ޚަބަރު

ސޮވެރިން ޑިވެލޮޕްމެންޓް ފަންޑުގައި އެންމެ ޑޮލަރެއްވެސް ނެތް!

ބޭރުގެ ދަރަނި ދެއްކުމަށާއި، ކުއްލި ހާލަތްތަކުގައި ބޭނުން ކުރުމަށް  އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް އަދި ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އުފެއްދި ސޮވެރިން ޑިވެލޮޕްމެންޓު ފަންޑުގައި އެންމެ ޑޮލަރެއްވެސް ނެތްކަން ހާމަވެއްޖެއެވެ.

މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އޮންލައިން ނޫހެއް ކަމުގައިވާ ”ދިޔަރެސް“ ނޫހުން އެދިގެން ފިނޭންސް މިނިސްޓްރީން އެ ނޫހަށް ހާމަކުރި މައުލޫމާތުތައް މިއަދު ވަނީ ރިޕޯޓުކޮށްފައެވެ. އެގޮތުން 2020 ވަނަ އަހަރު ނިމުނު އިރު ސޮވެރިން ޑިވެލޮޕްމެންޓް ފަންޑުގައި ހުރި ޑޮލަރުތައް ބޭނުންކޮށްފައިވާކަން ”ދިޔަރެސް“ އިން ފާހަގަކުރިއެވެ.

”އެ ފައިސާ އެއްކޮށް ރުފިޔާއަށް ބަދަލުކޮށް އެ ފަންޑުގައި ހުރި ޑޮލަރު ސަރުކާރުން 2020 ވަނަ އަހަރުތެރޭ ބޭނުންކޮށްފައިވާއިރު އެ ފަހުން އެ ފަންޑަށް ޑޮލަރުން އެއްވެސް ވަރަކަށް ފައިސާ ޖަމާކޮށްފައިނުވޭ.“ ދިޔަރެސް އިން ބުންޏެވެ.

ސޮވެރިން ޑިވެލޮޕްމެންޓު ފަންޑަށް ފައިސާ ޖަމާ ކުރަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އިން ދަތުރުކުރާ ކޮންމެ މީހެއްގެ އަތުން ނެގޭ އެއާޕޯޓު ޑިވެލޮޕްމެންޓް ޗާޖުން (އޭޑީސީ) އާއި، އެއާޕޯޓުގެ ހިދުމަތްތަކުން ލިބޭ ފައިސާއިންނެވެ. މައިގަނޑު ގޮތެއްގައި ދަތުރު ކުރާ ކޮންމެ ބިދޭސީއެއްގެ އަތުން ނަގާ 25 ޑޮލަރާއި، ކޮންމެ ދިވެއްސެއްގެ އަތުން ނަގާ 12 ޑޮލަރު އެފަންޑަށް ޖަމާ ކުރެއެވެ.

”ދިޔަރެސް“ އިން ބުނިގޮތުގައި އެ ފަންޑަށް ފައިސާ ޖަމާކުރަނީ ޑޮލަރު މާރު ކުރުމަށްފަހު ދިވެހި ރުފިޔާއިންނެވެ. އެއީ ބޭރު ދުނިޔޭގައި ފައިސާގެ އަގު ބޮޑުތަނުން ދަށަށް ދާނެ ކަމެއްކަން ފާހަގަކޮށްލެވެއެވެ. އެ ނޫހުން ރިޕޯޓު ކުރިގޮތުގައި 15 ސެޕްޓެމްބަރު 2022 ގެ ނިޔަލަށް އެސްޑީއެފްގައި 1.6 ބިލިއަން ރުފިޔާ ހުއްޓެވެ.

އެސްޑީއެފްގައި ދިވެހި ފައިސާ ބިލިއަނުން ހުއްޓަސް ބޭރުގެ ދަރަނި އަދާކުރަން އެ ފައިސާ ބޭނުމެއް ނުކުރެވޭނެއެވެ.

One Comment

Leave a Reply

Your email address will not be published. Required fields are marked *

Back to top button