ނޫމަޑި ރިސޯޓްސް އެންޑް ރެޒިޑެންސަން އޭޖީ އިން ސަރުކާރާ ދެކޮޅަށް ނެދަލޭންޑްސްގެ ދަހޭގްގައި ހުންނަ އާބިޓްރޭޝަން ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި އެކުންފުނީގެ ފަރާތުން ހެކިވެރިއެއްގެ ގޮތުގައި މާލޭ ސިޓީގެ މޭޔަރު އަދި ކުރީގެ ހައުސިން މިނިސްޓަރު ޑރ.މުހައްމަދު މުއިއްޒު ހުރެ ދޮގު ހެކިބަސް ދިން ކަމުގެ ދައުވާގައި ވަކީލަކު އައްޔަން ކުރަން އޭނާއަށް 10 ދުވަސް ދިނުމަށްފަހު އަޑުއެހުން ނިންމާލައިފިއެވެ.
މިއަދު ހެނދުނު 10:30 ގައި ކްރިމިނަލް ކޯޓުގައި އޮތީ އެ މައްސަލައިގެ އިބްތިދާއީ އަޑުއެހުމެކެވެ. މި އަޑުއެހުމުގައި މުއިއްޒު ވިދާޅުވީ ވަކީލެއްގެ ހާޒިރުގައި ނޫނީ ޖަވާބުދާރީ ވެވެން ނެތްކަމަށް ވިދާޅުވެފައެވެ.
މައްސަލަ ބައްލަވާ ގާޒީ ސޮފްވަތު ހަބީބު ވަނީ މައްސަލައިގެ ލިޔެކިޔުން ލިބައިފޭތީ މުއިއްޒުއާއި ސުވާލު ކުރައްވާފައެވެ. އަދި ލިޔެކިޔުންތައް ލިބިފައިވާކަމަށާއި ވަކީލެއް މެދުވެރިކޮށް ހުރިހާ ލިޔެކިޔުންތައް ހަމަތޯ ބައްލަވާނެކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒުގެ މައްޗަށް އުފުލި ދައުވާގައި 2011 ވަނަ އަަހަރުގެ ތެރޭގައި ނޫމަޑިއާ ސަރުކާރާއި ދެމެދު ހައުސިންގް ޕްރޮޖެކްޓުތަކެއް ހިންގުމަށް ވެފައިވާ ފޭސް 1 ގެ އެއްބަސްވުމާއި، 2013 ވަނަ އަހަރު ވެފައިވާ ފޭސް 2 ގެ އެއްބަސްވުމުގެ މަސައްކަތް ދެފަރާތުން އެއްބަސްވި ތާވަލުގައިވާ ގޮތުގެ މަތިން ކުރަމުން ގެންދިޔަކަމަށް މުއިއްޒު ވިދާޅުވިކަމަށް ވެއެވެ. މީގެ އިތުރުން ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަން ނޫމަޑިއަށް ދޫކުރި ޅ.ދިއްފުށިމާދޫ ސަރުކާރުގެ ބޭނުމަށް ނެގުމުގެ މުއާމަލާތުގައި މުއިއްޒު ބައިވެރި ނުވާކަމަށް ވިދާޅުވެ ދޮގު ބާޔަނެއް ދީފައިވާކަމަށްވެސް ދައުވާގައި ބުނެފައިވެއެވެ.
މިކަމާގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީއަށް މީގެ ކުރިން ޑރ.މުއިއްޒު ހާޒިރުކޮށްފައިވާއިރު، ފުލުހަށް ހާޒިރު ކުރުމަށްފަހު އޭނާގެ ބަޔާން ވެސް ވަނީ ނަގާފައެވެ.
މި ދައުވާތަކަށް މުއިއްޒު ވަނީ އިންކާރު ކުރައްވާފައެވެ. މުއިއްޒު ވިދާޅުވިގޮތުގައި އޭނާގެ މައްޗަށް ދައުވާ އުފުލަނީ އިދިކޮޅު ފަރާތްތަކަށް ބިރު ދެެއްކުމުގެ ގޮތުންނެވެ.