ.

އާމިންދައްތަ ބުނިގޮތުގައި އޭނާ ފްރޭމް ކުރުމުގެ މަސައްކަތް ފެށުނީ ސްކޫލްގެ ލީޑިން ޓީޗަރަކާއި ކުއްޖާގެ ބެލެނިވެރިޔާއި ކުރެވުނު މަޝްވަރާއަކަށްފަހުގައެވެ. އެއީ ރޭވުމެއްގެ ދަށުން ލީޑިން ޓީޗަރު މެދުވެރިކޮށް ކުއްޖާގެ ބެލެނިވެރިޔާ އާމިންދައްތައަށް ދިން ބޮޑު އަނިޔާއެކެވެ.

”އެކުދިން ފާހާނާއަށް ދާން ބޭނުންވަނީ އަހަރެން. އެހެން މަސަތްކަތު ބަޔަކު ބޭނުމެއް ނުވޭ. އެއީ ބައެއް ކުދިން ތާހިރު ކުރަން އަތަށް ފެން އަޅައިދީ ކަންތައް ކުރަނީ އަހަންނަށް ވާތީ. އާމިންދައްތަ ވިދާޅުވިއެވެ.

އާމިންދައްތަ ބުނިގޮތުގައި ކަމެއް ހިނގައިގެން އުޅޭކަން އެނގުނީ ކޯޓު އަމުރެއްގެ ދަށުން ފުލުހުން ގެޔަށް އައިސް އޭނާ ހައްޔަރުކޮށްގެން ގެންދަން އުޅުމުންނެވެ.

ހައްޔަރުކޮށްގެން ގެންގޮސް ގޮޅިއަށް ލުމަށްފަހު އެރޭ ޑިއުޓީއަށް ހުރި ފުލުހެއްގެ ފަރާތުން ފުރައްސާރައިގެ ބަސްތަކެއް އަމާޒުވިކަން ފާހަގަކުރަމުން އާމިންދައްތަ ބުނީ އޭނާ އާމިންދައްތަގެ ބޮލުގައި ޖިންސީ ގޯނާ ކުރާ މީހެއްގެ އިލްޒާމް އަޅުވާފައިވާކަމުގައެވެ.

”ބުނީ ތި އުމުރަށް ދިޔައީމަ ތިޔަހެން އުޅޭތީ ނޫންހޭ މިތަނަށް ގެންނަން ޖެހުނީ. އެކަމާ ހިތްހަމަނުޖެހިގެން ލޭމައްޗަށް ދިޔަ.“ އާމިންދައްތަ ބުންޏެވެ.

ނަފްސާނީގޮތުންނާއި ސިއްހީގޮތުން ކުރިމަތިވި ކަންކަމަށް ސާމާލުވުމަށް ޑޮކްޓަރު ލަފާ ދީފައިވާކަންވެސް އާމިންދައްތަ ފާހަގަކުރިއެވެ. ހުވަފަތްވެފައިވާ އާމިންދައްތައަކީ އޭނާގެ މާމަ 3 ކުދިން އެކަނިމާއެކަނި ނިކަމެތި ހާލުގައި ބަލާބޮޑުކޮށް މިހާރުވެސް އެކުދިންގެ ހިދުމަތުގައި ހުރި ފަރާތެކެވެ. އަދި އެއިން އެއްވެސް ކުއްޖެއްގެ ފަރާތުން ނުވަތަ އެކުދިންގެ މަންމަގެ ފަރާތުން ނޭދެވޭ އެއްވެސް ވާހަކައެއް ނުވަތަ އަމަލެއް އާމިންދައްތައާއި ގުޅޭގޮތުން މިހާތަނަށް އަޑުއިވިފައެއް ނުވެއެވެ.

އާމިންދައްތައަށް އިންސާފު ހޯދުމަށް އައްޑޫ ސިޓީ ހިތަދޫ ގިނަ އާންމުން އިސްނަގައިގެން ކުރިޔަށް ގެންދިޔަ ޕެޓިޝަނާ ގުޅިގެން އޭނާ ހުރީ އިންސާފު ލިބޭނެ ކަމުގެ އުންމީދުގައެވެ. ކުރިންވެސް ދެ ލޯނެއް ނަގައި އެ ލޯނު ދައްކަމުން އަންނަކަމަށް އާމިންދައްތަ ބުނެޏެވެ. އަދި ކުދިންނަށް މުސްތަގުބަލެއް ހޯދައިދިނުމުގެ ގޮތުން ގޯތި ހެދުމަށް އިތުރު ލޯނެއް ނަގަން ނިންމާފައިވާ ކަމަށާއި އެކަމަކު ބަންދާ ގުޅިގެން އެކަންވެސް ހުއްޓާލަން ޖެހުނުކަން އޭނާ ފާހަގަކުރިއެވެ.

”ކުދިން ފަތިހު ފެންވަރާއިރު މަދިރި ހަފާތީ ހުންނަނީ ދުންދަނޑި ޖަހާފަ. ދެން އެކުދިން ގައިގަ މަދިރި ހަފާތީ މަ ބޭނުންވަނީ ފާހާނާ ހަދަން. އެކަމަކު ކުދިންނާ ދުރުގަ ބަންދުގަ ހުންނަން ޖެހުމުން އެކުދިންނަށް އެކަން ކޮށް ނުދެވުނު. މި މީހުން މަ ނަގާފަ ގޮސް ޖަލަށް ކޮށްޕާލީ. އެކަން ދެން ކުރިޔަކަށް ނުދިޔަ.“ އާމިން ދައްތަ ބުންޏެވެ.

އެކްސްޕެރެސް ނިއުސް އެމްވީއަށް ދިން އިންޓަވިއު އާމިންދައްތަ ނިންމާލީ، އުންމަތުގެ އެއްވެސް މީހަކަށް މިފަދަ ބޮޑު ގެއްލުމެއް ލިބުމަށް ނޭދޭކަމަށް ބުނަމުންނެވެ. އޭރު އާމިންދައްތަ ހުރީ ފެންކަޅިވެފައެވެ.

މި މައްސަލައިގައި އާމިން ދައްތަ ހައްޔަރު ކުރި ދުވަހު ”ބޮންތި“ އިން ވަނީ ފުލުހުންނާ ވަރަށް ގިނަ ސުވާލު ކޮށްފައެވެ. އޭގެ ތެރޭގައި އަސްލު ޖިންސީ ގޯނާ ކުރިކަމަށް އާންމުން ތުހުމަތު ކުރާ ފަރާތާ އެއްވެސް ސުވާލެއް ކުރިތޯ އާއި އެފަރާތަކީ މީގެ ކުރިންވެސް އަންހެނުންނަށް ޖިންސީ ފުރައްސާރަ ކޮށްފައިވާކަމުގެ ތާރީހެއް އޮތް މީހަކަން އެ ރަށުގެ އާންމުން ބުނާއިރު، އޭނާ އާއި ސުވާލު ނުކުރަނީ ކީއްވެތޯ ”ބޮންތި“ އިން ކުރި ސުވާލަށް ފުލުހުން މިއަދާ ހަމައަށްވެސް ޖަވާބެއް ނުދެއެވެ.

އާމިން ދައްތައަށް ގާނޫނީ އެހީތެރިކަން ލިބިފައިވާއިރު، އޭނާ އަށް މިހާރު ބޭނުންވަނީ އާންމުންނާއި ހެޔޮ އެދޭ ފަރާތްތަކުގެ އެހީތެރިކަމާއެކު އިންސާފެވެ. ލިބުނު ބަދުނާމަށް އިންސާފެވެ. އެވަރުގެ ބޮޑު އިލްޒާމެއް އަޅުވައި ފްރޭމް ކުރި މީހުންނަށް ހައްގު އަދަބެވެ. ގޮޅީގައި ގިނަ ދުވަސް ހޭދަ ކުރަން ޖެހުމުގެ ސަބަބުން ސިއްހީ ގޮތުންނާއި ނަފްސާނީގޮތުން ލިބުނު ގެއްލުމުގެ ބަދަލެވެ. އަދި ވަކިން ހާއްސަކޮށް ޖިންސީ ގޯނާގެ ޝިކާރައަކަށްވި ކުޑަ ކުއްޖާއަށް އިންސާފެވެ.

 

One Comment

Leave a Reply

Your email address will not be published. Required fields are marked *

Back to top button