ޚަބަރުސިޔާސީ

ރައީސް ޔާމީނަށް މިމަހުގެ 30 ވަނަ ދުވަހު ހުކުމް ކުރަން ސުޕްރީމް ކޯޓުގައި ތާވަލުކޮށްފި

އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ 5 އަހަރު ދުވަހުގެ ޖަލު ހުކުމުގެ އިސްތިއުނާފަށް ހުކުމް ހުކުރުން އަންނަ އަންގާރަ ދުވަހަށް ސުޕްރީމް ކޯޓުގައި ތާވަލުކޮށްފިއެވެ.

ރައީސް ޔާމީނަށް ހުކުމް ކުރުމަށް ބާއްވާ ޝަރީއަތް ފެށޭނީ އަންގާރަ ދުވަހުގެ ހެނދުނު 09:00 ގައެވެ.

މި މައްސަލައިގެ އަޑުއެހުމެއް މިދިޔަ ހަފްތާގައި ވެސް ސުޕްރީމް ކޯޓުގައި ބޭއްވިއެވެ. ޝަރީއަތުން އެ އަޑުއެހުން ބޭއްވީ ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާކުރުމަށްޓަކައި އަސްލަކަށް ބެލި ގއ.ވޮޑަމުލާ ކުއްޔަށް ދީގެން ލިބުނު ފައިސާ، އެމްއެމްޕީއާރްސީން އެސްއޯއެފް ކުންފުންޏަށް ޖަމާކުރިކަމާ މެދު ސުވާލު އުފެދިގެންނެވެ. ޝަރީއަތުން ވަނީ ޗެކު ސްލިޕާއި އެކައުންޓް ސްޓޭޓްމަންޓްގައި އޮތް ޗެކް ނަމްބަރު ދިމާނުވަނީ ކީއްވެތޯ ދައުލަތުގެ ވަކީލުންނާ ސުވާލު ކޮށްފައެވެ. ދައުލަތުން ބުނިގޮތުގައި އެއީ ލިޔުމުގެ ކުށެއް ކަމަށާއި، ލިޔުމުގައި ނަމްބަރު ދިމާނުވިޔަސް އެސްއޯއެފުން ޔާމީނަށް ޖަމާކުރި ފައިސާ އަކީ އެމްއެމްޕީއާރުސީއަށް ލިބެންޖެހޭ ފައިސާކަން އެނގޭކަމުގައެވެ.

ސުޕްރީމް ކޯޓުން މީގެ ކުރިން ބޭއްވި އަޑުއެހުމެއްގައި ފަނޑިޔާރު ޑރ.އަޒްމިރަލްޑާ ޒާހިރު ވަނީ މި މައްސަލައިގެ ކުށް އުފަންވި ގޮތުގެ ތަރުތީބަކީ ކޮބައިތޯ ދައުލަތުގެ ވަކީލުންނާ ސުވާލު ކުރައްވާފައެވެ. ޖަވާބުގައި ދައުލަތުން ބުނީ ކުށެއް ކޮށްގެން ހޯދާފައިވާ ފައިސާކަން ޝައްކުވާފަދަ ހާލަތެއްގައި މުއާމަލާތެއް އެކަނި ހިނގިޔަސް ކުށް ސާބިތުވީ ކަމުގައެވެ. މިސާލެއްގެ ގޮތުގައި ދައުލަތުން ދެއްކީ ރައީސް ޔާމީންގެ އެކައުންޓަށް އެސްއޯއެފުން ވަތް ފައިސާ އެވެ. އެކަމަކު އެމްއެމްޕީއާރުސީގެ ފައިސާ އެސްއޯއެފްގެ އެކައުންޓަށް ޖަމާވެފައިވާކަން އަދި މިހާތަނަށް ސާބިތެއް ނުވެއެވެ.

ސުޕްރީމް ކޯޓުން ރައީސް ޔާމީން މިނިވަން ވިޔަސް ވ.ފުށްގިރި އާއި ވ.އާރަށް ރިސޯޓުގެ ގޮތުގައި ތަރައްގީ ކުރުމަށް ހިންގުނު މުއާމަލާތުގައި ރިޝްވަތާއި ކޮރަޕްޝަނުގެ ތުހުމަތުގައި އެމަނިކުފާނުގެ މައްޗަށް ދައުލަތުން ވަނީ ދައުވާތަކެއް ކޮށްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button