ޚަބަރު

ޕީޖީ ޝަމީމަކީ ސަރުކާރުގެ އެޖެންޓެއް، ޔާމީންގެ އަދާވާތްތެރިއެއް: ވަކީލު ޝަމީމް

ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމަކީ ސަރުކާރުގެ އެޖެންޓެއް ކަމަށް އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ގާނޫނީ ވަކީލު އާދަމް ޝަމީމް ވިދާޅުވެއްކެޖެއެވެ.

ވަކީލު ޝަމީމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޕީޖީ ޝަމީމަކީ ރައްޔިތުންނަށް ބޮޑެތި އޮޅުވާލުންތައް އޮޅުވާލާ ބޭފުޅެއް ކަމަށެވެ.

”އެއީ ސަރުކާރުގެ އެޖެންޓެއް. ރައީސް ޔާމީންގެ އަދާވާތްތެެރިއެއް. ރައީސް ޔާމީންގެ ދުޝްމަނުންނާއެކު އެއްބަސްވުން ހަދައި އެމަނިކުފާނު ފްރޭމްކޮށް، ރައީސް ޔާމީނަށް ބޮޑެތި ގެއްލުންދޭން އުޅޭ މީހެއް.“ އާދަމް ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ ޕީޖީ ޝަމީމްގެ އަތްޕުޅުގައި މީހެއްގެ ފައިލް ބާއްވައި، އޭނާ ފުރުވާލިކަމަށެވެ. ބެލެވޭގޮތުގައި އެއީ ޖިންސީ ފުރައްސާރައިގެ ތުހުމަތު ކުރެވުނު މި ސަރުކާރުގެ ފުރަތަމަ ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދެވެ. އެކަމަކު ޕީޖީ ޝަމީމް އެކަން ދޮގު ކުރައްވައެވެ.

ރައީސް ޔާމީންގެ ބަޔާން ލީކުކޮށްލި ކަމުގެ ތުހުމަތު އެމަނިކުފާނުގެ ވަކީލުންގެ މައްޗަށް ޕީޖީ ޝަމީމް ތުހުމަތު ކުރެއްވުމުންވެސް ވަކީލު ޝަމީމް އޭނާއަށް ރައްދު ދެއްވާފައިވެއެވެ.

ލީކު ކޮށްލި ބަޔާނަކީ ރިސޯޓުގެ ގޮތުގައި ރ.ފުއްގިރި ތަރައްގީ ކުރަން މަގާމުގެ ނުފޫޒު ބޭނުން ކުރައްވައި، ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް ބޭނުންކޮށް، ފައިސާ ލޯންޑަކުރި ކަމުގެ ތުހުމަތު ކުރެވޭ ދެ ދައުވާއެއްގައި ރައީސް ޔާމީން ފުލުހުންނަށް ދެއްވި ބަޔާނެވެ.

އެ ބަޔާނުގައި ހުރި ކަންކަން ވަރަށް ތަފްސީލީގޮތެއްގައި އެންމެ ފުރަތަމަ ހާމަކުރީ އޮންލައިން ނޫހެއް ކަމަށްވާ ”އަދަދު“ ނޫހުންނެވެ. މިކަމާ ގުޅިގެން ވަކީލު ޝަމީމް ވިދާޅުވީ އަދަދު ނޫހުގެ ވެރިންގެ ލޯފާމަށް ގޮސް އުޅެނީ ކޮންބައެއްތޯ ބަލަން ޖެހޭ ކަމަށެވެ.

”އެ ނޫހުގެ ވެރިންގެ ލޯފާމަށް ގޮސް އުޅެނީ ރައީސް ޔާމީންގެ ވަކީލުންތޯ ނުވަތަ އެބޭފުޅާތޯ ވެސް ބަލާލަން އެބަޖެހޭ. ރައީސް ޔާމީންގެ ބަޔާން އަޅުގަނޑުމެން ލީކުކުރަންޖެހޭ އެއްވެސް ސަބަބެއް ނެތް.“ ޝަމީމް ވިދާޅުވިއެވެ.

”ބޮންތި“ އަށް އެނގިފައިވާގޮތުގައި އަދަދު ނޫހުގެ މެނޭޖިން ޑިރެކްޓަރަކީ ގާނޫނީ ވަކީލު މަހުފޫޒު ސައީދެވެ. އެކަން އިކޮނޮމިކް މިނިސްޓްރީގެ އޮފިޝަލަކު ވަނީ ”ބޮންތި“ އަށް ކަށަވަރުކޮށްދީފައެވެ. އަދި އޭނާގެ ނަން އެ މިނިސްޓްރީގެ ބިޒްނަސް ޕޯޓަލުންވެސް ފެނެއެވެ. މަހުފޫޒުގެ ލޯފާމަށް ޕީޖީ ޝަމީމް ދޭތެރެއަކުން ވަޑައިގަންނަވާކަމުގެ މުއުތަބަރު މައުލޫމާތެއްވެސް ”ބޮންތި“ އަށް ވަނީ ލިބިފައެވެ.

ރައީސް ޔާމީންގެ ބަޔާން ލީކުވި މައްސަލައިގެ އެންމެ ބޮޑު ތުހުމަތެއްވެސް އަމާޒުވެފައިވަނީ ޕީޖީ ޝަމީމަށެވެ. އެކަމަކު އޭނާ އެކަން ދޮގު ކުރައްވައެވެ. އެ ބަޔާން ލީކުވިގޮތް ބަލާނަންތޯ ”ބޮންތި“ އިން ފުލުހުންނާ ސުވާލު ކުރުމުން މިހާތަނަށް އެއްވެސް ޖަވާބެއް ދީފައެއް ނުވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button