ޚަބަރު

ރައީސް ޔާމީން ތަހުގީގަށް ދެއްވި ބަޔާނެއް ލީކު ކޮށްލައިފި!

ރިސޯޓުގެ ގޮތުގައި ރ.ފުއްގިރި ތަރައްގީ ކުރަން މަގާމުގެ ނުފޫޒު ބޭނުން ކުރައްވައި، ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް ބޭނުންކޮށް، ފައިސާ ލޯންޑަކުރި ކަމުގެ ތުހުމަތު ކުރެވޭ ދެ ދައުވާއެއްގައި އިދިކޮޅު ސިޔާސީ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ފުލުހުންނަށް ދެއްވި ބަޔާނެއް ލީކު ކޮށްލައިފިއެވެ.

މި ބަޔާން ލީކު ކޮށްލާފައިވަނީ މި މައްސަލައިގެ އިބުތިދާއީ އަޑުއެހުންތައް ކްރިމިނަލް ކޯޓުގައި ހިނގަމުން އަންނަ ދަނޑިވަޅެއްގައެވެ. ބަޔާން ލީކުވެގެން އުޅެނީ ފުލުހުންގެ އިދާރާއިން ކަމެއް، ޕްރޮސްކިއުޓަރ ޖެނެރަލްގެ އޮފީހުން ކަމެއް ނުވަތަ ކޯޓުން ކަމެއް ނޭނގެއެވެ.

މި ބަޔާނުގައި ހުރި ކަންކަން ވަރަށް ތަފްސީލީ ގޮތެއްގައި އާންމުންނަށް ތިލަކޮށްފައިވަނީ ސަރުކާރުގެ އިސް ވެރިންނާ ގާތް ގުޅުމެއް އޮންނަ އޮންލައިން ނޫހެއް ކަމަށްވާ ”އަދަދު“ ނޫހުންނެވެ.

މިކަމާގުޅިގެން ”ބޮންތި“ އިން ވަނީ ބަޔާން ލީކުވީ ކިހިނެއްތޯ އާއި، ލީކުވި މައްސަލަ ބަލައި އެކަން ހިނގާފައިވާގޮތް ހާމަ ކުރާނެތޯ ފުލުހުންނާ ސުވާލުކޮށްފައެވެ. އެކަމަކު ފުލުހުން އެކަމަކަށް ޖަވާބެއް ދީފައެއް ނުވެއެވެ.

މި މައްސަލައިގައި އާދީއްތަ ދުވަހު އަޑު އަޑުއެހުމުގައި ދައުލަތުގެ ފަރާތުން ވަނީ ރައީސް ޔާމީނާ ދެކޮޅަށް 86 ހެކި ހުށަހަޅާފައެވެ. އެއީ ޝަފަހީ ހެއްކިތަކާއި ކިތާބީ ހެކިތަކެވެ. ޔާމީންގެ ފަރާތުން ދިފާއުގައި 30 ހެކި ހުށަހެޅިއެވެ. އެއީ 5 ޝަފައީ ހެއްކަކާއި 25 ކިތާބީ ހެއްކެކެވެ. ޝަފަހީ ހެކީގެ ގޮތުގައި މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝްގެ އިތުރުން ޔާމީންގެ ވެރިކަމުގައި ސިޔާސީ މަގާމެއްގައި ހުންނެވި ޝުއާއުﷲ ސައީދުވެސް ހިމެނެއެވެ.

ރައީސް ޔާމީންގެ ފަރާތުން ވަނީ އެމްއެމްޕީއާރުސީގެ ބައެއް ލިޔެކިއުންތަކާއި، ޓޫރިޒަމް މިނިސްޓްރީގެ ބައެއް ލިޔެކިއުންތަކުގެ އިތުރުން ރައީސް އޮފީހުގެ ބައެއް ލިޔެކިއުންތައް ނެރުމުގެ އަމުރަކަށް އެދިފައެވެ. އެއީ ޔާމީނާ ދެކޮޅަށް ހެކީގެ ގޮތުގައި ދައުލަތުން ބޭނުން ކުރުމަށް ނިންމާފައިވާ ހެކިތަކެކެވެ. އަދި ޔާމީންގެ ދިފާއީ ވަކީލު އަބްދުﷲ ޝިޔާޒު ވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހު ސިޓީއެއް މެދުވެރިކޮށް އެ ލިޔެކިޔުންތައް ހޯދުމަށް ކޯޓުގައި އެދިފައިވާކަން މިއަދުގެ އަޑު އެހުމުގައި ވިދާޅުވެފައެވެ. އެހެން ނަމަވެސް އެ މައްސަލަ ބައްލަވާ ގާޒީ އަހުމަދު ޝަކީލް ވިދާޅުވީ އެގޮތަށް އަމުރެއް ނެރެދޭވޭނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައިވާ ގޮތުގެ މަތިން ކޯޓުގެ އުސޫލުގެ ތެރޭގައިވާ ފޯމު މެދުވެރިކޮށް ކަމަށެވެ. ދައުލަތުގެ ފަރާތުން ވަނީ ރައީސް ޔާމީންގެ އާމްދަނީއާ ނުބައްދަލު ފައިސާ އާއި މުދާ ދައުލަތަށް ނެގުމުގެ އަމުރެއް ނެރެދިނުމަށް  އެދިފައެވެ. އެކަމަކު އެ ކަމަކަށް ޝަރީއަތުން ވަކި ގޮތެއް ނިންމާފައެއް ނުވެއެވެ.

މި މައްސަލައިގެ އަޑުއެހުމެއް ދެން އޮންނާނީ މިމަހުގެ 22 ވަނަ ދުވަހުގެ ހެނދުނު 09:00 ގައެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button