މުއިއްޒު މާދަމާ ހެނދުނު ކްރިިމިނަލް ކޯޓަށް ހާޒިރު ކުރަނީ
މާލޭ ސިޓީގެ މޭޔަރު އަދި ކުރީގެ ހައުސިން މިނިސްޓަރު ޑރ.މުހައްމަދު މުއިއްޒު ދޮގު ބަޔާނެއް ދިންކަމަށް ތުހުމަތު ކުރެވޭ މައްސަލައިގެ އިބުތިދާއީ އަޑުއެހުމެެއް މާދަމާ ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފިއެވެ.
ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން މުއިއްޒުގެ މައްޗަށް ކުރާ މި ދައުވާގެ އަޑުއެހުން ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފައިވަނީ މާދަމާ ހެނުނު 10:30 ގައެވެ.
މުއިއްޒުގެ މައްޗަށް ކުރާ ދައުވާއަކީ 25 ޖޫން 2019 ގައި ނޫމަޑި ރިސޯޓްސް އެންޑް ރެޒިޑެންސަން އޭޖީ އިން ސަރުކާރާ ދެކޮޅަށް ނެދަލޭންޑްސްގެ ދަހޭގްގައި ހުންނަ އާބިޓްރޭޝަން ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި އެކުންފުނީގެ ފަރާތުން ހެކިވެރިއެއްގެ ގޮތުގައި ހުރެ ދޮގު ހެކިބަސް ދިން ކަމުގެ ދައުވާއެވެ. އަދި 2011 ވަނަ އަަހަރުގެ ތެރޭގައި ނޫމަޑިއާ ސަރުކާރާއި ދެމެދު ހައުސިންގް ޕްރޮޖެކްޓުތަކެއް ހިންގުމަށް ވެފައިވާ ފޭސް 1 ގެ އެއްބަސްވުމާއި، 2013 ވަނަ އަހަރު ވެފައިވާ ފޭސް 2 ގެ އެއްބަސްވުމުގެ މަސައްކަތް ދެފަރާތުން އެއްބަސްވި ތާވަލުގައިވާ ގޮތުގެ މަތިން ކުރަމުން ގެންދިޔަކަމަށް މުއިއްޒު ވިދާޅުވިކަމަށް ދައުވާގައި ވެއެވެ. މީގެ އިތުރުން ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަން ނޫމަޑިއަށް ދޫކުރި ޅ.ދިއްފުށިމާދޫ ސަރުކާރުގެ ބޭނުމަށް ނެގުމުގެ މުއާމަލާތުގައި މުއިއްޒު ބައިވެރި ނުވާކަމަށް ވިދާޅުވެ ދޮގު ބާޔަނެއް ދީފައިވާކަމަށްވެސް ދައުވާގައި ބުނެފައިވެއެވެ.
މިކަމާގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީއަށް މީގެ ކުރިން ޑރ.މުއިއްޒު ހާޒިރުކޮށްފައިވާއިރު، ފުލުހަށް ހާޒިރު ކުރުމަށްފަހު އޭނާގެ ބަޔާން ވެސް ވަނީ ނަގާފައެވެ.
މި ދައުވާތަކަށް މުއިއްޒު ވަނީ އިންކާރު ކުރައްވާފައެވެ. މުއިއްޒު ވިދާޅުވިގޮތުގައި އޭނާގެ މައްޗަށް ދައުވާ އުފުލަނީ އިދިކޮޅު ފަރާތްތަކަށް ބިރު ދެެއްކުމުގެ ގޮތުންނެވެ.