ޚަބަރު

އިންޑިއާ ޓީޗަރު ގުރުއާން ބިންމައްޗަށް އެއްލައެއް ނުލާ، އިސްލާމް ފޮތް ވެއްޓުނީ، ކްރިސްމަސް ގަހެއް ނަހައްދާ، އެއީ ބަނިޔަން ޓްރީއެއް: މިނިސްޓްރީ

އިންޑިއާ ޓީޗަރަކު ގުރުއާން ބިންމައްޗަށް ވައްޓާލައި، ކުދިން ލައްވައި ކްރިސްމަސް ގަސް ހެދުވި މައްސަލައެއް ފެންމަތިވެއްޖެއެވެ. 

”ބޮންތި“ އަށް އެނގިފައިވާގޮތުގައި މި ހާދިސާ ހިނގާފައިވަނީ ގއ.ކޮނޑޭ ސްކޫލުގެ ގްރޭޑް 4 ގެ އާޓު ގަޑީގައެވެ. އެ ކްލާހުގައި ކިޔަވާ ދަރިވަރަކާ ހަވާލާދީ ބެލެނިވެރިޔާ ވަނީ އެހެން ބެލެނިވެރިއެއް ކައިރީގައި އެ ވާހަކަ ބުނެފައެވެ. ”ބޮންތި“ މައުލޫމާތު ލިބުނުގޮތުގައި ބިދޭސީ ޓީޗަރު ވަނީ ނަރަކަވެރި ފޮތާއި ދުރުވެ، ސުވަރުގެވަންތަ ފޮތާއި ގާތްވުމަށް ބުނެ، ގުރުއާނުގެ އާޔަތްތައް އެކުލެވިގެންވާ އިސްލާމް ފޮތް ބިންމައްޗަށް އެއްލާލައި، ކުދިން ލައްވައި ކަރުދާހުން ކްރިސްމަސް ގަސް ހަދަން ދަސްކޮށްދީފައެވެ. ގްރޭޑް 5 އަދި 6 ގެ ދަރިވަރުން ލައްވައި އެފަދަ ގަހެއް ހެއްދި ކަމުގެ މައުލޫމާތު ވެސް ”ބޮންތި“ އަށް ލިބުނެވެ. 

އެޑިއުކޭޝަން މިނިސްޓްރީގެ ބަސް 

އެކަމަކު އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކެޓްރީ އަހުމަދު އަލީ ވަނީ އެކަން ދޮގު ކުރައްވާފައެވެ. ”ބޮންތި“ އަށް މައުލޫމާތު ދެއްވަމުން އަހުމަދު ވިދާޅުވީ އެކަން ހިނގީ އެގޮތަށް ނޫން ކަމުގައެވެ. އޭނާ ފާހަގަކުރެއްވިގޮތުގައި ބައެއް މީޑިއާތަކުން އެވާހަކަ ރިޕޯޓު ކުރީ ހަގީގަތް އޮޅޭ ގޮތަށެވެ. 

”އޭގަ ވާގޮތަކީ ގުރުއާން ބިންމައްޗަށް އެއްލާލީކީއެއްވެސް ނޫން. މޭޒުމަތީގަ ހުރި ފޮތްތަކެއް ބިންމައްޗަށް ވެއްޓުނު ގަޑީގަ އެތަނުގައި އިސްލާމް ފޮތެއް އޮތް. އިސްލާމް ފޮތްވެސް ބިންމައްޗަށް ވެއްޓުނު ކަމަށް ވަނީ. ކުދިންވެސް ގެޔަށް ގޮސް މިސް ގުރުއާން ފޮތް އެއްލާލީއޭ، ނަރަކަ ފޮތޭ ސުވަރުގެ ފޮތޭ އެގޮތަކަށް ކުދިންނާ އެ ޓީޗަރު ވާހަކަ ދެއްކި ކަމަކަށް އެ ކުދިންނެއްވެސް އަސްލު ނުއެއް ބުނޭ.“ އަހުމަދު ވިދާޅުވިއެވެ. 

އޭނާ ވިދާޅުވިގޮތުގައި އެކަން ގޯސްކޮށްގެން އުޅެނީ ކޮމިއުނިޓީ ތެރެއިން ބަޔަކު އެ ވާހަކަ އެހެން ގޮތަކަށް އަނބުރާލައިގެންނެވެ.  

”ދެން ކްރިސްމަސް ޓްރީއެއްވެސް ނޫން. އެއީ ހަމަ ކްރިއޭޓިވް އާޓު ގަޑީގަ އެއްކަލް ޕޭޕާ ކަރުދާހުން އެކި އެކި އެއްޗެހި ހައްދާނެތާ. އެގޮތަށް ހެއްދި އިރުގަ މިހާރު އެއީ އެއްކަލަ މިހުންނަނީ ނޫންތޯ ދެއްތޯ ބަނިޔަން ޓްރީ. ބަނިޔަން ޓްރީގެ އެއްކަލަ ކްލިޕް އާޓް ވާޝަން އެއްގަ، ފޮޓޯ އެއްކަލަ އަނެއްހެން ސްކެޗް ކުރާއިރު އެކަލަ ގޮތަކަށް ހުންނާނީ. އޭގެ އެއްޗެއް އެކުދިން ހެދީމަ އެކަހަލަ ގޮތަކަށް ތާ ގަސް ހުންނާނީ.“ އަހުމަދު ވިދާޅުވިއެވެ. 

އަހުމަދު ވިދާޅުވީ ކްރިސްމަސް ޓްރީއެއް ހައްދަން ޓީޗަރަކު ސްކޫލުގައި ނުބުނާނެ ކަމުގައެވެ. އެކަމަކު އެގޮތަށް ބުނެފިނަމަ އެކަން ސީރިއަސްކޮށް ބަލާނެކަން އޭނާ ފާހަގަކުރެއްވިއެވެ. އަހުމަދު ވިދާޅުވީ ބެލެނިވެރިންގެ ފަރާތަކުން ވެސް އެފަދަ ގޮތަކަށް އެއްވެސް ވާހަކައެއް ނުބުނާ ކަމުގައެވެ. 

ޕްރިންސިޕަލްގެ ބަސް 

މިކަމާ ގުޅިގެން ”ބޮންތި“ އިން ކޮނޑޭ ސްކޫލުގެ ޕްރިންސިޕަލް އަބްދުﷲ ކިނާނަތު ގާސިމަށް ގުޅުމުން ފޯނަށް ޖަވާބެއް ނުދެއްވައެވެ. އެކަމަކު މެސެޖު ކުރުމުން ވިދާޅުވީ ގުޅުއްވާނެ ކަމުގައެވެ. މައުލޫމާތު ލިބިފައިވާގޮތުގައި އޭނާ ކޮނޑޭއަށް ދިޔައީ މާލޭގައި ހުންނެވުމަށްފަހު މިއަދުގެ ވަގުތެއްގައެވެ. 

ބެލެނިވެރިންގެ ކަންބޮޑުވުން

އެނގިފައިވާގޮތުގައި އިންޑިއާ ޓީޗަރު އެއްލާލީ ގްރޭޑު 4 ގައި ކިޔަވާ ދަރިވަރެއްގެ އިސްލާމް ފޮތެވެ. ދަރިވަރުގެ ބެލެނިވެރިޔާ ސީދާ އެ މައްސަލަ ސްކޫލަށް ހުުށަނާޅައި އެހެން ބެލެނިވެރިއެއް މެދުވެރިކޮށް އެވާހަކަ ދެއްކީ ދަރިވަރަށް ކުރިމަތިވެދާނެ ގޮންޖެހުންތަކަކާއި މެދު ޖެހިލުންވާތީއެވެ. އަދި ކޮނޑޭ ސްކޫލުގެ ބެލެނިވެރިންނާއި ސްކޫލުގެ މެނޭޖުމެންޓްގެ ބޭފުޅުން ހިމެނޭ ވައިބާ ގްރޫޕުގައި ޕްރިންސިޕަލާ އެ ވާހަކަ ހިއްސާކޮށްފައިވެއެވެ. ޕްރިންސިޕަލް ވަނީ އެ މައްސަލަ ބައްލަވާނެ ކަމަށް ވިދާޅުވެފައެވެ.

”ވަގުތު“ އޮންލައިނަށް މައުލޫމާތު ދެއްވަމުން ޕްރިންސިޕަލް ވިދާޅުވެފައިވަނީ އިސްލާމް ދީނާއި ގުޅޭ ގޮތުން ވާހަކަ ދައްކާފައިވާ ޝަކުވާއެއް ލިބުނު ކަމުގައެވެ. އެހެން ނަމަވެސް ގުރުއާން ބިންމައްޗަށް އެއްލާލައި، ކްރިސްމަސް ގަސް ހައްދާފައިވާ ކަމުގެ ޝަކުވާއެއް ނާންނަ ކަމަށެވެ. 

ޕްރިންސިޕަލް ހެއްދެވީ ދޮގެއް

ގުރުއާން ބިންމައްޗަށް އެއްލާލައި، ކްރިސްމަސް ގަސް ހައްދާފައިވާ ކަމުގެ ޝަކުވާއެއް ނުލިބޭކަމަށް ވިދާޅުވެ ޕްރިންސިޕަލް ހެއްދެވީ ދޮގެއްގަން ”ބޮންތި“ އަށް ވަނީ އެނގިފައެވެ. ބެލެނިވެރިންގެ ވައިބާ ގްރޫޕުގެ ސްކްރީންޝޮޓްތަކެއް މި ނޫހަށް ވަނީ ލިބިފައެވެ. އޭގައިވާގޮތުން އެކަމުގެ ފުރިހަމަ މައުލޫމާތު ބެލެނިވެރިން ވަނީ ޕްރިންސިޕަލަށް ހިއްސާ ކޮށްފައެވެ. އަދި އޭނާ ވަނީ އެ މައްސަލަ ބަލައި އަޅަންޖެހޭ ފިޔަވަޅު މުވައްޒަފުންނާ ދޭތެރޭގައި އަޅާނެ ކަމުގެ ޔަގީންކަން ބެލެނެވެރިންނަށް ދެއްވާފައެވެ. 

”އަޅުގަނޑު ހުރިހާ ބެލެނިވެރިންނަށް ޔަގީންކަން ދެން މައްސަލަ ބަލާ އަޅަންޖެހޭ ފިޔަވަޅު މުވައްޒަފުންނާ ދޭތެރޭ އަޅާނެ ކަމުގެ. މިއީ ބަލަމުންދާ މައްސަލައަކަށް ވާތީ ފަހަރެއްގައި ބެލެނިވެރިންނަށް އެންމެ ބޭނުންވާ ވަރަށް މައުލޫމާތު ހިއްސާ ނުކުރެވިދާނެ.“ ޕްރިންސިޕަލް ކިނާނަތު ވައިބާ ގްރޫޕުގައި ލިޔުއްވާފައިވެއެވެ.

ޕްރިންސިޕަލް މިހެން ވިދާޅުވުމަށްފަހު އެފަދަ ޝަކުވާއެއް ނުލިބޭކަމަށް މީޑީއާ އަށް މައުލޫމާތު ދެއްވުމާ ގުޅިގެން ބެލެނިވެރިން ވަނީ ވައިބާ ގްރޫޕުގައި ހިތްހަމަ ނުޖެހުން ފާޅުކޮށްފައެވެ. 

މި މަައްސަލަ އަކީ އެޑިއުކޭޝަން މިނިސްޓްރީގެ އިހުތިސާސުގެ ތެރޭގައި އޮތް މައްސަލައަކަށް ވީނަމަވެސް އިސްލާމް ދީނަށް އުނިކަން އަންނަގޮތަށް ކުރެވޭ ކަންކަމަކީ ގާނޫނު އަސާސީ އާއި ހިލާފް އަދި އެފަދަ މައްސަލައެއް ފެންމަތިވެއްޖެ ނަމަ، ތަހުގީގީ އިދާރާތަކުގެ އަމިއްލަ އިސްނެގުމާއެކު ބަލަން ޖެހޭ މައްސަލައެކެވެ. މިކަމާ ގުޅިގެން ފުލުހުން އިސްވެ އެއްވެސް މަސައްކަތެއް ކުރޭތޯ ”ބޮންތި“ އިން ސުވާލު ކުރުމުން އަދި މިހާތަނަށް ޖަވާބެއް ނުލިބެއެވެ. 

 

 

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button