
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ހަޖަމު ނުވި މައްސަލައަކީ އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ހިދުމަތުގެ ސަބަބުން އެމަނިކުފާނުގެ ލެގަސީ ނެތި ފަނާވެގެން ހިނގައިދާނެ ކަމުގެ ބިރު އޮތުން ކަމަށް އިދިކޮޅު ކޯލިޝަންގެ ވަގުތީ ލީޑަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
ޕީޕީއެމާ އަލަށް ގުޅޭ މެންބަރުންގެ ފޯމުތައް ހަވާލުކުރުމަށް މިރޭ އެ ޕާޓީގެ އޮފީހުގައި ކުރިޔަށް ދާ ހާއްސަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ރައީސް މައުމޫން އެގޮތަށް ވާހަކަފުޅު ދެއްކެވީ އޭނާ ގެންގޮސް ބައްދަލު ކުރުމަށްފަހުގައި ކަމަށެވެ.
”ސީދާ ރައީސް މައުމޫން އެވާހަކަ ދެއްކެވީ އަޅުގަނޑު ގާތު. ވިދާޅުވީ ރައީސް ޔާމީން އެ އުޅުއްވަނީ ތިމަންނާގެ ލެގަސީ ދުއްވާލާށޭ. ދެން އެބޭފުޅާއަށް ކޮން ގައުމީ ހިދުމަތެއްގެ ވާހަކައެއް ތޯ ދެެއްކޭނީ.“ އަބްދުއްރަހީމް ވިދާޅުވިއެވެ.
އަބްދުއްރަހީމް ވިދާޅުވިގޮތުގައި ރައީސް މައުމޫން އެވާހަކަފުޅު ދެއްކެވީ 2016 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުގައެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި މައުމޫނުގެ ވާހަކަފުޅުތަކުން އެނގުނީ އެމަނިކުފާނު ގައުމާއި ރައްޔިތުންނަށް ހެވެއް އެދެން ބޭނުންފުޅު ނުވާ ކަމެވެ.