މިޒަމާނުގައި ކަމެއް އެނގިފައި އޮތަކަސް އަދި އެހިސާބަކުން ނުނިމޭނެ!
”އަޅުގަނޑާ ރަސްމީ ދާއިރާއިން ބެހޭ ކަމަކީ ދައުވާ ކުރުމެވެ އެހެންވީމާއި ދައުވާ ކުރާނީ ކޮން ކަމަށްތޯ، ކޮން ކުށަކަށްތޯ އެކަން ތަހުގީގުން ސާބިތުވި ވަރަކުން މެނުވީ ކުރިއަކަށް ނުދެވޭނެއެވެ. ދެންވެސް އެކަން އެނގިފައިވާ އޮތަކަސް މިޒަމާނުގައި ކަމެއް އެނގިފައި އޮތަކަސް އަދި އެހިސާބަކުން ނުނިމޭނެ އެވެ. އެކަމަކީ ގާނޫނާއި ގަވާއިދަށް ފެތިގެން އަންނަ ކަމަކަށްވެސް ވާންޖެހޭނެ އެވެ.“
މަތީގައި މި ބަޔާންކޮށްލި އިބާރާތް ކޮޅަކީ ފަހުގެ ތާރީޚެއްގައި ދިވެހިރާއްޖެއަށް ކުރިމަތިވި އެންމެ ބިރު އެއް ދުވަސް ކަމުގައވި، 1988 ވަނަ އަހަރުގެ ނޮވެމްބަރު 3 ދުވަހުގެ އުދުވާނީ ހަމަލާއާ ގުޅިގެން އެ ޙަމަލާގެ ބައިވެރިންނަށްމެދު އަމަލު ކުރެވޭނެ ގޮތާއި މެދު އޭރުގެ ބަންޑާރަނައިބު އަހުމަދު ޒަކީ ވިދާޅުވި ބަސްކޮޅެވެ. މީގެ 33 އަހަރުކުރިން އެޒަމާނުގައި ކަންކުރައްވަން ވިސްނެވި ގޮތެވެ. އެ ވިދާޅުވަނީ ”މިޒަމާނުގައި ކަމެއް އެނގިފައި އޮތަކަސް އަދި އެހިސާބަކުން ނުނިމޭނެ ވާހަކައެވެ. އެކަމަކީ ގާނޫނާއި ގަވާއިދަށް ފެތިގެން އަންނަ ކަމަކަށްވެސް ވާންޖެހޭނެ ވާހަކައެވެ. މި ވާހަކަތައް މިޒަމާނާއި ހަމަކޮށް ގުޅުވާލުމަށް ބޭނުންވަނީ ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް މަނީލޯންޑްރިންގެ ދައުވާ ސާބިތު ނުވާ ކަމަށް ކަނޑައަޅައި, ދަށު ކޯޓުން އިއްވާފައިވާ ހުކުމް ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން އިއްތިފާގުން ބާތިލްކުރި ކުރުމުގެ މައްޗަށެވެ. ޤާނޫނީ ފަންނުން މާ ބޮޑު އިލްމެއް ތަޖުރިބާއެއް ނެތަސް ކޮންމެވެސް ވަރެއްގެ މައުލޫމާތެއް ހުރުމުން ދެތިން ނުކުތާއެއް ފާހަގަވީއެވެ.
ޤާނޫނީ ވަކީލަކު ވިދާޅުވެފައި ވަނިކޮށް ދެކުނީމެވެ. އިންސާފަކީ ބޭނުންވާ ގޮތެއް އަދި ޤަބޫލުކުރާ ގޮތެއްވެސް ނޫނެވެ. އިންސާފަކީ ޤާނޫނީ ހަމައެވެ. ރައީސް ޔާމީންގެ މައްސަލައިގައިވެސް ނުކުތީ ޤާނޫނީ މައްސަލަތަކެކެވެ. އެންމެނަށްވެސް ފެނިދެނެވިފައި އޮތް ގޮތަކީ ރައީސް ޔާމީންގެ މައްޗަށް މަނީލޯންޑްރިންގެ ދައުވާ އުފުލީ ގއ.ވޮޑުމުލާ ކުއްޔަށް ދޫކޮށްގެން ލިބުނު ކަމަށް ބުނާ އެއް މިލިއަން ޑޮލަރު އެސްއޯއެފް މެދުވެރިކޮށް އެމަނިކުފާނުގެ ބޭންކް އެކައުންޓަށް ޖާމަކޮށް، އެ ފައިސާގެ އަސްލު އޮޅުވާލައި އޭގެން މަންފާ ހޯދާފައިވާ ކަމަށް ދައުލަތުން ތުހުމަތުކުރި މައްސަލައެވެ. ނަމަވެސް އެމަނިކުފާނު އެ ހުކުމުން ސަލާމަތްވީ ގާނޫނީ ގޮތުން ދޫކޮށްލެވުނު މުހިތްމު ކަންތައްތަކެއްގެ ސަބަބުންނެވެ.
ސުޕްރީމް ކޯޓުގައި ރައީސް ޔާމީންގެ ފަރާތުން 22 ނުކުތާއެއް ފާހަގަކުރި އެވެ. އޭގެ ތެރެއިން އިޖުރާއީ ބައެއް ގޯސްތަކާ ގުޅޭ ގޮތުން ހުށަހެޅި ގިނަ ނުކުތާތަކެއް ހިމެނެ އެވެ. އެ ހުރިހާ ނުކުތާއެއް ވެސް ސުޕްރީމް ކޯޓުން ނިންމީ ރައީސް ޔާމީނާ ދެކޮޅަށެވެ. އެއީ, އެ ނުކުތާތައް ސާބިތުކުރުމަށް އެކަށީގެންވާ ގާނޫނީ ސަބަބުތަކެއް ރައީސް ޔާމީނަށް ދެކިފައިނެތް ކަމަށާއި އޭގެ ސަބަބުން ޔާމީންގެ ހައްގެއް ގެއްލިފައިވާ ކަމަށް ބުނެދެވިފައި ނެތުމުންނެވެ. ނަމަވެސް އެ މައްސަލާގައި ހެކި ވަޒަންކުރި ގޮތާއި ކުށް ސާބިތުކުރި ގޮތާ ގުޅޭ ގޮތުން ޔާމީންގެ ފަރާތުން ފާހަގަކުރި ނުކުތާތައް ސުޕްރީމް ކޯޓުގައި ނިންމާފައިވަނީ އެމަނިކުފާނާ އެއްގޮތަށެވެ. ދަށު ކޯޓުން އިއްވި ހުކުމުން ސަލާމަތްވެވުނީ އެ ނުކުތާތަކުގެ ސަބަބުންނެވެ. ދައުލަތަށް ޤާނޫނުގައި އޮތް ގޮތަށް ކަންނުކުރެވީމައެވެ.
ކްރިމިނަލް ކޯޓުގެ އަޑު އެހުންތަކުން ފެށިގެން ސުޕްރީމް ކޯޓުގެ ފަހު ނިންމުމާއި ހަމައަށް އެންމެނަށްވެސް އެގިފައި އޮތީ އެއް ވާހަކައެކެވެ. އެއީ ރައީސް ޔާމީންގެ އެކައުންޓަށް ފައިސާތަކެއް ޖަމާވިކަމެވެ. އެ ފައިސާ ޖަމާވީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ބޮޑު ބައެއްގެ ގޮތުގައިވި އެސްއޯއެފް ކުންފުނީގެ އެކައުންޓުން ކަމެވެ. ނަމަވެސް ފަހު މާރުޙަލާއިން އުފެދުނު އެންމެ ސުވާލަކުން މުޅި މައްސަލަ ބަދަލުކޮށްލިއެވެ. ދައުވާގައި ބުނާ ފައިސާއަކީ ދައުލަތަށް ލިބެންޖެހޭ ފައިސާއެއް ކަމެއް ނޭނގުނެވެ. ދައުލަތުން ހެކި ހުށަހެޅީ އެއް މިލިއަން ޑޮލަރަކީ ދައުލަތަށް ލިބެން ޖެހޭ ފައިސާއެއްކަން ކަމާއި ރާއްޖޭގެ ގާނޫނެއްގައި ބަޔާންކުރާ ކުށެއް ކުރި ފަރާތަކީ، އެސްއޯއެފްކަން ސާބިތުކުރާށެވެ. އަދި އެސްއޯއެފްއިން ކުށްކޮށްގެން ހޯދި ފައިސާ ލޯންޑާކުރަން ރައީސް ޔާމީން ކުރެއްވި އަމަލުތައް ސާބިތުކުރުމަށެވެ.
އެއް މިލިއަން ޑޮލަރަކީ ދައުލަތަށް ލިބެން ޖެހޭ ފައިސާއެއްކަން ސާބިތުކުރުމަށް ގިނަ ކިތާބީ ހެކިތަކެއް ދައުލަތުން ހުށަހެޅިއެވެ. ގއ. ވޮޑަމުލާގެ އެކުއިޒިޝަން ކޮސްޓްގެ ފައިސާ ދެއްކުމަށް އެމްއެމްޕީއާރްސީއަށް ދޫކުރި ޗެކް އެކައުންޓަށް ޖަމާކުރުމުގެ ގޮތުން ލިޔެފައިވާ ޑިޕޮޒިޓް ސްލިޕާއި، ބީއެމްއެލްގައި އެސްއޯއެފްގެ ނަމުގައި ހުޅުވާފައިވާ އެކައުންޓުގެ ސްޓޭޓްމަންޓް ހިމެނެ އެވެ. ނަމަވެސް ރައީސް ޔާމީންގެ މައްސަލާގައި ދައުލަތުން އެ ޗެކް ކުރިމިނަލް ކޯޓަށް ހުށަނާޅައެވެ. އެސްއޯއެފް ގެ އެކައުންޓް ސްޓޭޓްމަންޓަކީ ޝަރީއަތުން ރިއާޔަތްކުރަންޖެހޭ ހެއްކެއްގެ ގޮތުގައި ދައުލަތުން ކްރިމިނަލް ކޯޓަށް ހުށަހެޅި އެވެ. ސުޕްރީމް ކޯޓުން ފާހަގަކުރި އެއް ކަމަކީ ޔުނައިޓެޑް އިންޓަނޭޝަނަލްއިން އެސްއޯއެފްއަށް ޖަމާކުރި ކަމަށް ބުނާ ޗެކުގެ ޑިޕޮޒިޓް ސްލިޕްގައި އޮތް ނަންބަރާއި، އެސްއޯއެފްގެ އެކައުންޓް ސްޓޭޓްމަންޓްގައި އޮތް ޗެކް ނަންބަރު ދިމާނުވުމެވެ. މާނައަކީ ޑިޕޮޒިޓް ސްލިޕުން އެސްއޯއެފްއަށް ޖަމާވި ފައިސާއަކީ އެމްއެމްޕީއާރުސީއަށް ލިބެންޖެހޭ ފައިސާއެއްތޯ ސާފުނުވުމެވެ.
ރައީސް ޔާމީންގެ އެކައުންޓަށް ޖަމާވި ފައިސާއަކީ ގއ. ވޮޑަމުލާގެ އެކުއިޒިޝަން ފީ ގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ ފައިސާކަމާމެދު ސުވާލު އުފެދުމާއެކު އެ ޝައްކުގެ ފައިދާ ލިބެންވާނީ ދައުވާލިބޭ ފަރާތަށެވެ. ދައުލަތުން ކޯޓުގައި ސާބިތުކޮށްދިނުމަށް މަސައްކަތްކުރަމުން ގެންދިޔައީ މި ފައިސާއަކީ ގއ. ވޮޑަމުލާ ކުއްޔަށްދީގެން ދައުލަތަށް ލިބެންޖެހޭ ފައިސާކަމެވެ. އެކަން ކޯޓުގައި ސާބިތުކޮށްނުދެވުނުއިރު، ސާބިތުކުރުމަށް ހުށަހެޅި ލިޔުންތަކުން އުފެދުނީ އިތުރު ޝައްކެވެ. ގާނޫނު ލާޒިމު ކުރަނީ އެއީ ކުށަކާ ގުޅުންހުރި ފައިސާއެއްކަމަށް ބެލެވޭ ’އެކަށީގެންވާ ސަބަބުތަކެއް‘ ހުރުމެވެ. އެކަށީގެންވާ ސަބަބު ވަޒަންކުރާނީ ހެކިތަކުގެ މައްޗަށް ބިނާކޮށްގެން ކަމަށް ސުޕްރީމް ކޯޓުން ނިންމިއެވެ. ޔާމީންގެ އެކައުންޓަށް ޖަމާވެފައިވާ ފައިސާއަކީ ކުށަކާ ގުޅުންހުރި ފައިސާކަމަށް ދައުލަތުން ކޯޓުގައި ބުންޏަސް އަދި ނުސީދާ ހެކިތަކެއް ހުށަހެޅިނަމަވެސް އެޔަކީ ކާފީ ހެކިތަކެއްކަމަށް ސުޕްރީމް ކޯޓަކަށް ނުފެނުނެވެ. އެކަށީގެންވާ ސަބަބު ބުނެދިނުމަކީ ހެކިތަކުން ބާރު ނުލިބޭ، އަދި ހަމައެކަނި ހީއެއްގެ މައްޗަށް ބިނާވެގެންވާނޭ ކަމެއް ނޫންކަމަށް ސުޕްރީމް ކޯޓުން ނިންމީއެވެ.
ކަންމިހެން އޮތްއިރު މި ޝައްކުގެ އާހިރު ނަތީޖާއަކީ، އެސްއޯއެފްގެ އެކައުންޓަށް ޖަމާވެފައިވާ ފައިސާއަކީ ދައުލަތަށް ލިބެންޖެހޭ ފައިސާއެއްކަމާމެދު ސުވާލު އުފެދުމެވެ. މި ސުވާލަށް މި މައްސަލައިގައި ހުށަހެޅިފައިވާ ހެކިތަކުންނާއި ދެ ފަރާތުން ދައްކާފައިވާ ވާހަކަތަކުން ޖަވާބެއް ނުލިބޭ ކަމަށް ތިން ފަނޑިޔާރުންގެ އިއްތިފާގުން ފަނޑިޔާރު މަހާޒު އަލީ އިއްވެވި ހުކުމްގައިވެ އެވެ. ދައުލަތުގެ ދައުވާގައި އެ ފައިސާއަކީ ދައުލަތަށް ލިބެންޖެހޭ ފައިސާ ކަމަށް ބަޔާންކޮށްފައި އޮތުމުން އެއީ އެގޮތަށް ލިބެން ޖެހޭ ފައިސާއެއްކަން ކަށަވަރު ކުރެވެންޖެހޭނެ ކަމާއި ކުށުގެ އެ ވާގިއާ ކަށަވަރު ކުރުމެއްނެތި، ލިބިފައިވާ ފައިސާއަކީ އެ ކުށް ކުރުމުގެ ސަބަބުން ލިބިފައިވާ ފައިސާކަމަށް ޝައްކުކުރެވޭ ހާލަތުގެ އެކަށޭނެކަން ވަޒަން ނުކުރެވޭނެ ކަމަށް ހުކުމްގައިވެ އެވެ. ހުކުމުގައިވާ ގޮތުން އެއް މިލިއަން ޑޮލަރުގެ ހަގީގަތް ހޯދަން ފުރިހަމަ ތަހުގީގެއް ނުކުރުމުގެ އިތުރަށް ބޭންކްތަކުގައި ހުންނާނެ ކަމަށް ބެލެވޭ ފަދަ މުހިންމު މައުލޫމާތުތައް ވެސް އެ މައްސަލާގައި ހުށަހެޅިފައެއް ނެތެވެ. އަދި އެފަދަ ހެކިތަކެއް ހުށަހެޅި ނަމަ، ހުކުމް ތަފާތުވީސް ކަމަށް ހުކުމުގައި ބުނެފައިވެ އެވެ. ސުޕްރީމް ކޯޓުގެ ހުކުމުން ހާމަވީ މިފަދަ ބޮޑު މައްސަލައެއްގައި ތަހުގީގީ މަރުހަލާތަކުގައި ވެސް ކަންކަން ބަލަންވާ މިންވަރަށް މި މައްސަލާގައި އެއްވެސް ކަމެއް ބެލިފައި ނެތް ކަމެވެ.