ބަޖެޓުގައި ފައިސާ ނެތުމުން މިސްކިތްތައް މަރާމާތު ކުރަން ފައިސާ ހޯދުމަށް ޓެލެތޯނެއް ހިންގަނީ

މާލޭގެ މިސްކިތްތައް މަރާމާތު ކުރާނެ ފައިސާ ނެތުމުގެ ސަބަބުން އެކަން ކުރުމަށްޓަކައި ފައިސާ ހޯދުމަށް ހާއްސަ ޓެލެތޯނެއް ހިންގުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.
މާލެ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރަށް 6 މަސް ފުުރުމުގެ މުނާސަބަތުގައި ވާހަކަ ދައްކަވަމުން މާލޭގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒު ވިދާޅުވީ ހުރިހާ ރައްޔިތުންނަށް ހުޅުވާލައިގެން އިންވެސްޓް ފޯރަމް ސްޓައިލަށް މިސްކިތްތައް މަރާމާތުކުރުމުގެ ފޯރަމެއް ބޭއްވުމަށް ސިޓީ ކައުންސިލުން ނިންމާފައިވާ ކަމުގައެވެ.
މުއިއްޒު ވިދާޅުވިގޮތުގައި އެ ފޯރަމް ފަށާނީ އަންނަ މަހުގެ 10 ވަނަ ދުވަހު ސަލްޓަން ޕާކުގައެވެ. އެ ފޯރަމްގައި ކޮންމެ މިސްކިތަކަށް ސްޓޯލެއް ބެހެއްޓިފައި ހުންނާނެއެވެ.
”ކޮންމެ ސްޓޯލަކުން ވެސް އެ މިސްކިތެއްގައި ކުރަންހުރި މަރާމާތުގެ މަސައްކަތުގެ ތަފްސީލު ހިއްސާކުރާނެ. ފައިސާއިން ވިއްޔާ ފައިސާއިން. އޮންލައިންކޮށް ޕޭކުރެވޭނެ. ތަކެތި ވެސް ދެވޭނެ. މަސައްކަތާ ހަވާލުވާން ބޭނުންނަމަ، ހަވާލުވެސް ވެވޭނެ.“ މުއިއްޒު ވިދާޅުވިއެވެ.
މާލެ ސިޓީ ކައުންސިލްގެ އަމާޒަކީ ކުރިއަށް އޮތް ރޯދަ މަސް އައުމުގެ ކުރިން މާލޭގައި ހުރި 42 މިސްކިތް އެއްކޮށް މަރާމާތުކޮށް ނިންމާލުމެވެ.