ޚަބަރުސިޔާސީ

ރިޟްވާން މައްސަލައިގައި ދައުވާ އުފުލުނު މީހުން ރައީސް ސޯލިހު ކައިރީގައި ނެއްތޯ؟ޑރ.ޖަމީލް

ނޫސްވެރިޔާ އަހުމަދު ރިޟްވާން އަބްދުﷲ ގެއްލުވާލި މައްސަލައިގައި ދައުވާ އުފުލި މީހުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކައިރީގައި ނެތް ތޯ ސުވާލު ކުރައްވައި ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލް އަހުމަދު ރައީސް ސޯލިހަށް ބަހުގެ ހަމަލާތަކެއް ދެއްވައިފިއެވެ.

”ޔާމީނުގެ އިންސާފު ނޫން އިންސާފެއް އިދިކޮޅަށް ނެތީބާ؟“ މިނަމުގައި ރާއްޖެ އެމްވީން ޓުވީޓުކޮށްފައިވާ ރިޕޯޓެއް ރީޓުވީޓު ކުރައްވައި ޑރ.ޖަމީލް ވަނީ ނޫސްވެރިޔާ ރިޟްވާނަށް ރައީސް ސޯލިހު އިންސާފު ހޯދައިދިނީ ތޯ ސުވާލު ކުރައްވާފައެވެ.

”ސިޔާސީ ތަހުގީގު ހިންގުމާއި، ޕްރޮޕެގެންޑާ ލިޔުންތަކުން އާއިލާއަށް ތަސައްލީ ލިބެނީތޯ؟ ރިޟްވާން މައްސަލައިގައި ރައީސް ޔާމީންގެ ވެރިކަމުގައި ދައުވާ އުފުލުނު މީހުން ރައީސް ސާލިޙް ކައިރީގައި ނެއްތޯ؟

އިތުރު ޓުވީޓެއް ކުރައްވައި ޖަމީލް ވަނީ ރައީސް ސޯލިހުގެ ވެރިކަމުގެ ފުރަތަމަ 24 ގަޑިއިރުގެ ތެރޭގައި ރިޟްވާނަށް ވީގޮތް ހޯއްދަވާނެ ކަމަށް ވައުދުވެވަޑައިގެންނެވި ކަންތަކަށް 3 އަހަރާ ކައިރި ނުވޭތޯ ސުވާލު ސުވާލު އުފައްދަވާފައެވެ.

”ނާގާބީލްކަމުގެ ރަންވަނަ ރައީސް ސޯލިހަށް ލިބިއްޖެ.“ ޖަމީލް ވިދާޅުވިއެވެ.

ނޫސްވެރިޔާ ރިޟްވާން ގެއްލުވާލި މައްސަލައިގައި އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން މާދަމާ މެންދުރު 14:00 އަށް މަރު ކޮމިޝަނަށް ހާޒިރުވާން ވަނީ އަންގާފައެވެ. މަރު ކޮމިޝަނުން ރައީސް ޔާމީނަށް ފޮނުވި ޗިޓުން އެނގޭގޮތުގައި އެމަނިކުފާނު ހާޒިރުކުރަނީ ރިޟްވާން ގެއްލުވައިލުމާ ގުޅިގެން ހިންގި ތަހުގީގަށް ހުރަސްއެޅުއްވި ކަމަށް ތުހުމަތުކޮށެވެ.

ނޫސްވެރިޔާ ރިޟްވާނުގެ މައްސަލަ މަރު ކޮމިޝަނުން އޮތީ ބަލައި ނިންމާފައެވެ. އެއީ އެކޮމިޝަނުގެ ރައީސް ކަމުގެ މަގާމުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއް ސުއޫދު ހުންނެވި ދުވަސްވަރުގައެވެ. އަދި ރިޟްވާނުގެ މަރުގެ ރިޕޯޓާ ގުޅިގެން އެ ކޮމިޝަނުން 1 ސެޕްޓެމްބަރު 2019 ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސުއޫދު ވިދާޅުވީ އޭނާގެ މަރާ ރައީސް ޔާމީނާ އެއްވެސް ގުޅުމެއް ނެތް ކަމަށާއި، އެ މައްސަލައިގައި ފުލުހުން ހިންގި ތަހުގީގަށް ޔާމީންގެ ނުފޫޒެއް އޮތް ކަމަށް ނުބެލެވޭ ކަމަށެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button