ޚަބަރު

ބޮމުގެ ހަމަލާގައި ބައިވެރިވިކަމުގެ ތުހުމަތު ކުރެވޭ ފާތިހު އަށް އަދި ދައުވާ ކުރެވޭކަށް ނެތް: ޕީޖީ ޝަމީމް

މަޖިލިސް ރައީސް މުހައްމަދު ނަޝީދު އަށް އަމާޒުކޮށް މެއި 6 ގައި ދިން ބޮމުގެ ހަމަލާގެ ތުހުމަތުގައި ހައްޔަރު ކުރި ފުލުހުންގެ އިންޓެލް އެއް ކަމަށްވާ ލ.ގަން ދުންފިނި އުފާ އަހުމަދު ފާތިހަށް އަދި ދައުވާ ކުރެވެން ނެތް ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޕީޖީ އޮފީހުން މިވަގުތު ކުރިޔަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޝަމީމް ވިދާޅުވީ މި މައްސަލައިގެ ތަހުގީގު އަދި އެއްކޮށް ނުނިމޭ ކަމަށެވެ. އަދި މި މައްސަލައިގައި ފާތިހުގެ މައްޗަށް ދައުވާ ކުރެވޭ ވަރަށް ހެކިތައް ލިބިފައި ނުވާކަމަށްވެސް ޝަމީމް ވިދާޅުވިއެވެ.

ފާތިހު އަކީ ފުލުހުންގެ ވަޒީފާގައި މަސައްކަތް ކޮށްފައިވާ މީހެކެވެ. އެކަން ފުލުހުން މީގެ ކުރިންވަނީ ކަށަވަރުކޮށްދީފައެވެ. އެނގިފައިވާގޮތުގައި އޭނާ ފުލުހުންގެ ވަޒީފާއިން ވަކިވީ މިއަހަރުގެ ތެރޭގައެވެ.

ފާތިހު އަކީ ބޮންގޮއްވާލުމުގައި އިސްކޮށް އުޅުނު ވ.ތިނަދޫ ހިޔާ އަހުމަދު އަދުހަމް ރަޝީދު ފިލަން އެހީތެރިވުމަށް، މއ. ފޭރުގެ މުޖާޒް އަހުމަދު ގާތާށް އޭނާ ގެންގޮސް ދިން މީހާއެވެ.

“ފާތިހު ބުނަނީ އަދުހަމަށް ލިފްޓެއް ދިން ވާހަކަ އެކަނި. އިތުރު ކަމެއް އެނގޭ ކަމަކަށް ނަހަދާ.” ޕީޖީ އޮފިޝަލަކާ ހަވާލާދީ މައުލޫމާތު ދިން މީހާ ބުންޏެވެ.

މި މައްސަލައިގައި މިހާތަނަށް 15 މީހަކު ހައްޔަރު ކޮށްފައިވާއިރު ދައުވާ ކުރަން މިހާތަނަށް ފޮނުވީ 4 މީހެއްގެ މައްޗަށެވެ. އެއީ ވ.ތިނަދޫ، ހިޔާ، އަދުހަމް އަހުމަދު ރަޝީދާއި މއ.ފޭރުގޭ މުޖާޒް އަހުމަދާއި ގއ.ކޮނޑޭ، ފޮޅޭމާ ތަހުމީން އަހުމަދު އަދި ނ.މަދަނޫ ނޫރީގެ އަލީ ހައިޝަމެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button