ރިޕޯޓް

ގައުމީ ފުދުންތެރިކަން: ފޫއަޅުވައިލެވިގެން ނުވާނެ އައްޑަނައެއް!

ދިވެހި ގައުމިއްޔަތަކީ އެބައެއްގެ އަމިއްލަ ބާރުވެރިކަން އޮންނަ އޮތުމަށް ކިޔާ ނަމެކެވެ. ގައުމެއް, ގައުމަކަށް ވަނީ އިންސާނެއް އިންސާނަކަށް ވާފަދައިންނެވެ. އަމިއްލަ ދިދަ، އަމިއްލަ ނިޝާން، އަމިއްލައަށް އެއްބަސްވުމަށް ވަދެވޭ، އަދި އެއްބަސްވުމުން ނިކުމެވޭ މީހަކީ އަމިއްލަ މިނިވަން މީހެކެވެ. ގައުމަކަށްވެސް އޮތީ ހަމަ މިބުނެވުނު ހަމަ އެވެ.

ދުނިޔޭގެ ތާރީހަށް ނަޒަރު ހިންގާލާއިރު ދިދައެއް ހުރުމަކުން ގައުމެއްގެ އަމާންކަން ލިބިފައެއް ނުވެއެވެ. ވަކި ސިއްކައެއް އޮތުމަކުންވެސް އެ އަމާންކަން ލިބިފައެއް ނުވެއެވެ. ދުނިޔޭގެ ތާރީހުގެ ސަފްހާތަކުން ފެންނަންއޮތް ހަގީގަތަކީ ދުޝްމަނުންގެ ރޭވުންތެރި ވަކިތަކުން ސަލާމަތްވުމުގެ ގާބިލުކަން ނެތް ގައުމަކީ ގައުމެއްގެ ގޮތުގައި މާގިނަ ދުވަހުދެމި އޮވެވޭނެ ޝަހްސެއް ނޫންކަމެވެ.

ޒައިނިސްޓުން ފަލަސްތީނު ”ތޮރުފާލި“ ގޮތް

މިޒަމާނަށް އަލިވިލިގެން އައިދުވަސްވަރު އެންމެ ފުރަތަމަ ފެނިގެން ދިޔައީ ފަލަސްތީނުގެ ރައްޔިތުން އެގައުމުގެ މައްޗަށް ވެރިވެ ތިބި އިނގިރޭސިންގެ އިސްތިއުމާރުން ސަލާމަތް ނުވެވުމެވެ. އިނގިރޭސިން ފަލަސްތީނު މިނިވަންކުރި އިރު ގައުމުގެ އެއްބައިގައިވަނީ ޔަހޫދީ ދައުލަތެއް ވަރަށް ހީލަތްތެރިގޮތެއްގައި ގާއިމްކޮށްފައެވެ. މިކަން ކުރަން އިނގިރޭސިން ބޭނުންކުރި އުކުޅަކީ ފަލަސްތީނުގެ ރައްޔިތުންގެ ތެރެއިން ގިނަރައްޔިތުންތަކެއް ޔަހޫދީ ލޯނު އޭޖެންޓުންގެ އަތްދަށުކުރުވުމެވެ. ފަލަސްތީނުގެ ރައްޔިތުންގެ ނަމުގައި އޭރު ފަލަސްތީނުގެ މައްޗަށް ބަސްކިޔަން ތިބި އެގައުމުގެ ޖަމާއަތްތަކުން ވަނީ އިނގިރޭސިން މެދުވެރިކޮށް ގައުމުގެ އެއްބައި ވިއްކާލާފައެވެ. އެހެންކަމުން އިނގިރޭސިންގެ ރޭވުން ކާމިޔާބުވީއެވެ.

އިރާގު ސުންނާފަތި ކުރި ގޮތް

ދެން ފެނިގެންދިޔައީ 1991 ވަނަ އަހަރުގެ ގަލްފު ހަނގުރާމައެވެ. އެއީ އެމެރިކާގެ ސިފައިން އިރާގަށް ހަމަލާދީ އިރާގު ހަލާކުކޮށްލުމުގެ ފުރަތަމަ ހަނގުރާމައެވެ. ހަނގުރާމައިގެ ފޮރުވިފައިވާ ހަގީގަތަކީ ލޯނެވެ. އީރާން އިރާގު ހަގުރާމަ ކުރުވުމަށް ހަތިޔާރު ގަތުމަށް ޔަހޫދީންގެ އަތުން ނެގި ލޯނުތަކެވެ. އިރާގުގެ ކުރީގެ ރައީސް ސައްދާމް ހުސޭނަށް ލޯނު ދިން ޔަހޫދީންގެ ރުހުންނެތި، އެގައުމާ އެކު ކުރަމުން އައި ހަނގުރާމަ ހުއްޓުމަކަށް ގެނައުމުން، ލޯނު ދިން ފަރާތްތަކުން ފައިސާހޯދުމަށް އެދުނެވެ. އަދި ފައިސާ ނުދެއްކުމުން އިރާގުގެ ރުފިޔާގެ އަގުވައްޓާލާނެ ކަމުގެ ބިރުދެއްކިއެވެ. އެކަން ހައްލުކުރުމަށް އިރާގަށް ކުވެއިތުން ދޭންޖެހޭ ފައިސާ ދެއްކުމަށް ސައްދާމު އެދުނެވެ. އެކަމަކު އެމެރިކާއިން ކުޅުވީ ދެގައުމު ހަނގުރާމަޔަށް ތައްޔާރު ކުރުމުގެ ދައުރުކަން ވިކިލީކްސް އިން ލީކްވެފައިވާ ކޭބަލްތަކުން ވަނީ ފަޅާއަރާފައެވެ. އެހެންކަމުން ކުވެއިތުން ފައިސާ ނުދީ ސައްދާމު ކުވެއިތަށް އަރާ ކުވެއިތު ހިފައި، އަދި ކުވެއިތު ސަލާމަތްކުރުމުގެ ބަހަނާގައި އެމެރިކާ މީހުން އިރާގަށް އަރައި އެގައުމު ސުންނާފަތި ކޮށްލީއެވެ.

ސީރިއާގައި ޖެއްސި ނުލަފާ ސިފަ

ދެން ފެނިގެންދިޔައީ 2012 ވަނަ އަހަރު ސީރިޔާގައި ހިނގަންފެށި އުދުވާނެވެ ޑިމޮކްރަސީއާއި އިންސާނީ ހައްގުގެ ނަމުގައި އެމެރިކާ އާއި އިޒްރޭލުން ހޭދަކޮށް، ތަމްރީނުކޮށްދީފައިވާ މީހުން، މުސްލިމުންނަށް ވެގެން އިސްލާމިކް ސްޓޭޓްގެ ނަމުގައި ހަނގުރާމަ ފަށައި، ސީރިޔާ އަދި އިރާގުގެ ބިންތަކުން ބޮޑުބައެއް ހިފިއެވެ. އަދި ސީރިޔާގެ ތެޔޮވަޅުތަކާއި، އިރާގުގެ ތެޔޮވަޅުތަކުގެ ބޮޑުބައެއް ހިފިއެވެ. ނަތީޖާއެއްގެ ގޮތުން ދުނިޔޭގެ މާރުކޭޓުގައި ތެލުގެ އަގު ވަރަށްބޮޑަށް މައްޗަށް ދިޔައެވެ. ނަމަވެސް ޑިމޮކްރަސީގެ ނަމުގައި، އިންސާނީ ހައްގުގެ ނަމުގައި ސީރިޔާގެ ރައީސަކީ ނުބައި ނުލަފާ މީހެއްގެ ސިފަޖައްސާފައި، އެގައުމު މިއަދު ވަނީ ދެން އެކުގައި ނޫޅެވޭވަރަށް ބައިބައިކޮށްލާފައެވެ. ސަބަބީ އެގައުމަކީ އިޒްރޭލުގެ ވަށައިގެންވާ ސަރަހައްދުތަކުގެ ތެރެއިން އޮތް ހަމައެކަނި އިޒްރޭލު ދައުލަތެއްގެ ގޮތުގައި ގަބޫލު ނުކުރާ ގައުމަށްވުމެވެ.

ލީބިޔާ އަދި ޒިންބާއުބޭ ގަޑުބަޑު

ދެންފެނުނީ 2014 ވަނަ އަހަރު ލީބިޔާ ވެސް ހަމަ ސީރިޔާ ފަދައިން ޑިމޮކްރަސީގެ ނަމުގައި އިންސާނީ ހައްގުގެ ނަމުގައި ބައިބައިކޮށް އެއްބަޔަކު އަނެއްބަޔަކާއި ހަގުރާމަ ކުރުވައި ހަލާކު ކޮށްލި މަންޒަރެވެ. މިއީ އިސްލާމީ ގައުމުތަކުގެ ހާލެވެ. މިފަދަ ހާލަތުތައް ވަނީ އިސްލާމް ނޫން ގައުމުތަކަށްވެސް ކުރިމަތިވެފައެވެ. މިސާލަކަށް ޒިންބާބުއޭ ފުދެއެވެ. އެފްރިކާގެ ޒިންބާބުއޭ އަކީ މުޅި އެފްރިކާގެ ގައުމުތަކުގެ ތެރެއިން އިނގިރޭސިންނާއި އެންމެބޮޑަށް ހަނގުރާމަ ކޮށްގެން މިނިވަންކަން ހޯދި އެއްގައުމަށް ވާނެއެވެ. ނަމަވެސް މިނިވަންވެގެން 50 އަހަރު ވީއިރުވެސް އެގައުމުގެ ރައްޔިތުންނަށް އެގައުމުގެ ބިމުގެ މިނިވަންކަމެއް އިނގިރޭސި ރާނީ ނުދެއެވެ. ރާނީއަށް ތަބާވެގެން ހުރިހާ ދުވަހަކު ޒިންބާބުއޭގެ ރައީސް ރޮބަރޓް މުގާބޭ އަށް ރާނީ ލޯބީގެ ސިޓީވެސް ފޮނުވާ ހެދިއެވެ. ނަމަވެސް ރާނީގެ ވަކިތަކުން ޒިންބާބުއޭގެ ބިންތައް މިނިވަންކުރަން ހަމަ ވާހަކަ ދެއްކިހިސާބުން މުގާބޭ ވީ ”ފަލަ“ ޑިކްޓޭޓަރަކަށެވެ. މިއީ މިއަދުގެ ޖީލުން ދަސްކުރަންޖެހޭ ބޮޑެތި ފިލާވަޅުތަކެވެ.

ރާއްޖޭގެ މަލަރެސް

ދިވެހިރާއްޖޭގެ ސަރުކާރުން މިދަނީ އިންތިހާއަށް ގައުމު ދަރުވައި، ދަރަނިވެރި ކުރަމުންނެވެ. ކޯވިޑް-19 އައުމުގެ ކުރިންނާއި، ކޯވިޑްގެ ނަމުގައެވެ. ދައުލަތަށް އާމްދަނީގެ އެއްވެސް ފަދައެއް ނުލިބިއޮއްވާމެ، ދައުލަތުގެ ހަރަދު ހެސްކިޔާފަ ހޭދަކުރަމުންނެވެ. ވަޒީފާތައް އިތުރުކުރަމުންނެވެ. ބޮޑު މުސާރަ ދިނުމަށް އާއިލާއާއި، ރައްޓެހިންނަށް މަގާމުތައް އުފައްދާ ބަހަމުންނެވެ.

މިހިސާބުން ދިވެހިރައްޔިތުން ވިސްނުމުގެ މަގު ހިންގާލަންޖެހެނީ މިވަރުގެ ބޮޑު އަނދަވަޅަކަށް ގައުމު ވައްޓާލެވެމުން މިދަނީ މުޅި ގައުމަށް ފައިދާހުރި ކަންކަން ކުރުމުގެ ބަދަލުގައި ވަކިބަޔަކަށް މަންފާހޯދުމުގެ ބޭނުމުގައި ކަމެވެ. އެކަމަކު ލޯނުތައް ނުދެއްކިގެން ވިއްކާލަން ޖެހޭއިރު ވިއްކާލަން މިޖެހެނީ ހުރިހާ ރައްޔިތުންގެ މުދަލެވެ. ސަރުކާރުން ފުދުންތެރިކަން އިހުތިޔާރު ނުކުރުމުގެ ސަބަބުން، މިއަދު ހަރަދުކުރަމުން މިގެންދަނީ ދަރީންގެ ދަރީންގެ ފައިސާއެވެ. ހަރު މުދާ ރަހުނުކޮށް ވިއްކައި ހުސްކުރުމަކީ ހައްލެއް ނޫނެނެވެ. އެކަމަކު ކޮންމެވެސް އެއްޗެއް ދީގެން ނޫނީ ސަލާމަތްވާނެ ގޮތެއް ނެތެވެ. އެހެން ނޫނީ ރާއްޖެއިންވެސް ފެންނާނީ ދުނިޔޭގެ ގައުމުތައް ހަލާކުގެ ތެރެއަށް ދަތުރު ކުރަން ޖެހުނު މަގު ހުޅުވިގެންދާ މަންޒަރެވެ. ހަނގުރާމައެއްގެ މަލަމައްޗެވެ. މިއީ އަޅުގަނޑުމެންނަށް ވުރެ މާބޮޑެތި ގައުމުތައްވެސް ހަލާކުވެގެން ގޮސްފައިވާ މަގެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button