ބޮން ގޮއްވާލި އަދުހަމަށް ލުއިތަކެއް!

މަޖިލިސް ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މެއި 6 ގައި ބޮން ގޮއްވާލި ވ.ތިނަދޫ ހިޔާ އަހުމަދު އަދުހަމް ރަޝީދަށް ލުއިތަކެއް ދޭން ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް ނިންމަވައިފިއެވެ.
ޕީޖީ އޮފީހުން މިވަގުތު ކުރިޔަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޝަމީމް ވަނީ އަދުހަމަށް ދޭނެ ލުއިތައް ހާމަކުރައްވާފައެވެ.
އަދުހަމް ވަނީ އޭނާ އާއި ޕީޖީ އާއި ދެމެދު އެއްބަސްވުމެއް ހަދައި 23 އަހަރުގެ ޖަލު ހުކުމަކަށް އިއުތިރާފް ވެފައެވެ. ދައުލަތުން އޭނާގެ މައްޗަށް ޖުމްލަ 4 ދައުވާއެއް ކުރެއެވެ. އެއީ ޓެރަރިޒަމްގެ އަމަލެއް ހިންގުމާއި، އެފަދަ އަމަލެއް ރޭވުމާއި، ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލަން އުޅުމާއި، ނިރުބަވެރި ޖަމާއަތަކަށް ތާއިދުކޮށް ކޮށްފައިވާ ބައެއް ކަންކަމާ ގުޅޭ ދައުވާއެކެވެ.
މި ދައުވާތައް ސާބިތުވެއްޖެ ނަމަ އޭނާއަށް 37 އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ. އެކަމަކު އޭނާ ކުށަށް އިއުތިރާފްވެ، އެއްބަސްވުމުކަށް އައުމުން އޭނާގެ މައްޗަށް ދައުވާ ކުރަނީ 23 އަހަރުގެ ޖަލު ހުކުމަކަށް ވާސިލުވާ ގޮތަށެވެ.