
އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ 2 ޕާސްޕޯޓު ހިފަހައްޓާނެ ގާނޫނީ ހުއްޖަތެއް ނެތް ކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅައިފިއެވެ.
ކްރިމިނަލް ކޯޓުގެ ނިންމުމުގައިވާގޮތުން ކޯޓު އަމުރެއްގެ ދަށުން ހިފަހައްޓަން އެދުނު ރައީސް ޔާމީންގެ 2 ޕާސްޕޯޓުގެ މުއްދަތު ވަނީ ހަމަވެފައެވެ.
”އެހެން ކަމުން ވުޖޫދުގައި ނެތް އެއްޗެއް ޝަރީއަތުން ނުވަތަ ކޯޓަށް ހިފެހެއްޓޭނެ އެއްވެސް ގާނޫނީ ހުއްޖަތެއް އިސްވެ ބަޔާންކުރެވުނު ފޯމުގައި ބަޔާންކޮށްފައިނުވާކަންވެސް ޝަރީއަތުން ފާހަގަކުރަމެވެ.“ ކްރިމިނަލް ކޯޓުގެ ނިންމުމުގައި ވެއެވެ.
ކޯޓުގެ ނިންމުމުގައި ބުނެފައިވަނީ ރައީސް ޔާމީން ފުރައިގެން ދާން އުޅޭކަމަށް ގަބޫލު ކުރެވޭ އެއްވެސް ހެއްކެއް ހުށަހަޅައި، އެފަދައިން ފޯމުގައި ބަޔާންކޮށްފައި ނުވާކަމުގައެވެ. އަދި ޔާމީނަކީ ޝަރީއަތަށް ހާޒިރުވާ ބޭފުޅެއްކަން އެނގޭކަމަށް އެ ނިންމުމުގައި ބަޔާންކޮށްފައިވެއެވެ.
”އެހެން ނަމަވެސް އަބްދުﷲ ޔާމީން ޕާސްޕޯޓު ހައްދައި، ރާއްޖެއިން ފުރަން އުޅޭކަމުގެ އެއްވެސް ހެއްކެއް ލިބިއްޖެނަމަ، ނުވަތަ ޓްރެވެލް ޑޮކިއުމެންޓް ހިފެހެއްޓުމުގެ އަމުރަކަށް އެދުމުގެ ފުރުސަތު އޮތްކަމަށް އަންގައި، އެގޮތުގެ މަތިން ނިންމައިފީމެވެ.“ ކްރިމިނަލް ކޯޓުގެ ނިންމުމުގައި ވެއެވެ.
ޔާމީންގެ ޕާސްޕޯޓު ހިފެހެއްޓުމުގެ އަމުރަކަށް އެދުނީ ފުލުހުންނެވެ. އެކަމަކު އެއީ ޝަރީއަތުގައި އޮތް މައްސަލައަކާ ގުޅިގެންނެވެ. އަދި ޝަރީއަތުގައި އޮތް މައްސަލައެއްގެ ތެރެއަށް ފުލުހުން ވަންނަންޖެހުނީ ކީއްވެގެން ކަމެއް ފުލުހުން ތަފްސީލު ކޮށްދީފައެއް ނުވެއެވެ.