ޚަބަރުސިޔާސީ

ސަރުކާރާއި ކުންފުނިތަކަކީ ކޮރަޕްޝަންގެ އައްޑާތަކެއް: ޑރ.ޖަމީލް

ސަރުކާރާއި ކުންފުނިތަކަކީ ކޮރަޕްޝަންގެ އައްޑާތަކެއް ކަމަށް ކުރީގެ ނައިބު ރައީސް އަދި ޕީޕީއެމްގެ އެޑްވައިޒަރު ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ޑރ.ޖަމީލް މިފަދައިން ވިދާޅުވީ ޕެނަކަ ކޯފަރޭޝަންގެ ޗެއާމަން މުހައްމަދު ރަޝީދާއި މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދަށް ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ކުރެއްވުމަށްފަހު އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ވަހީދު (އިބުރޭ) އެ މަގާމުން މި މަހުގެ 7 ވަނަ ދުވަހު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

ޖަމީލު ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރައްޔިތުންނަށް ވައުދުވެވަޑައިގެންނެވިގޮތުގައި ކޮރަޕްޝަނަށް އޮންނާނީ ޒީރޯ ޓޮލެރަންސް އެވެ. އެކަމަކު މިއަދު ސަރުކާރާއި ކުންފުނިތަކަކީ ކޮރަޕްޝަންގެ އައްޑާތަކެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

”ހުރިހާ ބާރެއް ލިބުމުން ރައްޔިތުންނަށްވީ ގެއްލުން. މި ރައީސްގެ ސިޔާސަތަކީ ރިއެކްޓް ނުކުރެއްވުން. ހީލަތްތެރިކޮށް ދައުލަތް ދަވާލައިފި.“ ޖަމީލު ވިދާޅުވިއެވެ.

ޑރ.ޖަމީލުގެ ޓުވީޓުގައި އިބުރޭގެ އިސްތިއުފާގެ ސިޓީވެސް އެޓޭޗް ކުރައްވާފައި ވެއެވެ.

މަގާމުން އިސްތިއުފާ ދެއްވައި ސައީދަށް ފޮނުވާފައިވާ ސިޓީގައި އިބުރޭ ވިދާޅުވީ، އެ ކުންފުނި ހިންގަމުންދަނީ ޗެއާމަން ރަޝީދާއި އެމްޑީ ސައީދުގެ “އަމިއްލަ ކުންފުންޏެއް”ގެ ގޮތުގައި ކަމުގަ އެވެ.

މަތި އުތުރު ޕްރޮވިންސްގެ ރައީސްގެ ހައިސިއްޔަތުން އެމްޑީޕީގެ ގައުމީ މަޖިލީހުގައި އިންނަވާ އިބްރާހިމް ވަހީދު، ފެނަކައިގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރަކަށް އައްޔަންކޮށްފައިވަނީ ޖެނުއަރީ 2019ގަ އެވެ.

ގައްދޫ ދާއިރާގެ ރައީސްގެ ހައިސިއްޔަތުން އެމްޑީޕީގެ ގައުމީ މަޖިލީހުގައި ވެސް އިންނަވާ ސައީދު ވިދާޅުވި ގޮތުގައި، އިބްރާހިމް ވަހީދުގެ އިސްތިއުފާ ގަބޫލު ކުރަން ބޯޑުން ނިންމީ، އޭނާ އެގޮތަށް އެދިފައިވުމާއި ކުންފުންޏަށް ވެސް “އޭނާގެ ފަރާތުން ހިދުމަތެއް މިހާރު ނުލިބޭތީ” ކަމުގައެވެ.

އިބުރޭ ސައީދު އަށް ކުރައްވާފައިވާ ތުހުމަތުތައް އޭނާ ވަނީ ދޮގު ކުރައްވާފައެވެ.

 

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button