
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ޕީޕީއެމް ދޫކުރައްވައި އުފައްދަވަން ނިންމަވާފައިވާ ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) އަކީ އެމަނިކުފާނުގެ ހަގީގީ ވަފާތެރިންނާއި އެކުވެރިން އުފައްދާ ޕާޓީއެއް ކަމަށާއި، ދެން ރާއްޖޭގެ ވެރިކަން ކުރާނީ ޕީއެންއެފުން ކަމަށް ރައީސް ޔާމީންގެ އިސް ގާނޫނީ ވަކީލު އަދި ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.
ޕީއެންއެފް އުފެއްދުމުގެ ހުއްދައަށް އެދި އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމަށްފަހު ޑރ.ޖަމީލު ވިދާޅުވީ އެޕާޓީ ވާނީ ރާއްޖޭގެ ސިޔާސީ މައިދާނުގައި އުފެދޭ އެންމެ ބިޔަ ބޮޑު ޕާޓީއަށް ކަމުގައެވެ.
ޕީއެންސީގެ ޗެއާޕާސަން އަދި ރައީސް އޮފީހުގެ މިނިސްޓަރު އަބްދުއްރަހީމް އަބްދުﷲ ރައީސް ޔާމީންގެ އަތްޕުޅުން ”ޖަހައިގަތް“ ކަމަށް އެމަނިކުފާނުގެ ސަޕޯޓަރުން ބުނަމުންދާ ދަނޑިވަޅެއްގައި ޑރ.ޖަމީލު ވަނީ ޔާމީނަށް އަބްދުއްރަހީމް ޝުކުރު އަދާކުރެއްވިތޯ ސުވާލު އުފައްދަވާފައެވެ.
”ރައީސް ޔާމީން ޖަލުގައި 4 އަހަރު ހޭދަކުރެއްވި. މަންމާފުޅު އަވަހާރަވީ. ރައީސް ޔާމީން ހުރިހާ ގުރުބާނީއެއް ވެވަޑައިގަތީ. ރައީސް ޔާމީން ނޫންތޯ މި އިންތިހާބުގައި އެންމެ ބޮޑު ސެކްރިފައިސެއް ވެވަޑައިގަތީ. ރައީސް ޔާމީންގެ ގޮނޑި ދެއްކެވި. އާއިލާ ބޭފުޅުން ގުރުބާންވެވަޑައިގަތީ. އަބްދުއްރަހީމަކީވެސް ގާތް އަޚެއް. ތިހެން ދައްކާ ޒާތީވާހަކަތަކަށް ފީނާކަށެއް ނެތިން.“ ޖަމީލު ވިދާޅުވިއެވެ.
ޖަމީލުގެ މިވާހަކަތައް އަބްދުއްރަހީމް ދޮގުކުރައްވާއިރު އެމަނިކުފާނު ވިދާޅުވީ ރައީސް ޔާމީނާ ދެކޮޅަށް ނުވަތަ އެމަނިކުފާނަށް ދެރައެއް ލިބޭނެ އެއްވެސް ކަމެއް މިހާތަނަށް ނުކުރައްވާ ކަމަށާއި ކުރިއަށް އޮތް ތަނުގައިވެސް އެމަނިކުފާނަށް އިހުތިރާމް އޮންނާނެ ކަމުގައެވެ. އެކަމަކު އަބަދުވެސް ވަކި ފަރުދެއްގެ މަސްލަހަތަށްވުރެ ގައުމީ މަސްލަހަތު އިސްކުރައްވާނެ ކަމަށާއި ރައީސް ޔާމީން ހިމެނިވަޑައިގަންނަވާހެން ވެރިކަން ބަދަލުވީ އެންމެން އެކުގައި ކުރި ބުރަ މަސައްކަތުންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ. ހާއްސަކޮށް ރައީސް މުއިއްޒުގެ މެނިފެސްޓޯ ތަންފީޒުކުރުމަކީ އެމަނިކުފާނުގެ އެންމެ ބޮޑު އަމާޒުކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
އަބްދުއްރަހީމްގެ މި ވާހަކަފުޅުތައް ގަބޫލު ކުރުމުގެ ބަދަލުގައި ރައީސް ޔާމީންގެ ސަޕޯޓަރުން އެމަނިކުފާނު ސިފަކުރައްވަނީ ޣައްދާރެއްގެ ގޮތުގައެވެ.
އެކަމަކު ރިޔާސީ އިންތިހާބު ބޯއިކަޓް ކުރަން ރައީސް ޔާމީން އެންގެވި ދުވަހު އެގޮތަށް އެކަން ނުކުރައްވައި، ދެޕާޓީގެ ސެނެޓް މަޝްވަރާއަށް ހުޅުވާލައި، ރައީސް މުއިއްޒު އިންތިހާބު ނުކުރިނަމަ، އެމްޑީޕީއަށް ވެރިކަން ލިބި، ރައީސް ޔާމީން ޖަލުގައި ތާށިވެ ރާއްޖޭގެ ހާލަތު އިތުރަށް ގޯހުން ގޯހަށް ދާނެކަމަށް މި މައްސަލައިގައި ވަކި ކޮޅަކަށް ނުޖެހޭ ބައެއް އާންމުން ދަނީ މީސް މީޑިއާގައި ޝުޢޫރު ފާޅު ކުރަމުންނެވެ.