ޚަބަރުސިޔާސީ

ރާއްޖެއާ އިންޑިއާގެ އެއްބަސްވުންތަކާ ގުޅޭ ރިޕޯޓަށް އާދަމް ޝަރީފްގެ އިސްލާހުތަކެއް

ދިވެހިރާއްޖެއާއި އިންޑިއާ އާއި ދެމެދު ހެދިފައިވާ އަސްކަރީ އެއްބަސްވުންތަކުގައި ގޯހެއް ނެތްކަމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމެޓީން ނިންމި ނިންމުމަށް މަޑުއްވަރީ ދާއިރާގެ މެންބަރު އަދި އިދިކޮޅު ޕީއެންސީގެ ޕާލިމެންޓް ގްރޫޕުގެ ލީޑަރު އާދަމް ޝަރީފް އުމަރު އިސްލާހުތަކެއް ހުށަހަޅުއްވައިފިއެވެ.

މެންބަރު އާދަމް ޝަރީފް އުމަރު ހުށަހެޅުއްވި އިސްލާހުތައް ބިނާވެފައިވަނީ ކޮމެޓީއާ ހިއްސާކުރި މައުލޫމާތުގެ މައްޗަށް ބިނާކޮށެވެ. އެބޭފުޅާ ހުށަހެޅުއްވި އިސްލާހުތަކުގެ ތެރޭގައި އަންނަނިވި އަކުރު އިތުރު ކުރުން ހިމެނެއެވެ. އެއީ، އުތުރު ތިލަފަޅަކީ ދިވެހި އަސްކަރިއްޔާގެ ބޭނުމަކަށް ތަރައްގީ ކުރެވޭ މަރުކަޒަކަށްވެފައި، ގައުމީ ސަލާމަތާ ގުޅުންހުރި އެއްބަސްވުމެއްގައި ސޮއި ކުރުމުގެ ކުރިން ރައްޔިތުންގެ މަޖިލީހަށް ނުވަތަ 241 ކޮމެޓީއަށް ހިއްސާކުރަން ޖެހުމެވެ.

ރާއްޖޭގެ ކަނޑުގެ ޗާޓުތައް ވިއްކައިގެން ރޯޔަލްޓީގެ ގޮތުގައި 25 އިންސައްތަ ރާއްޖެއަށް، 75 އިންސައްތަ އިންޑިއާ އަށް ދިނުމަށް އެއްބަސްވުމާއި، ރާއްޖޭގެ ކަނޑުގެ ޗާޓުތައް ވިއްކޭނީ ހަމައެކަނި އިންޑިއާއިން ކަމާއި، ދިވެހި ކަނޑުތަކުގެ ޗާޓު، ރާއްޖެއަށް ނުވިއްކޭނެ ކަންވެސް ދެ އަކުރުގެ ގޮތުގައި އިތުރު ކުރުމަށް އާދަމް ޝަރީފް ހުށަހަޅުއްވާފައިވެއެވެ.

ރާއްޖޭގެ ކަނޑުތައް ބޭރު ގައުމަކަށް ވިއްކާލުމުގެ ބާރު ދިނުމާއި ރޯޔަލްޓީގެ ގޮތުގައި 25 އިންސައްތަ ރާއްޖެއަށް ލިބޭގޮތަށް ހައިޑްރޯގްރަފީ އެއްބަސްވުން އޮތުމުގެ ސަބަބުން ރާއްޖޭގެ މަސްލަހަތު ރައްކާތެރި ކުރެވިފައި ނުވާކަން ފާހަގަކުރައްވައި އާދަމް ޝަރީފް ވަނީ މި ރިޕޯޓަށް އިސްލާހެއް ހުށަހަޅުއްވާފައެވެ. އަދި އިންޑިއާ އާއިއެކު ރާއްޖެއިން ވެފައިވާ އެއްބަސްވުންތަކުގެ ދަށުން 75 އިންޑިއާ ސިފައިން ރާއްޖޭގައި ތިބިކަން ހާމަކުރުމަށްވެސް އާދަމް ޝަރީފް އިސްލާހެއް ހުށަހެޅުއްވިއެވެ.

މި ރިޕޯޓަށް އާދަމް ޝަރީފް ހުށަހެޅުއްވި އެންމެ ފާހަގަކޮށްލެވޭ ދެ އިސްލާހަކީ އިންޑިއާ އާއިއެކު ރާއްޖެއިން ވެފައިވާ އެއްބަސްވުންތަކުގެ އަސްލުތައް 241 ކޮމެޓީއަށް ހޯދައި ދިރާސާ ކުރުމާއި، ބޭރު އެއްވެސް ގައުމެއްގެ އަސްކަރީ ސިފައިން ރާއްޖޭގައި ދާއިމީ ގޮތެއްގައި ނުތިބޭނެގޮތަކަށް ސަރުކާރުގެ ސިޔާސަތާއި އިސްތިރާޖީ ބަދަލު ކުރުމެވެ.

އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށް ގޮވާލައި އިދިކޮޅުން އަންނަނީ ސިލްސިލާ ހަރަކާތްތަކެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުންނެވެ.

 

 

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button