ޚަބަރުސިޔާސީ

ބޮމުގެ ހަމަލާގެ ތުހުމަތު ކުރެވޭ ފާތިހު އަށް ދައުވާ ނުކުރަން ނިންމަނީ!

މަޖިލިސް ރައީސް މުހައްމަދު ނަޝީދު އަށް އަމާޒުކޮށް މެއި 6 ގައި ދިން ބޮމުގެ ހަމަލާގެ ތުހުމަތުގައި ހައްޔަރު ކުރި ފުލުހުންގެ އިންޓެލް އެއް ކަމަށްވާ ލ.ގަން ދުންފިނި އުފާ އަހުމަދު ފާތިހަށް ދައުވާ ނުކުރަން ނިންމާފައިވާ ކަމުގެ މައުލޫމާތު ”ބޮންތި“ އަށް ލިބިއްޖެއެވެ.

ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުގެ އޮފިޝަލަކާ ހަވާލާދީ އިތުބާރު ހުރި މަސްދަރަކުން ”ބޮންތި“ އަށް އެނގިފައިވާގޮތުގައި ފާތިހުގެ މައްޗަށް ޕީޖީ އިން ދައުވާ ނުކުރަން ނިންމާފައިވާކަން މިއަދު އެ އޮފީހުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި ހާމަކުރާނެއެވެ.

ފާތިހު އަކީ ފުލުހުންގެ ވަޒީފާގައި މަސައްކަތް ކޮށްފައިވާ މީހެކެވެ. އެކަން ފުލުހުން މީގެ ކުރިންވަނީ ކަށަވަރުކޮށްދީފައެވެ. އެނގިފައިވާގޮތުގައި އޭނާ ފުލުހުންގެ ވަޒީފާއިން ވަކިވީ މިއަހަރުގެ ތެރޭގައެވެ.

ފާތިހު އަކީ ބޮންގޮއްވާލުމުގައި އިސްކޮށް އުޅުނު ވ.ތިނަދޫ ހިޔާ އަހުމަދު އަދުހަމް ރަޝީދު ފިލަން އެހީތެރިވުމަށް، މއ. ފޭރުގެ މުޖާޒް އަހުމަދު ގާތާށް އޭނާ ގެންގޮސް ދިން މީހާއެވެ.

”ފާތިހު ބުނަނީ އަދުހަމަށް ލިފްޓެއް ދިން ވާހަކަ އެކަނި. އިތުރު ކަމެއް އެނގޭ ކަމަކަށް ނަހަދާ.“ ޕީޖީ އޮފިޝަލަކާ ހަވާލާދީ މައުލޫމާތު ދިން މީހާ ބުންޏެވެ.

ބޮން ގޮއްވާލި ކަމަށް އަދުހަމް އެއްބަސްވެފައިވާއިރު، އޭނާގެ މައްޗަށް 23 އަހަރުގެ ޖަލު ހުކުމެއް ކުރެވޭވަރުގެ ދައުވާއެއް އުފުލާނެ ކަމަށް ”ބޮންތި“ އަށް އެނގިފައިވެއެވެ.

މި މައްސަލައިގައި މީގެ ކުރިން ފުލުހުންނާއި ޕީޖީ އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޖީ ހުސެއިން ޝަމީމް ވަނީ އަދުހަމް އިއުތިރާފް އެއްބަސްވުމެއް ހަދަން ބޭނުންވާ ކަމަށް ވިދާޅުވެފައެވެ.

މިއަދު މެންދުރު ފަހު ޕީޖީ އޮފީހުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި މިކަމާ ގުޅޭ އިތުރު މައުލޫމާތުތައް ހާމަކުރާނެ ކަމަށް ބެލެވެއެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button