ޚަބަރުސިޔާސީ

ހުރިން ރައީސް ޔާމީނާއެކު، ދިމާވި ކޮންމެ ކަމެއްގަ މޭ އައްޑަނައަކަށް ހަދައިގެން ނިކުތިން: އަބްދުއްރަހީމް

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ދިމާވި ކޮންމެ ދަތި އުނދަގޫ ހާލަތެއްގައި ދެގޮތެއް ނުވެ، އެމަނިކުފާނުގެ އަރިހުގައި ތެދުވެރިކަމާއެކު އަމަލީގޮތުން ސިޔާސީ މަސައްކަތުގައި އުޅުއްވި ކަމަށް ޕީއެންސީގެ ޗެއާޕާސަން އަދި ރައީސް އޮފީހުގެ މިނިސްޓަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ ހަބަރަށްފަހު ޕްރޮގްރާމްގައި ރޭ ވާހަކަފުޅުދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ސިޔާސީ މައިދާނުގައި އެމަނިކުފާނު މީހާ ހިސާބަށް ވަޑައިގަތުމުގެ އެންމެ ބޮޑު ހިއްސާދާރަކީ ރައީސް ޔާމީން ކަމުގައެވެ. އެކަމަކަށް އަދިވެސް ބަދަލެއް ނާންކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ ”އެކްޓިވް ޕޮލިޓިކްސް“ ގައި އުޅުއްވަން ފެއްޓެވީވެސް ޔާމީނާއެކު ކަމުގައެވެ.

”އަބަދުވެސް ބުނަމުން އައީ ރައީސް ޔާމީނާއެކުގައޭ ހުންނާނީ. ހުރިން ރައީސް ޔާމީނާއެކު. އެމަނިކުފާނަށް ސިޔާސީގޮތުން މިހާތަނަށް ދިމާވި ކޮންމެ ކަމެއްގައި މޭ އައްޑަނައަކަށް ދިއްކޮށްގެން ނުކުތީ އަޅުގަނޑު. ޑރ.ޖަމީލެއް ނޫން ނިކުތީކީ. މަލީހެއް ނޫން ނިކުތީކީ. އެއީ މޭޑޭ، ފެބުރުއަރީ އެކެއް އަދި ވެރިކަން ބަދަލުވުމަށްފަހު މިދިޔަ 5 އަހަރު ކަމަށްވިޔަސް..“ އަބްދުއްރަހީމް ވިދާޅުވިއެވެ.

އެ ގޮންޖެހުންތަކާއި ތަކުލީފުތައް އުއުފުއްލެވީ ޕީޕީއެމް ޕީއެންސީގެ ލީޑަޝިޕްގެ ބޭފުޅުންކަން ފާހަގަކުރައްވައި އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމީންގެ އިސް ގާނޫނީ ވަކީލު އަދި ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލު އަހުމަދު އެމަނިކުފާނަށް އަމާޒުކޮށް ޖާހިލަށް ގޮވިޔަސް ޖާހިލުންނާއި ޢިލްމުވެރިން ކަނޑައަޅުއްވާނީ ޑރ.ޖަމީލާއި، ޖަމީލުގެ ކޮއްކޯފުޅު އަދި ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ނޫންކަމުގައެވެ. އަދި ޖަމީލު އެގޮތަށް ވިދާޅުވިޔަސް އެއްވެސް ޒާތީ ހަސަދަވެެރިކަމެއް ނުގެންގުޅުއްވާނެކަމުގެ ޔަގީންކަން އަބްދުއްރަހީމް ދެއްވިއެވެ.

ސިޔާސީ މަސައްކަތަށް ނިކުތްނެވިއިރުވެސް ސަނާކިޔުމަށްވުރެ ފާޑުކިޔުން ބޮޑުވާނެކަން އެނގި ވަޑައިގަންނަވާކަން ފާހަގަކުރައްވައި އަބްދުއްރަހީމް ވިދާޅުވީ ގައުމީ މަސައްކަތުގައި އަބަދުވެސް ދެމިހުންނަވާނެކަމުގައެވެ.

ރައީސް ޑރ.މުހައްމަދު މުއިއްޒު ވެރިކަމުގެ ހުވާ ކުރެއްވިތާ ހަފްތާއެއްގެ ތެރޭގައި ވިދާޅުވާގޮތަކަށް ލީޑާޝިޕުން ކަންކަން ނުކުރައްވާކަމަށް ވިދާޅުވުމަށް ފަހު ރައީސް ޔާމީން ވަނީ ޕީޕީއެމް ދޫކުރައްވައި ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) ގެ ނަމުގައި ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ކުރައްވަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button