ރިޟްވާނުގެ މައްސަލައިގައި ރައީސް ޔާމީނަށް ކުރާ ތުހުމަތު ބުނެ ނުދެވޭތީ ކޮމިޝަނަށް ދޭންޖެހޭ މައުލޫމާތެއް ނޯންނާނެ: ވަކީލުން
ނޫސްވެރިޔާ އަހުމަދު ރިޟްވާނު އަބްދުﷲ ގެއްލުވައިލި މައްސަލައިގައި އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް މަރު ކޮމިޝަނުން ކުރާ ތުހުމަތު ބުނެ ނުދެވޭތީ އެ ކޮމިޝަނަށް އިތުރަށް ދޭންޖެހޭ މައުލޫމާތެއް ނޯންނާނެކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުން ބުނެފިއެވެ.
ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުން ދާދި ދެންމެއަކު ނެރުނު ނޫސްބަޔާނެއްގައި ބުނީ ރިޟްވާން ވީނުވީއެއް ނޭނގޭ ގޮތަށް ގެއްލުވާލި މައްސަލައިގެ ހަގީގަތް ހޯދުމަށް ދައުލަތުގެ ކަމާގުޅުންހުރި މުއައްސަސާތަކުން ކުރަމުން ގެންދިޔަ މަސައްކަތަށް ރައީސް ޔާމީން އެޅުއްވީ ކޮން ހުރަހެއް ކަމެއް ކަމެއް މަރު ކޮމިޝަނަށް ބުނެ ނުދެވޭ ކަމަށެވެ. އަދި އެ މައްސަލައަށް ހުރަސްއަޅުއްވަން އެމަނިކުފާނު ކުރެއްވީ ކޮންކަމެއްކަމެއް އެ ކޮމިޝަނަށް ބަޔާންކޮށްދެވިފައިނުވާތީ، ޖުމުލަގޮތެއްގައި މުޅި ތުހުމަތަށް އެމަނިކުފާނު އިންކާރުކުރައްވާ ކަމަށާއި، އަދި އެ މައްސަލާގައި އިތުރަށް ކޮމިޝަނަށް ދޭންޖެހޭ މައުލޫމާތެއް ނުވަތަ ދައްކަންޖޭހޭ ވާހަކައެއް ނެތްކަމުގައި ކޮމިޝަނުގެ ތަހުގީގުގައި ރައީސް ޔާމީން ދަންނަވާފައިވާނެ ކަމަށެވެ.
ރައީސް ޔާމީންގެ މައްޗަށް ސަރުކާރުގެ ސިޔާސީ ފަރާތްތަކާއި އަދި ސަރުކާރާއި ބައިއަތު ހިފާފައިވާ، އެމަނިކުފާނުގެ ވާދަވެރި ސިޔާސީ ފަރާތްތައް، އަޑީގައި ތިބެގެން އެކިއެކި ތަހުގީގު އިދާރާތައް މެދުވެރިކޮށް، އަސްލެއްނެތް ތުހުމަތުތައް އުފައްދައިގެން ތަހްޤީޤް ކުރުމުގެ ނަމުގައި ސުވާލުކުރުމަށް ހާޒިރު ކުރަމުންގެންދާ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
”މިކަން ކުރަނީ ސިޔާސީ ގޮތުން ރައީސް ޔާމީނަށް ގޯނާ ކުރުމަށްކަން ހިތާމަޔާއެކު ފާހަގަކުރަން. އަދި ގާނޫނު ތަންފީޒުކުރާ އިދާރާތަކާއި ތަހުގީގު އިދާރާތަކުގެ އޮފިޝަލުން މިފަދަ ނޭއްގާނީ އަދި ގާނޫނާއި ހިލާފު އަމަލުތަކުގައި ބައިވެރިވުމަކީ އެފަރާތްތަކުގެ އަމަލުތަކަށް މުސްތަޤްބަލުގައި ޒިންމާނަގަންޖެހޭނެ އަމަލުތަކެއްކަމުގައި ހަނދާންކޮށްދެން.“ ވަކީލުންގެ ބަޔާނުގައި ވެއެވެ.
މަރު ކޮމިޝަނަށް ޔާމީން ހާޒިރު ކުރުމުން ކަންތައް ވެގެން ދިޔަ ގޮތާމެދު އެ ކޮމިޝަނުގެ މެމްބަރުންނާއި އެކި ފަރާތްތަކުން ދައްކަމުން ގެންދާ ހަގީގަތާ ހިލާފް ވާހަކަތައް ދެއްކުން ހުއްޓާލުމަށްވެސް ވަކީލުން ވަނީ ގޮވާލައްވާފައެވެ.