ޚަބަރުސިޔާސީ

ކުށްވެރިން ފައިގައި އަޅުވާނެ ޓެގު ގަންނާނެ ފައިސާއެއް ނެތް: އިމްރާން

ކުށްވެރިން ފައިގައި އަޅުވާ ޓެގް ހުސްވެ އެކަމަށް ހަރަދު ކުރާނެ ފައިސާ ނެތްކަމަށް ހޯމް މިނިސްޓަރު އިމްރާން ވިދާޅުވި ކަމަށް ”މެއި6“ ކޮމެޓީގެ މުގައްރިރު އަދި ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް ވިދާޅުވެއްޖެއެވެ.

ހޯމް މިނިސްޓަރު މިފަދައިން ވިދާޅުވެފައިވަނީ މަޖިލިސް ރައީސް މުހައްމަދު ނަޝީދަށް ދެވުނު ބޮމުގެ ހަމަލާއާއި ގުޅިގެން އެމްޑީޕީގެ ގައުމީ މަޖިލީހުން އެކުލަވާލާފައިވާ ”މެއި6“ ކޮމެޓީ އަށް މައުލޫމާތު ދެއްވަމުންނެވެ.

މިރޭ އެމްޑީޕީގެ ގައުމީ މަޖިލީހުން ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ”މެއި6“ ކޮމެޓީގެ މުގައްރިރު ހަސަން އަފީފް ވިދާޅުވީ ހޯމް މިނިސްޓަރާއި މިކަމުގައި ބައްދަލުކުރެއްވުމުން ކުށްވެރިންގެ ފައިގަ އަޅުވާ ޓެގް ނެތްކަމަށާއި، ސްޓޮކް ހުސްވެފައިވާކަމަށް ވިދާޅުވެފައި ވާކަމަށެވެ.
އަފީފް ވިދާޅުވީ މިއަދު ފުލުހުންނާއި ބައްދަލު ކުރެއްވުމުން ފުލުހުންވެސް ވިދާޅުވީ ޓެގް ހުސްވެފައިހުރި ކަމަށާއި، އެހެންނަމަވެސް މޮނިކޮން އަމުރު ނެރެފައިވާ ފަރާތްތަކުގެ ކަންކަން މޮނިޓަރ ކުރަމުން ގެންދާ ކަމަށް ވިދާޅުވެފައިވާކަމަށެވެ. އަދި ޓެގް ހުސްވެފައި ހުރިނަމަވެސް ޓެގް ހޯދުމުގެ މަސައްކަތްކުރަމުން އަންނަކަމަށް ފުލުހުން ވިދާޅުވެފައިވާ ކަމަށެވެ.

މިކަމާއި ގުޅިގެން މަޖިލީހުގެ ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމްވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ހަލީމް ވިދާޅުވީ ކުށްވެރިންގެ ފައިގައި އަޅުވާނެ ޓެގް ހުސްވެފައި ހުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށާއި، މިއީ 6 އެއްކަ މިލިއަން ރުފިޔާ ހަރަދުކޮށްގެން ގަނެވޭނެ އެއްޗެއްކަމަށެވެ. އޭނާ ވިދާޅުވީ އެހެން ކަންކަމަށް ސަރުކާރުން މިއަށްވުރެ މާބޮޑެތި ހަރަދުތައް ކުރާކަމަށާއި، މިހާ މުހިންމު ސީރިއަސް މައްސަލައެއްގައި މިކަމަށް ހަރަދު ކުރަން ސަރުކާރަށް އުނދަގޫ ކަމަށް ހޯމް މިނިސްޓަރު ވިދާޅުވުމުން އެއީ ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި މިނިސްޓަރ އިމްރާނަށް ކަންކަން ރަނގަޅަށް ގެންދެވިދާނެ ކަމާއިމެދު ޝައްކާއި ވަހުމު އުފެދެންފަށައިފި ކަމަށްވެސް ހަލީމްގެ ވާހަކައިގައި ވިދާޅުވިއެވެ.

ހޯމްމިނިސްޓަރު އިމްރާން މީގެ ކުރިން ”މެއި6“ ކޮމެޓީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ޖަލުތަކުގައި ހަރުކުރި ޖޭމަރުތައް ވަރަށް ފަސޭހައިން ހަލާކުވެދާނެކަމަށާއި، ރަނގަޅު ފެންވަރުގެ ޖޭމަރު ހަރުކުރުމަކީވެސް ބޮޑު ހަރަދެއް ހިނގާނެ ކަމެއް ކަމަށެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ދައުލަތުގެ ހުރިހާ މުއައްސަސާތައްވަނީ ވަރަށްބޮޑަށް ދަރަނިވެރިވެފައެވެ.
މިއާއިއެކު ގިނަ މުއައްސަސާތަކުން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ހިދުމަތްތައް އެކަށީގެންވާ ގޮތެއްގައި ފޯރު ނުކޮށްދެވި ރައްޔިތުންގެ ޝަކުވާ އަންނަނީ އިންތިހާއަށް ބޮޑުވަމުންނެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިޙުގެ ސަރުކާރުން ހަރަދުތައް މެނޭޖްކުރަން ނޭނގި، އިންތިހާ އަށް ހަރަދުބޮޑުވެ، އިތުރު ލޯނުތައް ނެގުމަށްޓަކައި މިހާރުވެސް އަންނަނީ ދައުލަތުގެ ބިންތައް ރަހުނު ކުރަމުންކަން ފާހަގަކޮށްލެވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button